ފިނިޕޭޖް

އައްމަޑޭއާ އެކު އިންޓަނެޓް ފަޅާލުން!

  • އަހަންނަށް ވުރެ މޮޅު އަދި ރަނގަޅު ޖަޖެއް ނުލިބޭނެ!
  • ފާޑުކިޔާ މީހުންގެ ތެރޭގައި ބޯސަކަރާތް މީހުން އެބަތިބި
  • ލޯބި ވެވުނީ ނަމްބަ ވަން ފޭން ދެކެ!

އެންމެކުރިން، ދިވެހި މިއުޒިކްގެ ގަދަފަދަ ލެޖެންޑުން އުޅުނީ އޭނާ އުރާލައިގެންނެވެ. މިއަދު އޭނާ މި އުޅެނީ ދިވެހި މިއުޒިކްގެ ތަހުތު އުރާލައިގެންނެވެ. މިއީ އެ ފަންނާނެއްގެ ވާހަކަ މިހައި ފަރިކޮށް ނުވަތަ ފޮނިކޮށް ނޫން ގޮތަށް ފަށައިގެން އެމީހަކަށް ދޭން ޖެހޭ އިހްތިރާމަކާއި ގަދަރެއް އޭގެ އެންމެ ފުރިހަމަ މިނުގައި ނުދެވިދާނެ އާޓިސްޓެވެ.

އޭނާގެ އަޑާއި ޖާނު ވެސް އަދި އެ ކެރެކްޓާ ވެސް ހަމަ އެހާ ވަރުގަދައީ އެވެ. ގަވާއިދުން މޯލްޑިވިއަން އައިޑޮލް ބަލާ އެންމެނަށް މި ހަގީގަތް އެނގޭނެ އެވެ.

އަހުމަދު އިބްރާހިމް ނުވަތަ ލަވައިގެ ސްޓޭޖަށް މަޝްހޫރު ނަމުން ނަމަ އައްމަޑޭ އާއި މިއުޒިކާއި ލަވައާ ދެމެދު ހިތާއި ހިތުގެ ގުޅުމެއް ފައްކާވެގެން ދިޔައީ ޒީރޯ ޑިގްރީގެ ފްލޫ ނާޝިދު އާއި ދިވެހި މިއުޒިކްގެ އެހެން ލެޖެންޑުން ވެސް އޭނާ އުރައިގެން އުޅުނު ޒަމާނުން ފެށިގެންނެވެ. މިއުޒިކްގެ ޑައިރީ ހުޅުވާލާއިރު އައްމަޑޭގެ އެންމެ ދުރު ހަނދާނަކަށް ވެސް އޮތީ އެ ވާހަކަ އެވެ.

ކުރު ގޮތަކަށް ބުނަނީ ނަމަ އޭނާ ބޮޑުވީ ލަވަ އާއި މިއުޒިކް އަދި ވަކިން ހާއްސަކޮށް ބޮޑުބެރުގެ ހަރުބީ މެދުނުކެނޑި އޭގެ ފުރިހަމަ ފޯރީގައި އިވެމުން ދިޔަ ގެއަކަށެވެ. އެއަށް ފަހު އުމުރުން މިހާރު 29 އަހަރުވެފައިވާ މި ލަވަކިޔުންތެރިޔާ އަތި މިއުޒިކްގެ އެތައް އާލާތަކަށް ފަރިތަވެފައިވާ މި ހުނަރުވެރިޔާގެ މިއުޒިކް ކެރިއަރަށް މިހާރު 15 އަހަރުވީ އެވެ.

އާމްދަނީއެއް ލިބޭ މަސައްކަތަކަށް އަމިއްލަ ހުނަރު ބަދަލުކޮށް ސްޓޭޖަށް އަރަން އޭނާ އެންމެ ފުރަތަމަ ދުއްވައިގަތީ އުމުރުން 14 އަހަރުގަ އެވެ. އެކަމަކު އެންމެ ފުރަތަމަ އޭނާ ލަވައެއް ނުކިޔަ އެވެ. ކުޅުނީ ގިޓާ އެވެ. ޖެހީ ޑްރަމް އެވެ. ކުޅުނީ ކީބޯޑެވެ. ފަރިކުރީ ބޭސް ގިޓާއެވެ. ލަވަކިޔުންތެރިޔަކަށް އައްމަޑޭ ފައްކާވީ މިހުރިހައި އެހެން އިންސްޓްރުމެންޓްތަކެއް ކޮށައި މަށައި، ރޮލާ އެ ހުރިހާ އެއްޗެއް ކާލައިގެން ހުއްޓަ އެވެ.

އެއަށް ފަހު އެތައް ބޭންޑެއް ވެސް ފަތަހަކުރި އެވެ. އެންމެފަހުން މިހާރު ކުޅެމުން އަންނަނީ އަމިއްލަ ބޭންޑް "ދަ ވުޑްސް" ގަ އެވެ. އެކަމަކު މިއީ އަދިވެސް އެންމެކުރީގެ އައްމަޑޭ އެވެ. ސްކޫލަށް ގޮސް ޑެސްކުތަކުގައި ތަަޅައި ލަވަކިޔައި ހަޅޭފަޅޭޖެހި ފޯރިއާއި ޖޯޝުން ފުރިފައިވާ އައްމަޑޭ އެވެ.

ތިރީގައި މި އޮތީ އަވަސް ވީކެންޑަށް އޭނާ ދިން ހާއްސަ އަދި އެވަރަށް ދިގު އިންޓަވިއުގެ މުހިންމު ބައިތަކެވެ.

އެންމެ ފުރަތަމަ ވެސް ހިނގާ ލުކާ ހަމައިން ފަށައިގަންނަން. އައްމަޑޭއާ ހިސާބުން ލުކްސް ވަރަށް މުހިންމު އެބަވޭ މިހާރު. ހާއްސަކޮށް މި ދުވަސްކޮޅު. އައްމަޑޭގެ ހިޔާލުގައި ލުކްސް ކިހާ ވަރަކަށް މުހިންމުވޭތަ، ހާއްސަކޮށް އައްމަޑޭ ކަހަލަ އާޓިސްޓަކަށް ވާންބަލާއިރު؟

"ލުކްސް ގެނެވޭ އެބަ ބައިވަރު ގޮތްގޮތަށް. މިސާލަކަށް، އިޓް ޑަޒަންޓް ޑިޕެންޑް އޮން މީހާ ހުންނަލެއް ރީތި. އެމީހެއްގެ ސްކިން ޓޯންއަކަށް. އެއެއް ނޫން އަސްލު. މީހާ ރީތިކުރެވޭނެ ދޯ. ކަމެއްވެގެން މިކިޔަނީ އާޓިފިޝަލް. ކިތަންމެ ހަޑިކޮށް ހުއްޓަސް އާޓިފިޝަލްކޮށް އެ މީހާ ވަރަށް ރީތިކޮށްލެވިދާނެ. އެކަމަކު ލުކެއް އަންނަން ޖެހޭނެ. އެއީ އެޓިޓިއުޑާ އެއްކޮށް އަންނަ އެއްޗެއް."

"މިސާލަކަށް މީގެ ގާތްގަނޑަކަށް 7-8 ވަރަކަށް އަހަރުކުރިން މީރާއާ އެކު ލަވައެއް ކިޔައިގެން މުޅި މީހާ ވަރަށް ބޮޑަށް މަޝްހޫރުވެގެން ދިޔައީ ފުރަތަމަ. ދިޔައިރު މީރާ، އައުޓް އޮފް ދަ ވޯލްޑް ހަމަ ވަރަށް ރީތި އަންހެން ކުއްޖެއް. ފެޝަން ވެސް ވަރަށް ރަނގަޅުކޮށް. އޯވަރޯލްކޮށް އޭނާ ހިނގައިގެން ދިޔަ ވަރަށް ބޮޑަށް. އެހެންވީމަ އޭނައާ އެއްވަރަކަށް އައްމަޑޭ ވެސް ދާން އެބަޖެހެއޭ ހިތަށް އެރީ. އެކަން އެގޮތަށް ކުރަން ބަލާއިރު މަސައްކަތެއް ވެސް ކުރަން އެބަޖެހޭ"

"އަޅުގަނޑަކީ އަނެއްހެން އެހާ ރީތި މީހެއް ނޫން. ކަޅުކަޅު ފަލަފަލަ ގޮލައެއް. އެކަމަކު އޭރު ހިތަށް އެރީ އައްމަޑޭގެ ވެސް ޕްރޮޑަކްޓެއް ވިއްކަންޔާމު އެބަޖެހެއޭ މަސައްކަތެއް ކުރަން. އެގޮތުން ބެލީ މީހުންނަށް އުނދަގޫވާ ކަހަލަ، މީހުން ގިނައިން (އަޅުގަނޑާ ބެހޭ ގޮތުން) ވާހަކަ ދައްކާ ކަހަލަ ގޮތަކަށް ހުރެވޭތޯ."

