ރޯދަ މަހަށް ހާއްސަކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ޑިންގީ ހާބަރު ސަރަހައްދުގައި މަސްމާރުކޭޓެއް މިއަދު ހުޅުވައިފި އެވެ.
ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި އެޗްޑީސީ އިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ހުޅުވި މި މަސް މާރުކޭޓަކީ ރޯދައަށް ހާއްސަކޮށްގެން ހުޅުވި ތަނެކެވެ.
މަސް މާރުކޭޓުގެ އިތުރުން ރޯދައަށް ހާއްސަކޮށްގެން އެޗްޑީސީ އިން ވަނީ ހިޔާ ސަރަހައްދުގައި ލޯކަލް މާރުކޭޓެއްވެސް ހުޅުވާފަ އެވެ. އެގޮތުން މި ލޯކަލް މާރުކޭޓުގެ ގޮޅިތައް މިހާރު ވަނީ އެކި މީހުންނަށް ހަވާލުކޮށްފަ އެވެ.
ރޯދަ މަސް ފެށުމާއި އެކު މި ލޯކަލް މާރުކޭޓު ހުޅުވި، ރޯދަ މަހުން ފެށިގެން ދެމަސް ދުވަހަށް ކުރިއަށް ދާނެ އެވެ. އަދި މި މާރުކޭޓު ހުންނާނީ ހިޔާ ފްލެޓް އެކެއް އަދި ދޭން އަދި ވިނަރެސް 9،10 ހުންނަ ސަރަހައްދު ގައެވެ.
މި މާރުކޭޓުގެ ބޭނުމަކީ މި ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މޭވާ އާއި ތަރުކާރީ އަދި އެހެނިހެން ބާވަތްތައް ފަސޭހަކަމާ އެކު ލިބޭނެ ގޮތް ހަމަޖެއްސުމެވެ.
އެޗްޑީސީ އިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލޭގައި ގިނަ ހިދުމަތްތައް ގާއިމްކޮށް ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން މި ރޯދަ މަހުގައި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ވީހަވެސް ފަސޭހަވާނެހެން ކަންތައް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޑީސީ އިން ބުނެ އެވެ.