މާލޭ ސިޓީ

އިއްޔެ އެކަނި މާލޭގެ މަގުތަކުން 60 ޓަނުގެ ކުނި ނަގައިފި

މާލޭގެ މަގުތަކަށް އަޅާފައިވާ ކުނި ނެގުމަށް ކުރެވުނު މަސައްކަތުން އިއްޔެ އެކަނިވެސް މަގުތަކުން 60 ޓަނާ ގާތްކުރާ އަދަދަކަށް ކުނި ނަގައިފި އެވެ.

ރޯދަ މަހަށް ގޭތެރެ ސާފުކުރުމަށްފަހު މާލޭގެ އެކި ސަރަހައްދުތަކަށް މިދިޔަ ހަފްތާ އިން ފެށިގެން އެތައް ކުންޏެއް ހުރީ އަޅާފަ އެވެ. މިކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ސިޓީ ކައުންސިލާއި ވެމްކޯއަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.

މާލެ ސިޓީ ކައުންސިލުން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު މަގުތަކުގައި ހުރި ކުނި ނެގުމަށް ކުރެވުނު މަސައްކަތުގައި އިއްޔެ އެކަނިވެސް މާލޭގެ 26 މަގަކުން ޖުމްލަ 59.6 ޓަނުގެ ކުނި ނާގާފައިވެ އެވެ.

ކުނިތައް ނެނގި މަގުތައް

  • ލޮނުޒިޔާރަތް މަގު
  • ބޮޑުތަކުރުފާނު މަގު
  • މާވެޔޮ މަގު
  • ޗާންދަނީ މަގު
  • އަމީނީ މަގު
  • ޝަބްނަމް މަގު
  • ދިލްބަހާރު މަގު،
  • ކަނބާއައިސާރަނީ ހިނގުން
  • ބުރުޒު މަގު
  • ބުރުޒު މަގު
  • ކުރިކީލަ މަގު
  • ބޮޑުރަސްގެފާނު މަގު
  • ކުނޫޒު ކަންމަތި

މާލެ ސިޓީ ކައުންސިލުން މިމަސައްކަތުގައި 3.5 ޓަނު އުފުލޭ ޕިކަޕާއި، ތިން ޓަނު އުފުލޭ ހަތް ޕިކަޕާއި، ދެ ޓަނު އުފުލޭ ޕިކަޕަކާއި، 1.5 ޓަނު އުފުލޭ 16 ޕިކަޕާއި، 0.350 ޓަނު އުފުލޭ 26 ޕިކަޕް ބޭނުންކޮށްފައިވެ އެވެ.

މާލޭގެ މަގުތަކަށް ކުނި ޖަމާކުރުމުގެ ބަދަލުގައި އެ ތަކެތި ވެމްކޯއާ ހަވާލުކޮށްގެން އުކާލުމަށް ކަމާ ގުޅޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.