މޯލްޑިވިއަން އައިޑޮލްގައި ވެސް އައްމަޑޭ ޖަޖުކުރާއިރު ލުކްސް އަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ބުނެފައިވޭ. ގިނަ ބަޔަކަށް އެހާ ކަމުދާ ހިޔާލެއް ވެސް ނޫން އެއީކީ. އެމީހުން ބުނަނީ އައްމަޑޭ އަކީ ވެސް ލުކްސްގެ ގޮތުން އެހާ ރީތި މީހެއް ނޫނޭ. އެކަމަކު ލަވަކިޔައޭ. ކިހިނެތްތަ މި ވަނީ؟

"ލުކަކީ ވަރަށް މުހިންމު އެއްޗެއް އަސްލު މީހާގެ ލައިފްސްޓައިލް އާއި އެޓިޓިއުޑާ ގުޅުވައިގެން އެކަން ކުރަންވެއްޖެއްޔާ. އަސްލު (އަޅުގަނޑު) ފަހަތަކަށް ނުބަލަން. އަބަދުވެސް ކުރިއަށް ވިސްނައިގެން ކަންތައްކުރާތީ އަޅައެއް ނުލެވޭ މީހުން ކިޔާ އެއްޗިއްސަކަށް. އެކަމަކު މިއަދު އެންމެ ބޮޑު ކުރިއެރުމެއް ލިބިފައި މި ވަނީ މީހުން އަޅުގަނޑާ ދިމާލަށް އެއްޗެހިކީމަ"

"ގިނައިން (އެމީހަކާ ބެހޭ ގޮތުން) ވާހަކަ ދައްކާ ވަރަކަށް މަޝްހުރުވާނެ. ދޯ؟"

"ލުކެއް އަސްލު ހަގީގަތުގައި ނެތް. އެހެންވީމަ ސާކާސްޓިކް ކޮމެންޓްސް ދަނީ ދުވަހަކަށް ވުރެ ދުވަހެއް މިއަށް ގިނަވަމުން. އެކަމަކު ލުކް ހަމައެކަނި ޑިފައިން މިކޮށްދެނީ މީހާގެ ރީތިކަމެއް ނޫން. އެ މީހާ ލާ އެއްޗެހިންނާއި އެމީހާގެ އެޓިޓިއުޑުން އޭނާގެ ލުކް ވަރަށް ޕްރެސައިސްކޮށް އެނގޭނެ"

"މީހުން ފާޑުކިޔާ އަބަދުވެސް. ފެއްޓުނީއްސުރެން ވެސް ފާޑުކިޔަމުން އަންނަނީ. ވަކި ފަހަތަކަށް ނުޖެހެން އަޅުގަނޑެއް. އެމީހުން ކިޔާ އެއްޗަކަށް ދެރަވެގެން ސްޓައިލް ވެސް ބަދަލުކޮށްފައެއް ނުހުންނާނެ. އަދި އަޅުގަނޑަށް ހަމަ ރަނގަޅީ ވެސް ގިނައިން މީހުން އެއްޗެހިކީވަރެއް. އަޅުގަނޑުގެ ފެޝަން ސިމްބަލް ދާނީ ދުވަހަށް ވުރެ ދުވަހެއް ބޮޑުވަމުން. އިޓް ޑަޒަންޓް މޭކް އަ ޑިފަރެންސް ހަމަ ކިތަންމެ އެއްޗިއްސެއްކިޔަސް."

ލުކްސް މުހިންމުވާކަން އައްމަޑޭ އަށް ވިސްނުނު ހިސާބަކީ ކޮބާ؟

"އެހނަދާނުގައި ޝޯ ގައި ފުރަތަމަ ލަވަކީ ހިސާބުން ފެށިގެން އަޅުގަނޑުގެ ޕްރޮމޯޝަނަށް އަޅުގަނޑަށް ވިސްނުނީ ދެމިގަންނާނީ އަޅުގަނޑުގެ ސްޓައިލުންނޭ. އަދި ކޮންމެ ކޮންމެ މީހަކަށް ލަވައެއް ވެސް ނުއެއް ކިޔޭނެ. ތިބޭނީ ނެޗުރަލް ބޯން ޓެލެންޓެޑް ލަވަކިޔުންތެރިންނާއި މަސައްކަތްކޮށްގެން ލަވަކިޔުންތެރިންނަށް ބަދަލުވެފައި ތިބޭ މީހުން"

"މިސާލަކަށް މެސީ އާއި ރޮނާލްޑޯ އަށް ބެލިޔަސް މެސީ އަކީ ނެޗުރަލް ކުޅުންތެރިއެއް. ރޮނާލްޑޯ އަކީ ހަދާފައި ހުރި އާޓިފިޝަލް ކުޅުންތެރިއެއް. އެހެންވީމަ އެ ތަފާތު ފެންނާނެ. އަޅުގަނޑު ބޭނުމެއް ނޫން މެސީއަކަށް ވާކަށް. އަޅުގަނޑު ބޭނުމީ ރޮނާލްޑޯ އަށް ވާން. ދެން ސީދާ އެހެންނެއް އަޅުގަނޑެއް ނުހުރެދާނެ. އެކަމަކު މި ބުނަނީ ސްޓައިލް ވައިސްކޮށް. ރާއްޖޭގެ އެހެން ހުރިހާ އާޓިސްޓުންނާ އަޅުގަނޑު ތަފާތުވާނެ."

މޯލްޑިވިއަން އައިޑޯލް. ވަރަށް ވެސް ބޮޑު ޕްލެޓްފޯމެއް. މި ފަދަ ޕްލެޓްފޯމެއްގައި މަސައްކަތްކޮށްލަން ލިބުން އައްމަޑޭ ސިފަކުރާނީ މިއުޒިކް ކެރިއަރުގެ ކިހާ ބޮޑު ކާމިޔާބީއެއްގެ ގޮތުގައިތަ؟

"މިހާތަނަށް އެންމެ އުފާވި އެއް ދުވަސް އެއީ މޯލްޑިވިއަން އައިޑޮލްގެ ޖަޖަކަށް ހޮވުނު ދުވަސް. އަޅުގަނޑުމެންގެ ޔަންގް އޭޖުގައި މި އައިޑޮލްއެއް އައި ނަމަ އަޅުގަނޑުމެން އިހްމާލެއް ނުވާނަން. ވަރަށް ތައްޔާރުވާނަން. ރެސްޕެކްޓްކުރާނަން. މީހުން އިހްތިރާމް ހޯދަން މަސައްކަތްކުރާނަން މިކަހަލަ އެއްޗެއްގައި ބައިވެރިވެގެން"

"ކަން ދިމާކުރި ގޮތުން އެހެނެއް ނުވި. އެކަމަކު އައިޑޮލްގެ ޖަޖަކަށް ވެވުމަކީ ވަރަށް އުފާވެރި ކަމެއް. އެންމެ އުފާވެރި އެއް ކަންތައް މިއީ ހަޔާތުގައި އައި މިހާތަނަށް. ކެރިއާ ވައިސްކޮށް ބަލާ ނަމަ."

މި ޝޯ އަށް ޖަޖުން އިއުލާނުކުރީމަ އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ ޖަޖުންނަށް. އައްމަޑޭއާ ދިމާލަށް ވެސް މީހުން ވަރަށް އެއްޗެހި ކި. ކިހިނެތްތަ އެ ފާޑުކިޔުން ބަލައިގަންނަނީ؟

"ދިވެހިންނަކީ އާންމުކޮށް ހަމަ ވަރަށް ފޮނި ބައެއް. ކޮންމެވެސް އެއްޗެކޭ ކިޔަކިޔާ އަބަދު ތިބޭނީ ވެސް. އެ ވާހަކަ ދެއްކުމަކުން ނުވަތަ ފާޑުކިޔުމަކުން ނެތް ހަގީގަތުގައި މައްސަލައެއް. އެގޮތަށް ކިތަންމެ ވަރަކަށް ފާޑެއްކިޔަން ހުރިހާ އެންމެން ކަހަލަ ގޮތަކަށް އެނގޭނެ މިއީކީ ރާއްޖެއިން ބަޔަކު ހޮވާފައި ތިބި ބައެއް ނޫންކަން. މިއީ ބޮޑު ސިންގާ ފްރެންޗައިޒްއަކުން ވަރަށް ރަނގަޅު، ވަރަށް މޮޅު އެނަލިސްޓުންތަކެއް ހޮވާފައި ތިބި ތިން ޖަޖުންކަން"

"އެހެންވީމަ އެމީހުން ނުކީ ފާޑެއް ކީއްކުރަން މި މީހުން ކިޔަންވީ؟ އެއީ ބުނެލަން އޮތް އެއްޗަކީ."

