އެލްޖީއޭ

އެލްޖީއޭ އިން ފޮނުވީ ރައީސް އޮފީހުން ލިޔެދިން ސިޓީއެއް: ނިޔާޒު

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑުކިޔާ ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނެއް ބާތިލުކުރަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެ ކައުންސިލަށް ފޮނުވި ސިޓީ އަކީ ރައީސް އޮފީހުން އެލްޖީއޭއަށް ލިޔެ ދިން ސިޓީއެއް ކަމަށް ތުހުމަތުކޮށްފި އެވެ.

މިތުހުމަތުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު އެވެ.

އެކްސްގައި އަލީ ނިޔާޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެލްޖީއޭ އިން ކައުންސިލް އަށް ފޮނުވި ސިޓީއަކީ ރައީސް އޮފީހުން ޑްރާފްޓްކޮށްފައި އެލްޖީއޭ އަށް ދަންވަރު ފޮނުވި ސިޓީއެއް ކަމަށެވެ. އެ މައްސަލަ މަޖިލީހަށް ލިބިފައިވާތީ ލާމަރުކަޒީ ކޮމިޓީން އެކަން ބަލާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އޮފީސް ހުޅުވުމުގެ ކުރިން އެލްޖީއޭ އިން އެ ސިޓީ ކައުންސިލަށް ފޮނުވާފައި އޮތް ކަމުގެ މައުލޫމާތު ވަނީ ލިބިފައި،" އަލީ ނިޔާޒު ވިދާޅުވި އެވެ.

އެލްޖީއޭ އިން ކެނދިކުޅު ކައުންސިލަށް އިންޒާރުދީ ކައުންސިލުން ނެރުނު ބަޔާން ބާތިލްކުރަން އެންގުމުން ލާމަރުކަޒީ ކޮމިޓީން ވަނީ އެ މައްސަލަ ބެލުމަށް ނިންމާފަ އެވެ.

ކެނދިކުޅުދޫ ކައުންސިލުން މިމަހުގެ ދެވަނަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އެ ރަށަށް ވަޑައިގެން، ރައްޔިތުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯދުމުގެ ގޮތުން ވާހަކަފުޅު ދެއްކެވި ކަމަށެވެ.

މިބައްދަލުކުރެއްވުމުގެ ވަކި ހިސާބަކުން ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ކެބިނެޓުގެ ބައެއް ބޭފުޅުން ދެއްކެވި ވާހަކަފުޅުގެ މިސްރާބު ބަދަލުވެގެން ދިޔައީ ސިޔާސީ ޕޯޑިއަމެއްގައި ރައީސް ނިސްބަތްވާ ސިޔާސީ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ދެއްކެވި ވާހަކަފުޅަކަށް ކަމަށްވެސް ބަޔާނުގައިވެ އެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ނޫސްބަޔާން ބާތިލުކުރުމަށް އަންގައި އެލްޖީއޭ އިން އެ ރަށު ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ރައީސްގެ ދަތުރުފުޅާ ދިމާކޮށް އެފަދަ ބަޔާންތައް ނެރުމުގެ ބާރު ކައުންސިލްތަކަށް ނުލިބޭ ކަމަށެވެ. އެހެންވެ އެ ބަޔާން ބާތިލްކުރުމަށް އެލްޖީއޭ އިން ވަނީ ކައުންސިލަށް އަންގާފަ އެވެ. ކައުންސިލުން ވަނީ ބަޔާން ބާތިލްނުކުރުމަށް ނިންމާފަ އެވެ.