މީހުން ބުނޭ އައްމަޑޭމެން ފަދަ އާޓިސްޓުންނަށް މި ޝޯގެ ޖަޖެއްގެ ގޮތުގައި ފުރުސަތު ލިބުމުގެ ފަހަތުގައި ސިޔާސީ ބާރުގަދަ އަތްތަކެއްގެ އެހީ ވެސް އެބައޮތޭ. އެއީ ކިހާވަރެއްގެ ހަގީގަތެއްތަ އަނެއްކާ؟

"އައިޑޮލް އަކީ ބޭރުގެ ފްރެންޗައިޒް ޝޯއެއް. ދެން ފާޑުކިޔާ މީހުން މި ބުނަނީ އޭގެ ތެރެއަށް މި ވަންނަނީ ސިޔާސީ ޕާޓީއޭ، ޕޮލިޓިކްސްއޭ. އެކަމަކު އެކަހަލަ އެއްވެސް ކަމެއް އޭގެ ތެރޭގައި ހިމެނިގެން ނުވާ އެއްޗެއް މި ޝޯ އަކީ. އެވަރުގެ އެގްރީމެންޓެއްގައި އަޅުގަނޑުމެން ސޮއިވެސް ކުރަން މި ޖެހެނީ ހުރިހާ ކަމެއް ދޫކޮށްލާފައި."

"އެހެންވީމަ ބުނެލަން ބޭނުންވަނީ އައިޑޮލްގައި ތިބި ތިން ޖަޖުންނަކީ އެއްވެސް ސިޔާސީކަމެއްގައި އެކްޓިވްނުވާނެ ތިން ޖަޖުންނޭ. އޭގެ ތެރެއިން ވެސް އަޅުގަނޑު ބޭނުން އަޅުގަނޑު ފާހަގަކޮށްލަން ވަކިން. އަޅުގަނޑަކީ މި އެގްރީމެންޓެއްގައި ސޮއިކުރި ހިސާބުން ފެށިގެން ސިޔާސީ އެއްވެސް އައުޓްލެޓެއްގައި އުޅޭ މީހެއް ނޫން."

ޝޯގައި ވާދަކުރާ ކުދިންގެ ލުކްސް ހާއްސައޭ ކިޔައިގެން އައްމަޑޭ ކޮމެންޓްކުރާނީ މި ޝޯ ބަލާ މީހުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވޭ. އެމީހުންނަށް ކިޔައިދީބަލަ މިފަދަ މުބާރާތެއްގައި ވާދަކުރާ ބައިވެރިއެއްގެ ލުކްސް ތިބުނާ ވަރަކަށް މުހިންމުވާ ގޮތް؟

"ޝޯ ބަލާ މީހުންނަށް އަސްލު ވަރަށް ގެޓްނުވާ ތަންކޮޅެއް އެއީ، ލަވަކިޔުންތެރިއެއްގެ އަހަރެމެން މިކިޔާ ލުކްސްއާ ޕަފޯމެންސްސާ މިއެއްޗެހި އިތުރުކުރާށޭ ބުނީމަ ބަލާ މީހުންނަށް މި ހީވަނީ މިއީ ލަވަމުބާރާތެކޭ. ލަވަ މުބާރާތެއްގައި ލަވަ އެކަންޏޭ ކުރިއަށް ގެންދެވޭނީ."

"ޔޫ-އާ ޓޯޓަލީ ރޯންގް."

"މިއީ ލަވަމުބާރާތެއް ނޫން. ލަވަ އެކަންޏެއް ނޫން މީގައި ކިޔަން ޖެހޭނީ. މީގެ ތެރެއިން މުޖުތަމަ އަށް މި ނެރެނީ ވަރަށް ފުރިހަމަ އާޓިސްޓެއް. މީގެއިން އެއް ވަނަ އަށް ދާ އާޓިސްޓަކީ މުޖުތަމައަށް ނުކުންނައިރު ވަރަށް ރެސްޕެކްޓް ލިބި އެހެން މީހުންނަށް އިހްތިރާމްކުރަން އެނގޭ އަދި ނުވިތާކަށް އަހުލާގީ މިންގަނޑު އެންމެ އެންމެ އެންމެ ރަނގަޅުވާނެ އާޓިސްޓް."

"ލަވަކިޔުންތެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު މި ބުނަނީ މީހަކު ބަލާކަށް ބޭނުމެއް ނުވާނެ އެއްވެސް ކަހަލަ ސްޓައިލެއް ނޫނީ މިއޮތް ޕޮލިޝް ވޯލްޑްގައި ނުފެންނާނެ އާޓިސްޓެއް ޕްލެއިން ގަމީހަކާއި ފަޓުލޫނުބުރިއެއްގައި. ބުނެލަން ބޭނުންވޭ ރާއްޖޭގެ މީހުންނަށް ނޭނގެއޭ. ގަލެއްގެ ދަށުގައޭ ތި ތިބެނީ. ތި ގާ ފުރޮޅާލައިގެން ދުނިޔެ އަށް ނުކުންނާށޭ. ނުކުންނައިރު މުޅި ދުނިޔޭގައި އޮންނަ އުސޫލަކީ މިއޭ. މީތި ނޭނގެނީ އަދި. އެއީ ވާގޮތަކީ."

އައިޑޮލްގައި ވާހަކަ ދައްކާއިރު އައްމަޑޭގެ ސްޓައިލް އާއި ބޭނުންކުރާ ބަސްތައް އެއް ބަޔަކަށް ވަރަށް ކަމުދޭ. އަަދި އެބައުޅޭ ތިޔައީ ބަހަށް ކުރަފި އަރުވާ މީހެކޭ ކިޔާ ގްރޫޕެއް ވެސް. އެފަދަ ފާޑުކިޔުންތައް އައްމަޑޭ ބަލައިގަންނަ ގޮތަކީ އަދި އެފަދަ ފަރާތްތަކަށް ބުނެލަން ބޭނުންވަނީ ކީކޭ؟

"އައިޑޮލް ފެއްޓުނީއްސުރެ ވަރަށް ފާޑުކިޔުންތައް ލިބެމުން ދަނީ. ފާޑުކިޔުން އޭގެ ތެރޭގައި އަންނައިރު އަސްލު ނޮންސެންސް ބައި ވެސް ވަރަށް ގިނަ އޭގައި. ދެން ހަމަ ތާކުންތާކުނުޖެހޭ، ގޭގައިި ތިބެފައި ކުރާނެ ކަމެއް ނެތިގެން މެސެޖުކޮށްލާ މީހުން ވެސް އެބައުޅޭ. ބޯސަކަރާތް މީހުންނޭ ވެސް އަޅުގަނޑަށް ބުނެވިދާނެ އޭގެ ތެރެއިން ބައެއް މީހުންނަކީ."

"ދެން، ފަޅާލަނީ އިޝޫ ވަރަށް ބޮޑުވެގެން ދިޔަ. އެކަމަކު ކޭކު ފެޅޭ، ބޯކިބާ ފެޅޭ އެކަމަކު ލަވައެއް ނުފެޅޭ. މިއީ ދެން ވަރަށް ބޮޑު ޖޯކެއް އައްމަޑޭ އަށް. ދެން އާންމުކޮށް މާލޭގައި ގޭގޭގައި އާދެ ލައްބަ ކިޔައިގެނެއް ނޫން ވާހަކަ ދައްކަނީ. މީހުން ރައްޓެހިންނާއި ތިމާގެ މީހުންނާ ވާހަކަ ދައްކަނީކީ ވެސް އާދެ ލައްބަ ކިޔައިގެން ދިވެހި ރީތި ބަސްތަކެއް ބޭނުންކޮށްގެނެއް ނޫން."

"އަހަރެން ވާހަކަ (މި) ދައްކާ ގޮތަށް ވާހަކަ ދައްކަނީ. އޭތި ކުރިމަތިން އެކްސެޕްޓްކޮށްފައި ޓީވީ (އިން ފެނުނީމަ) އެކްސެޕްޓްނުކުރެވޭހާ ހިނދަކު އަޅުގަނޑަށް ފެންނަނީ އެ ވާހަކަ ދެން ނުދައްކަން. ކައިރީގައި އޮންނާނެ ޓީވީގެ ރިމޯޓެއް. އުނދަގޫ ވަންޏާމު ޗެނަލް ބަދަލުކޮށްލައްވާ."

އައްމަޑޭގެ ހިޔާލުގައި މިގޮތަށް މި ފެންވަރުގެ ޝޯއެއްގައި ވާހަކަ ދެއްކުމަކީ ނުވަތަ ވާހަކަ ދެއްކުމުގެ މިކަހަލަ ސްޓައިލެއް ތައާރަފްކުރުމަކީ ނުވަތަ ޕްރޮމޯޓްކުރުމަކީ ކޮން ކަހަލަ ކަމެއްތަ؟

"އެއީ މީހުންނަށް ހީވާ ގޮތެއް ކަމަށް އަޅުގަނޑު ބަލަނީ. އަޅުގަނޑުގެ ވާހަކަ ދެއްކުމުގެ ސްޓައިލަކީ އަޅުގަނޑު ޕްރޮމޯޓްކުރަން ބޭނުންވާ އެއްޗެއް ނޫން. އަޅުގަނޑުގެ ވާހަކަ ދެއްކުމަކީ ރާއްޖޭގެ ރައްޔިތުން ވާހަކަ ދައްކާ ގޮތް. އޭތި އިތުރަށް ޕްރޮމޯޓްކުރާކަށެއް އަޅުގަނޑު މަސައްކަތެއް ނުކުރަން. އެކަމަކު އެކަހަލަ ކްއޯޓެއް އައިސްފިއްޔާމު ބުނެލަން އޮތީ ގާތްގަނޑަކަށް ކިތައް މީހުންނާތޯއޭ އެ ބޭފުޅަކު ތިއްތި ބަހުން ވާހަކަ ދައްކަނީ. ދެން ވާހަކަ ދައްކާއިރު އަޅެ ވާހަކަ ތި ދައްކަނީ އަޅުގަނޑު ވާހަކަ ދައްކާ ގޮތަކަށް ނޫން ހެއްޔޭ؟"

އުނޫޝާ އާއި ކުޑައިއްބެ އަދި ތޭރަވާއާ އެކުގައި ތި މަސައްކަތްކުރަނީ މި ޝޯގައި. ކިހިނެތް އެ މީހުން ސިފަކުރާނީ؟ ވަރަށް ފަސޭހަތަ އެމީހުންނާ އެކުގައި މަސައްކަތްކޮށްލަން؟

"އަޅުގަނޑުގެ އެންމެ ގާތް އެއް އަޚް އިބްރާހިމް ޒައިދު އަލީ (ކުޑައިއްބެ) އަކީ. ތޭރަވާ އާއި ކުޑައިއްބެ. ޕަބްލިކަށް އަޅުގަނޑު ނެރެދިން ދެ މީހުންނަކީ މި ދެ މީހުން. މިއުޒިކް ކުޅޭތާ އެތައް ޒަމާނެއްވީ ފަހުން މި މީހުން ބުނެފި ޕަބްލިކަށް ނެރޭވަރުގެ އަޑެކޭ އަޅުގަނޑުގެ އަޑެކޭ. މި ފުރުސަތުގައި އެ ދެ މީހުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްލަން ބޭނުންވޭ."

"ދެން އުނޫޝާއާ ބެހޭ ގޮތުން އެއްޗެއް ބުނެލާ ނަމަ ބުނެވޭނީ އުނޫޝާ އަކީ ރާއްޖޭގެ އެންމެ ޓެލެންޓެޑް އެއް އަންހެން ލަވަކިޔުންތެރިޔާއޭ ބުންޏަސް އެކަން ދޮގަކަށް ނުވާވަރުގެ ޓެލެންޓެޑް ލަވަކިޔުންތެރިއެއް. ވަރަށް ކުރީގައި ވެސް ލަވަކިޔަމުން އައި އަދި އެކްސްޕީރިއަންސް ވައިސްކޮށް ވެސް މިހާރު މާލޭގައި ނެތްވަރުގެ ރަނގަޅު އާޓިސްޓެއް އޭނައަކީ. އާޓިސްޓެއްގެ ޕާސްޕެކްޓިވް އިން އޭނަ އަށް ބުނެލަން ބޭނުން ވަނީ ވަރަށް ބޮޑަށް ތެންކިޔޫއޭ އަބަދުވެސް މިއުޒިކަށް ތިކޮށްދެއްވާ ކަންތައްތަކަށް."

"ދެން ބައެއް ފަހަރު އެހެން އަންނާނެ ރުޅިއަންނަ ތަންތަންކޮޅު. އުނޫޝާއާ ވެސް ކުޑައިއްބެއާ ވެސް ހަމަ މައްސަލަޖެހިދާނެ. އެކަމަކު އެ މައްސަލައަކީ އެ ވަގުތުގައި އެ އަންނަ ފަސް ދިހަވަރަކަށް ސިކުންތު ތެރޭގައި ހިތުގައި އޮންނަ އެއްޗެއް. އޭގެ ފަހަކުން ހަނދާނެއް ވެސް ނުހުންނާނެ. މި ތިބެނީ ތިން ހިޔާލުގެ ތިން ޖަޖުން. ތިބޭއިރު އަންނާނެ ތަފާތެއް."

އައްމަޑޭ ގަބޫލުކުރަންތަ އައިޑޮލް ޝޯ އަށް ތިއަށް ވުރެ ރަނގަޅު ތިން ޖަޖުން ލިބިދާނެ ކަމަށް މި ރާއްޖެއިން ދެން. ވަކިން ހާއްސަކޮށް އައްމަޑޭ އަށް ވުރެ ރަނގަޅު އެހެން ޖަޖެއް ލިބިދާނެހެން ހީވޭތަ މި ޝޯ އަށް؟

"އަޅުގަނޑުމެން ތިން މީހުންނަށް ވުރެ ރަނގަޅު ތިން މީހުން އައިޑޮލް އަށް ލިބިދާނެ ހެއްޔޭ ސުވާލަކީ. ލިބުނު ނަމަކާއެއް އަޅުގަނޑުމެންނެއް ނުތިބޭނެ ދޯ އެތަނަކު."

"އަހަންނަށް ވުރެ މޮޅު ޖަޖެއް ވެސް ނުލިބޭނެ. އަހަންނަށް ވުރެ ރަނގަޅު ޖަޖެއް ވެސް ނުލިބޭނެ. އަހަރެންހާ ސާކާސްޓިކް ޖަޖެއް ވެސް ނުލިބޭނެ. އެއީ ލިބުނު ނަމަ އައްމަޑޭއެއް ނޫނޭ އެތަނުގައި އިންނާނީ. އެމީހަކު ހުންނާނީ."

ވަރަށް ގިނަ މީހުން ބުނޭ މި ޝޯ މިވަރަށް ކާމިޔާބުވުމުގެ އެއް ސިއްރަކީ ތިން ޖަޖުން ކުރީކޮޅު ޖެހި ސަކަރާތޭ. ބައެއް މީހުން ބުނޭ ޖަޖުންގެ އެ ސަކަރާތް އެއީ ދެން ފުކެއް ބޮޑުވަރޭ ވެސް. މިއަށް ކީކޭ އައްމަޑޭ ބުނެލާނީ؟

"އައްމަޑޭމެން އެ ޖަހާ ސަރަކާތަކީ ނެޗުރަލް ކަމެއް. ކޮންމެ މީހަކަށް ވެސް މިސާލަކަށް ބަލަމާ ހިނގާ، ކުރިމައްޗަށް އަރައި މީހަކު އަދި ހަޑިކޮށް ލަވައެއްކިޔަސް، ހަމަ ހޭނެ ދޯ. މީހުންނަށް މަޖާވާނީ. އަޅުގަނޑަށް ވަރަށް ކައިރިން ފެނިފައި ހުރި މަންޒަރުތައް މިއީ. ލަވަކިޔަން ނޭނގޭ މީހަކު ގޮސް އަރައި ލަވައެއް ކިޔާލާއިރު ބައިބައިބޯ މީހުން ހީ ސަކަރާތް ޖެހުން."

"އެހެންވީމަ މީތި އަހަރެމެންގެ ޓީވީ އިން ދެއްކީމަ ކަމުނުދާން ޖެހޭ ސަބަބެއް އަޅުގަނޑަކަށް ހަމަ އެއްވެސް ވަރަކަށް ގެޓެއް ނުވޭ. މަޖާވާން ޖެހޭނެ. ސަކަރާތް ޖެހެން ޖެހޭނެ. ހިނި ވެސް އަންނަން ޖެހޭނެ މަޖާކޮށް ލަވަކިޔައިފިއްޔާމު. ރީއްޗަށް ލަވަކިޔައިފި ނަމަ ތައުރީފު ވެސް ކުރަން ޖެހޭނެ. މި ދެ ބައި ދެގޮތަށް އިންނާނެކަން ހުރިހައި އެންމެން ވެސް ގަބޫލުކުރަންވީ."

އައްމަޑޭ ތި ޖަޖުކުރަނީ މުޅި ރާއްޖެ. މީހުން ޖަޖުކުރުމަކީ ވަރަށް ފަސޭހަ ކަމެއްތަ؟

"މީހުން ޖަޖުކުރުމަކީ އަސްލު ފަސޭހަ ކަމެއް ނޫން. ބައެއް ޕޮއިންޓް އޮފް ވިއުތަކުގައި މީހުން ބުނޭ އައްމަޑޭ ތަންކޮޅެއް ސްޓްރިކްޓީއޭ. އެކަމް އަސްލު ވިސްނައިފިއްޔާމު އެއީ ހަގީގަތް ދޯ. ހަގީގަތާ އެއްގޮތަށް ވާހަކަ ދައްކަން ޖެހޭނީ. އެހެން މީހަކު ލިޔެދީގެން އަޅައިދީފަ އޮންނަ އެއްޗެއް ނޫން. އެމީހެއްގެ ހިތުގަ އާއި ސިކުނޑީގައި އޮންނަ އެއްޗެއް އަބަދުވެސް ނެރެންޖެހޭނީ. އެހެންނޫނީއްޔާމު އެމީހާ ދެއްކެނީކީއެއް ނޫން. އެމީހާގެ އިންސައިޑެއް ނޫން، ޕާސަނާލިޓީއެއް ނޫން އެ ދެއްކެނީ"

"މުޅިން ފޭކު އައިޑީއެއް ނޫން އެދެވެނީ ޕަބްލިކަށް. އަހަރެން ބޭނުމެއް ނުވޭ އަހަރެންގެ އަމިއްލަ ގޮތްގަނޑު ނޫން އެހެން އެއްވެސް ގޮތެއް ރައްޔިތުންނަށް ދައްކާކަށެއް. މިއީ މަ. މިއީ އައްމަޑޭއަކީ."

"ފުދޭވަރަކަށް ބޮޑު ޗެލެންޖަކާ ކުރިމަތިލައިގެން އަޅުގަނޑު މީގައި ސޮއިކުރީ ވެސް. އަޕްސް އެންޑް ޑައުންސް އަންނާނެކަން ވެސް އެނގޭ. އެކަމަކު ވެސް ޕާސަނާލިޓީ ގެއްލުވައެއް ނުލާނަން. ހަމަ އައްމަޑޭ ފެންނާނީ އަބަދުވެސް އައްމަޑޭގެ ގޮތުގައި."

އާންމު ދިރިއުޅުގައި ދިމާވާ މީހަކު އައްމަޑޭ ޖަޖުކުރަނީ ކިހިނެތް؟ މިސާލަކަށް ބައެއް މީހުން ބުނާނެ ބަލަންވާ ވަރަށް ނުބަލައި ޖަޖުނުކުރާށޭ. އައްމަޑޭ އަކީ އަނެއްކާ އެގޮތަށް މީހުން ޖަޖުކުރާ މީހެއްތަ؟

"އާންމު ދިރިއުޅުމުގައި މިހާތަނަށް ދިމާވެފައި ހުރި މީހުން، ނުދަންނަ މީހަކަށްވިޔަސް، ދިމާވެފައި ހުރި މީހުންނަށް ވަރަށް ބޮޑަށް ފާހަގަކުރެވޭނެ އައްމަޑޭ އަކީ ފޮނި މީހެއް ނޫން. އަޅުގަނޑަށް މަގުމަތިން ގޮވާލައިފިއްޔާމު ހުއްޓަން ވެސް ހުއްޓާނަން. ނުވި ތާކަށް ވާހަކަ ދައްކާލަން ކައިރިއަށް އައިސްފިއްޔާމު ވާހަކަ ވެސް ދައްކާނަން. ހަމަ ވަރަށް ކްލޯޒްކޮށް ދެކޭނީވެސް."

"އަހަރެން ނުދެކެން ދިވެހި ރާއްޖޭގެ އެއްވެސް ރައްޔިތަކީ ދުރު މީހެއް ކަމަކަށް. އަބަދުވެސް ދެކެނީ އެންމެ ކައިރިމީހާ ކަމަށް. އެއީ މާދަމާ ނޫންކަން ނޭނގެ، އައްމަޑޭ އަށް ކޮންމެވެސް ކަމެއް ވެގެން ވެއްޓިފައި އޮތްވައި ވެސް މީހަކު ނަގައި ދީފާނެ. ފޮނިކޮށް އުޅޭ މީސް މީހުން ވެސް ފެނޭ. އެކަމަކު އެގޮތެއް ނުހުންނާނެ އައްމަޑޭގެ ގައިގައެއް."

މޯލްޑިވިއަން އައިޑޮލް އިން އެބަފެނޭތަ ދެ ވަނަ އަލީ ރަމީޒެއް. ނުވަތަ އެ ފެންވަރަށް ދިވެހި ލަވަ އާއި މިއުޒިކް ގެންގޮސްދެވިދާނެ ވަރުގެ ފަންނާނަކު؟ އޭނަ އަށް އޮތް ލޯބި ރިޕްލޭސްކުރެވޭނެ ފެންވަރުގެ ލަވަކިޔުންތެރިޔަކު؟

"އައިޑޮލްގައި ވަރަށް ގިނަ މީހުންނަށް ފާހަގަކުރެވިގެން ދާނެ ގިނަ ލަވަތަކަކީ ކުދިން ޗޫޒްކުރާ އަލީ ރަމީޒުގެ ލަވަތައް. ކޮންމެހެން އަޅުގަނޑުމެން (ޖަޖުން) ދޭ ލަވަތަކެއް ނޫން އެއީކީ. އެއީ ހަމަ އެ ކުދިންނަށް ރީތިވެގެން ކިޔާ ލަވަ. އެހެންވީމަ ވަރަށް ގިނަ މީހުންނަށް ސުވާލު އެބައުފެދޭ އައިޑޮލްގެ ތެރެއިން އަލީ ރަމީޒެއް އުފަން ވެދާނެތޯ. އޭނަ އަށް ވުރެ މަޝްހޫރުވާނެ ލަވަކިޔުންތެރިޔަކު ނުކުމެދާނެހޭ؟"

"ޖަވާބަކީ ނޫނެކޭ. އެއަކަށް ހަމަ އެއްގޮތަކަށް ވެސް އަހަރެން އާނއެކޭ ނުބުނާނަން. އެއީ ހަގީގަތުގައި އަލީ ރަމީޒަކީ ރާއްޖެ އަށް ޕޮޕް ކަލްޗާ އިން މިއުޒިކް ގެނެސްދިން މީހަކީ. އަދި ނުވިތާކަށް އެތައް ލަވައެއް ހުށަހަޅައިދީފައި އޮތީމަ މު ކުދިންނަށް އެ ލަވަތައް އެ ކިޔެނީ ވެސް. އެ ލަވަތައް ނުކިޔާ ނަމަ އެ ކުދިންނަކަށް އެ އައިޑިއާއެއް ވެސް ނުލިބޭނެ އެ ޓެކްނީކްތަކެއް ވެސް ޔޫޒްކުރާކަށް ނޭނގޭނެ."

"އެހެންވީމަ އަލީ ރަމީޒު ވައްޓައެއް ނުލެވޭނެ."

ޝޯގައި އަލީ ރަމީޒުގެ ފޯރި ވަރަށް ގަދަ. ބައެއް މީހުން ބުނޭ އެއީ ދިވެހި މިއުޒިކަށް ލިބޭ ބޮޑު ދެރައެކޭ. އައްޔަ އަކީ ގިނައިން ކޮޕީ ރާގަށް ލަވަކީ މީހެއް. ކޮބައިތަ އައްމަޑޭގެ ހިޔާލަކީ؟ ކޮން ކަހަލަ ބަދަލައަކަށްވާނެހެން ހީވަނީ މި ޝޯގައި މުޅިން ދިވެހި އަމިއްލަ ރާގަށް ފުރުސަތު ދިނުން އެއީ؟

"އޭގެން އަސްލު އަހަރެމެންނަށް ދެގޮތަކަށް ލިބިދާނެ. އަމިއްލަ ރތާގުތަކެއް ކްރިއޭޓްކުރަން މި އައިޑިއާސްތައް ލިބެނީ ވެސް އިތުރު ލަވަތަކެއް އަޑުއަހައިގެން. ކޮންމެހެން ނުޖެހޭ އަޑުއަހާކަށް ކޮޕީ ލަވައެއް. އެވެސް ރަނގަޅު ވާހަކައެއް. ބޮޑަށް އައްމަޑޭ އަށް ވެސް ބުރަވެވޭނީ އަމިއްލަ ރާގު ޗޫޒްކުރަން."

"އެއީ އަސްލު މީހާގެ ކްރިއޭޓިވިޓީ ބޮޑަށް ދައްކާލެވޭނީ ވެސް އެވަރު ޕެޓާންއެއް ހުންނަ ލަވަތަކުގަ. ބުނެލަން ބޭނުންވަނީ ބޮޑަށް ޗޫޒްކުރާށޭ އަމިއްލަ ރާގު. އަމިއްލަ ކްރިއޭޝަންތައް. އަހަރެމެން ދިވެހިން ދިވެހިންގެ ގޮތުގައި ތިބެން ހިނގާށޭ."

"ދެ ވަނަ ސީޒަންއެއް އަންނައިރު ދިވެހި އަމިއްލަ ރާގުތައް ހުށަހަޅައިދޭ ކަހަލަ ޝޯއަކަށް ވެގެން ދިއުން ވާނީ ދިވެހި ރާއްޖޭގެ ހުރިހާ މިއުޒިކަށް ލޯބިކުރާ ފަންނާނުން ވެސް ރައްޔިތުން ވެސް ވަރަށް އުފާވާނެ، އިންތިޒާރުކުރާނެ ވަރުގެ ކަމެއް ކަމަށް."

އައްމަޑޭ އަކީ ލަވަކިޔުންތެރިއެއްގެ ގޮތުގައި، ހާއްސަކޮށް ހައި ރޭންޖުތަކުން ލަވަކިޔުމަށް އެފަދަ ދެ ވަނައެއް ނެތް އާޓިސްޓެއްގެ ރާއްޖޭގައި. އައްމަޑޭ ފެންވަރުގެ ދެ ވަނަ ލަވަކިޔުންތެރިޔަކު ޝޯ އިން އެބަފެނޭތަ؟ ނުވަތަ އައްމަޑޭގެ ތި ވޮއިސް ބީޓްކޮށްލެވިދާނެ ކޮލިޓީއެއް އެބަ ފެނޭތަ؟

"ރާއްޖޭގައި އައްމަޑޭ ބީޓްކުރާނެ ވަރުގެ މީހަކު އައިސްދާނެ ހެއްޔޭ. އައިއްޔާ ރަނގަޅީ. މިއުޒިކް ކުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވަނީ. އަޅުގަނޑު ރިޕްލޭސްކޮށްފަ ވަކި ރަނގަޅު ޝޯއެއް ދެވިފަކާއެއް ނެތް. ރާއްޖޭގައި އެބަތިބި އެމީހެއްގެ ސްޓައިލުން އެމީހަކު ބަލިނުކުރެވޭނެ އާޓިސްޓުން ވެސް. އައިޑޮލްގައި ވެސް އެބައުޅޭ އަހަރެމެންނަށް ވުރެ މޮޅަށް ކިޔާ މޮޅު ސްޓައިލް ގެންގުޅޭ."

އަޅުގަނޑު ވަރަށް ދެކެން ބޭނުންވޭ އަޅުގަނޑު ބީޓްކުރާނެ ކުއްޖަކު. މިހާ ދުވަސްވާއިރު އަޅުގަނޑު ރިޕްލޭސްކުރާވަރުގެ ކުއްޖަކު ނެތުން އެއީ ވަރަށް ދެރަވާ ކަމެއް. އެފަދަ ކުއްޖަކު އަންނާނެ ދުވަސް އެއީ ވަރަށް އުފާވާނެ ދުވަހެއް."

މީހުން ބުނޭ އައްމަޑޭއާ އެއް ފެންވަރަކަށް ލަވަކިޔޭ، ވޯކަލްސް ޖެއްސޭ ދެ ވަނަ މީހަކު މިހާރަކު ނެތޭ. އައްމަޑޭ އެ ވާހަކަ ގަބޫލުކުރަންތަ؟ މީހުން އެހެން ބުނާ އަޑުއިވުނީމަ ކިހިނެތް އިހްސާސްކުރެވެނީ؟

"އަސްލު މީހުން އެކަހަލަ އެއްޗެހި ބުނީމަ، ހަމަ ވަރަށް އުފާވޭ. ބުނަން ނޭނގޭހާ ހަމަ އުފާވޭ. ވަން އޮފް އަ ކައިންޑްއޭ އެހެން ބުނީމަ. ދެން އެ އަޑެއް ހޯދަން އަޅުގަނޑު ކުރި މަސައްކަތް އެ ބޭފުޅުންނަށް އިހްސާސްކުރެވޭނެ ނަމަ އެންމެ މުހިންމުވާނީ. ވަރަށް ދުވަހުގެ މަސައްކަތް މިއީ. 14 އަހަރުން ފެށިގެން ކުރި މަސައްކަތް."

"އުމުރުން 14 އަހަރުން ފެށިގެން މިއުޒިކް ކުޅުނަސް ލަވަކިޔާލާނެ ފުރުސަތެއް ލިބުނީ 16 އަހަރުގައި. ދެން ހަމަ ވޯކަލީ މީހާ މޮޅުވާން އެކި ސްޓައިލްތައް ޗޫޒްކުރީ. އެންމެ ބޮޑަށް ރޮކް އެއްޗެހި ކިޔަން އުޅެވުނީ. އޭގެ ޓެކްނިކްތައް ދަސްކުރަން ދުވާލަކަށް ހަމަ ދެ ގަޑި ތިންގަޑިއިރު މަސައްކަތްކުރަން. ފޯސެޓް ހައި ނޯޓްތައް ކިޔަން ވެސް ވަރަށް މަސައްކަތްކުރިން."

"ކޮންމެ ކޮންމެ މީހަކަށް ހަމަ ނުކިޔޭނެ. ވަރަށް ކެރިގެން މި ބުނަނީ. އެކަމަކު އައިޑޮލްގައި އެބައުޅޭ މުއައްޒިން ކިޔާ ކުއްޖެއް. ވަރަށް މޮޅު ކުއްޖެއް. ގިނަ މީހުންގެ ނަޒަރު އޭނާ އަށް ހުއްޓިގެން ދަނީ އައްމަޑޭ ވައްޓާލަން އައިސް ހުރި މީހެއްގެ ގޮތުގައި. އަހަރެން ވަރަށް ވެލްކަމްކުރަން އޭނާ އަހަރެން ވައްޓާލަން ވެސް. އިޓްސް އެބައުޓް ޓައިމް. މިހާރު އެހާ ދުވަސްވެއްޖެ އަހަރެން ވައްޓާލަން މީހަކު ނައިސް."

"އުއްމީދުކުރަނީ މުއައްޒިން އަޅުގަނޑުގެ މި ވޮއިސް އެއްވެސް އެއްޗަކަށް ނަހަދާ އޭނަ ވޮއިސް ބިލްޑްކުރަމުން ކުރަމުން ގޮސް އަހަރެން ވައްޓާލާނެ ދުވަހަކަށް."

ލަވަކިޔުންތެރިންގެ ގޮތުގައި މީރާ އާއި އުނޫޝާގެ ވާދަވެރިކަން އެހުންތެރިންގެ މެދުގައި ވަރަށް ބޮޑު. އެ ދެ މީހުން "ޖަޖުކުރާ" ނަމަ އައްމަޑޭ އަށް މޮޅީ ކާކު އޭގެ ތެރެއިން؟

"ޓޯޓަލީ ޑިފްރެންޓް ސްޓައިލްތަކެއްގެއް ދެ މީހުން އުނޫޝާ އާއި މީރާ އަކީ. ދެން އަހަރެންގެ އެންމެ ޓޮޕް ފެވަރިޓް ދެ މީހުންނަކީ ވެސް އެއީ. ކިޑީ ލަވަކިޔާތަން ވެސް ފެނިފައި ހުރީ. މީރާ ކިޔާތަން ވަރަށް ގާތުން ފެނިފައި ހުރީ. އަހަންނަށް ހަމަ އެންމެ ކަމުދަނީ އަދިވެސް މީރާ. އެއީ ކޮންމެހެން މީރާއާ އެކު ފުރަތަމަ ލަވަކީމަކާއެއް ނޫން. އޭނާގެ ޓެލެންޓް، އޭނާގެ ބައްޕަ މުހައްމަދު ސާގެ ގައިގައި ހުރި ޓެލެންޓް ހުރީމަ. ވަރަށް މޮޅު. މީރާ އަހަންނަށް ހަމަ ވަރަށް ވަރަށް މޮޅު."

އެހަނދާނުގައި ގެ ހަނދާނަކަށް ޖެހިލަމާ ހިނގާ. އައްމަޑޭ އަށް އެންމެފަހުން އެފަހަރު މީރާއާ އެކު ލަވަކިޔަން ޖެހުނީ އައްމަޑޭއާ އެކު ލަވަކިޔަން އުނޫޝާ ބޭނުންނުވީމަ ކަމަށް މީހުން ބުނޭ. ކިހާ ވަރެެއްގެ ހަގީގަތެއްތަ އެއީ؟

"އަޅުގަނޑަށް ވަރަށް ރިޖެކްޝަން އައިސްފަ ހުރީ. އެގޮތުން މީރާއާ އެކު ލަވަކިޔުމުގެ ކުރިން ދެ ތިން އާޓިސްޓަކާ ވާހަކަ ދެކުވުނު. އޭގެ ތެރޭގައި ކިޑީގެ ވާހަކަ ވެސް އައި. ދެން މީހުންގެ ފަރާތުން އަޑުއިވިފައި އޮތީ ކިޑީ ބުންޏޭ އައްމަޑޭ ނުވެސް ދަންނަމޭ. ކާކުހެއްޔޭ. އެކަމަކު ކިޑީ އަށް އެނގޭނެ އައްމަޑޭ ވަރަށް ކުރީއްސުރެ. ކިޑީއާ އެކު ހުންނާނެ ޕާފޯމް ވެސް ކޮށްފައި."

"ދެން އޭގެ އަސްލު އެނގުނީ ވަރަށް ފަހުން. މިހާރު ދެން އުނޫޝާއާ އެކު ޕަފޯމް ވެސް ކޮށްފައި ހުންނާނެ އައްމަޑޭ. ކިޑީގެ ކަންތައް ވީގޮތަކީ ފޭކްކުރުން ހުއްޓާލީ، ރިކޯޑެޑް އެއްޗެއް (އެހަނދާނަކީ). ލިޕްސިންކަށް ނޯ ޖެހީ. ކޮޕީ ރާގުތަކަށް ނޯ ޖެހީ. އައްމަޑޭއަކަށް ނޫން ކިޑީ ނޯ ޖެހީ. އެއީ އަސްލު ވީގޮތަކީ."

"ވަރަށް ގިނަ މީހުން ނޯ ޖެހި މީހެއް މިއީ. މީރާ ވެސް ފުރަތަމަ ބުނީ ކިޔާލާފައޭ ތިމަންނަ އަށް އެނގޭނީ."

މީހުން ފާޑުކިޔައިގެން އައްމަޑޭގެ ސްޓައިލް ނުވަތަ އުޅުމުގެ ގޮތެއް ބަދަލުކޮށްފާނަންތަ. އެއީ އައްމަޑޭ އަކީ ވަރަށް ގޮތުގައި ހިފަހައްޓާ އަމިއްލަ ގޮތެއް ޕްރޮމޯޓްކުރަން ބޭނުންވާ މީހެއް. ފާޑުކިޔައިގެން ބަދަލުވެދާނެތަ؟

"އައްމަޑޭ ބަދަލެއް ނުވާނެ. އަޅުގަނޑަކީ ފެށުނީއްސުރެން ވެސް އެއްގޮތަކަށް އެއް ގަލެއްގެ މަތީގައި ހުންނަ މީހެއް. ބަދަލެއް ނުވާނެ. އެއް އެޓިޓިއުޑެއް ހުންނާނީ. އަސްލު އަޅުގަނޑުގެ އެޓިޓިއުޑް ކަޑައީކީއެއް ނޫން. ތަންކޮޅެއް އިންފޯމަލްއީ. ފޯމަލް ނުވާތީ މީހުން ހިތްހަމަނުޖެހެނީ. އެކަމަކު ކީއްކުރަންހޭ މީހަކަށް އެކަންތައް ބަދަލުކުރަނީ. އަހަރެން ނުވި ބަދަލެއް އަހަރެންގެ އުސޫލަކަށް ގެންނަނީ ކީއްކުރަންހޭ."

"މީހުން ކިތަންމެ ވަރަކަށް އެއްޗިހި ކިޔަސް އަހަރެން ބަދަލެއް ނުވާނަން."

ލަވަކިޔުމުގެ އިތުރުން އައްމަޑޭ އަކީ ބޮޑުބެރަށް ވެސް ފިސާރި އާޓިސްޓެއް. ހާއްސަކޮށް އާއިލާގެ ތެރެއިން ވެސް ވަނީ އެ ހުނަރު ވަރަށް ބޮޑަށް ލިބިފައި. މިއަދުގެ ބޮޑުބެރު ޓްރެންޑް އަދި މޫޑް އައްމަޑޭ ސިފަކުރާނީ ކިހިނެތް؟

"މިހާރު ބޮޑުބެރު މި އޮތީ ވަރަށް ބޮޑަށް ބަދަލުވެގެން ގޮސްފައި. އަހަރެން އޭތި ނުބައިކޮށެއް ނުނަގަން. ގިނަ މީހުންނަކަށް ކަމަކުނުދޭ. ދުވަސްވީ މީހުންނަކަށް ވެސް ކަމަކުނުދޭ އެ ބަދަލު އައީމަ ބޮޑުބެރަށް. އެކަމަކު ޒަމާނާ ގައުމަށް އަންނަ ތަރައްގީއާ މި ހުރިހާ ކަމަކަށް ބަލާއިރު އޭތި ބަދަލުވުން ބުއްދިވެރީ. ގިނަ ބަޔަކަށް ބޮޑުބެރުގެ އެ ކަލްޗާ ވެސް ބަލައިގަނެވޭ ފަދަ ގޮތަކަށް ކުޅެން ޖެހެނީ. އެހެން ނޫން ނަމަ އޭތި ގަބޫލެއް ނުކުރޭ. އޭތި ކުޅެން ޖެހެނީ މި ޒަމާނުގެ ގޮތްގަނޑު އޭގައި ދަމަހައްޓައިގެން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ."

ބޮޑުބެރުގެ ސުޕަސްޓާރެއްގެ ގޮތުގައި މަންޑޭ އަދި މުސީ ސިފަކުރާނީ ކިހިނެތް އައްމަޑޭ؟

"ރާއްޖޭގެ ބޮޑުބެރުގެ ހަޔާތުގައި މަޝްހޫރުވާން އެންމެ މަޝްހޫރުވި އެންމެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށް އައްމަޑޭ އަށް ފާހަގަކުރެވެނީ މަންޑޭ. މަންޑޭ އަކީ ރާއްޖެ އަށް ބޮޑުބެރުން އިންގިލާބެއް ގެނައި އާޓިސްޓެއް ލަވަކިޔުމުގެ ދާއިރާ އިން. ދެން ހަބޭސް ބޮޑުބެރު ގްރޫޕްގެ މުސީ. މީނަ އަކީ ވަރަށް ގިނަ ބައެއްގެ ހިތްއަތުލައިގަތް މީހެއް. މީނަ ވެސް ވަކި ދެރައެއް ނޫން. ހަމަ މަންޑޭއާ އެއް ފެންވަރަކަށް ކިޔާނެއެކޭ އެހެނެއް ނޫން. ދެ މީހުން ކޮމްޕެއާކުރާ ވަރަށް ވުރެ ތަފާތު ދެ ސްޓައިލެއްގެ ދެ މީހުން."

"މަންޑޭ ފާހަގަކުރެވެނީ ބޮޑުބެރު ލަވަކިޔުމުގެ ދާއިރާ އިން އޭނާ އިންގިލާބެއް ގެނައީމަ. އޭނަގެ ފަރާތުން (އިންސްޕަޔާވެގެން) އެތައް ބަޔަކު އޭނަ ކޮޕީކުރަން އުޅުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. އެކަމަކު އަހަރެން މަންޑޭއަކާ މުސީއެއް ކޮމްޕެއާ ނުކުރާނަން. ސަބަބަކީ މުސީ އަކީ މުޅިން ތަފާތު ލަވަތަކެއް ކިޔަމުން އަންނަ ކުއްޖެއް. ވަރަށް ހިމަހިމަ އަޑެއް ހުރެފައި ވަރަށް ރީއްޗަށް ލަވަކިޔާ ކުއްޖެ. މަންޑޭ އަކީ ވަރަށް އެގްރެސިވް ލަވަކިޔާ މީހެއް."

ލުކްސް އަށް ތިހާ މުހިންމުކަމެއް ދޭއިރު އަންހެން ކުއްޖަކު ހަޔާތަށް ގެންނައިރު ނުވަތަ އެއްޗެއް ގަންނައިރު ވެސް އެ އެއްޗެއްގެ ރީތިކަން އައްމަޑޭ އަށް ހާއްސަވަނީ ކިހާ ވަރަކަށް؟

"އަހަންނަކީ ވަރަށް ޕިކީ މީހެއް، ވަރަށް ޗޫޒީ މީހެއް. އަހަންނަކަށް ކަމަކުނުދާނެ އެހެން މީހުން މަގޭ އެއްޗެއް ޗޫޒްކުރީމަ ވެސް. ވަރަށް ހިތްހަމަނުޖެހޭ ކަމެއް އެހެން މީހުން މަށަށް ކްލޯތްސް ފިޓްކޮށްދެއްޏާމު ވެސް. ބައެއް ހާލަތްތަކުގައި އެކްސެޕްޓް ވެސް ކުރަން. ވީހާ ވެސް ފްލެކްސިބްލް ވެވޭތޯ ބަލަން. އެކަމަކު އެއްޗެއް ގަންނައިރު ވެސް ވަރަށް ޗޫޒީވާނެ."

"އަޅުގަނޑު ބޭނުންވާނީ ހުރިހާ އެންމެނަށް ވުރެ ވެސް ތަފާތުވާން. އެއީ ވަރިހަމަ ޓީވީއެއް ގަތަސް. މަ ބޭނުން ވާނީ އެންމެ ބޮޑު ޓީވީ. އެގޮތަށް ގަމީހެއް އެއްޗެއް ގަތަސް، މީހަކު ނުލާނެހެން ހީވާ ކަހަލަ އެއްޗެއް، އޭރުންތާ ވަން ޕީސްވާނީ. މީހަކު ނުލާނެހެން ހީވާ ކަހަލަ، އެންމެ ގޮތްބޮޑު އެއްޗެއް ވެއްޖެއްޔާ އަޅުގަނޑު ލާނަން."

އައްމަޑޭ އަކީ ވަރަށް ލޭޑީސް މޭންއެކޭ ވެސް މީހުން ބުނޭ. ލޯބިވެރިޔަކު ނުވަތަ ލައިފް ޕާޓްނަރެއްގައި ހުންނަން އައްމަޑޭ މަޖުބޫރުކުރާ ސިފަތަކަކީ ކޮބާ؟ ލޯބިވެރިޔަކު ހޯދާއިރު ލުކްސް މޭޓާުކުރަނީ ކިހާ ވަރަކަށްބާ އަނެއްކާ؟ މީހުން ބުނޭ ބޭރުފުށުމުގެ ރީތިކަމަށް ވުރެ މުހިންމީ އެތެރޭގެ ރީތިކަމޭ. ކޮބާ ހިޔާލަކީ؟

"ކޮންމެ މީހަކު ވެސް ބުނާނެ ތިމަންނަ ލުކަކަށް ނުބަލަމޭ. އެތެރެ ރީތިވީމައޭ ރަނގަޅީ. މިއީ އެކަމަކު ހާދަ ބޮޑު ދޮގެކޭ. މީހާ ރީތިނޫނޭ ކިޔާފައި ހަމަ އެބަހުރޭ ރައްޓެހިނުވެ. އެބުނާ އެތެރެ ރަނގަޅު ކުދިން އެބައުޅޭ މާލޭގަައި ފަޅައިގެންދާ ވަރަށް. އެކަމަކު އޭގެ ކުއްޖަކާ ރައްޓެހިނުވާންވެގެން ބޮލުގައި ކުލަ ޖައްސާފަ ހުންނަ، ގަޔަށް ބާރުކޮށް ހެދުންލާފަ ހުންނަ ކުދިންނާ މި ރައްޓެހިވަނީ. ދެން ކޮންތާކު މި ޖެހެނީ."

"އެކަމަކު އަހަރެން މިއީ ވަކި އެހެން ޗޫޒީ މީހެއް ނޫން ގާލްސްގެ ގޮތުގައި. އަހަންނަށް ރަނގަޅިއްޔާ އަހަންނަށް އޯކޭ ހަމަ."

ކޮބައިތަ އައްމަޑޭ އަށް އެންމެ ކަމުދިޔަ އަންހެން ކުއްޖަކީ. އެމީހެއްގެ ހާއްސަކަން ބޮޑުވެގެން ކުރެވުނު އެންމެ ރޮމޭންޓިކް ކަމަކީ ކޮބައިތަ؟

"އަހަންނަށް ލޯބިވެވުނީ މަގޭ ނަމްބަ ވަން ފޭންއާ."

"މަގޭ ގާލްފްރެންޑްގެ ވާހަކަ ތަންކޮޅެއް ރޮމޭންޓިކްވާނެ. މީހުން ހީކޮށްފާނެ އަހަންނަކަށް ރޮމޭންޓިކެއް ނުވެވޭނެއޭ. އަހަންނަށް (މި) ކުއްޖަކު ފެންނަނީ ލުއުލޫ ތެރެއިން ކަމަށް ބޮޑަށް ލަފާކުރެވެނީ. ފެނިގެން ހަމަ ކޮސްވީ."

"ދެން ކޮންމެއަކަސް ވަރަށް ކަމުގޮސްފި މި ކުއްޖާ. ކަންދިމާކުރި ގޮތުން އޭނާ އަކީ ކަޒިން ކޮއްކޮއެއްގެ ރައްޓެއްސެއް. ދެން އާދޭސްކޮށްގެން އޭނާއާ ބައްދަލުކުރެވޭނެ ގޮތް ހަދައިފިން. އެ މީޓްއަޕަށް މާލޭގައި ހުރި އެންމެ އަގުބޮޑު އެއް ރެސްޓޯރެންޓް އެއްކޮށް މަ ހިފާލީ. ދެގަޑިއިރަށް. މުޅި ތަންއެއްކޮށް. ކެންޑްލް ލައިޓް ޑޭޓަކަށް ދާން ވެގެން."

ފޭންއަކާ އެގޮތަށް ލޯބީގެ ގޮތުން ގުޅުމަކީ އައްމަޑޭގެ ހިޔާލުގައި ކޮން ކަހަލަ ކަމެއް؟

"ފޭން އެއްކަން ނޭނގެ ބޮޑަށް ލަޔައިބްލް ވެސް ވާނީ. ދިރިއުޅުމަކަށް ދަންޏާމުން. އެއީ ފޭނެއް ނަމަ ކުރިން ވެސް އޭނާގެ ހިތުގައި އިންނަ މީހަކަށް ވެފައި އޭނާ ވަރަށް އެޑޯކުރާ މީހަކަށް، އައިޑޮލައިޒްކުރާ މީހަކާ އެކު އުޅެން، އެހެންވެއްޖެއްޔާމު އެ އައިޑޮލައިޒްކުރާ މީހާއަށް ވަރަށް ފަސޭހަވާނެ ދޯ އެ ކުއްޖަކާ އެކު އުޅެން. އެގޮތަށް އައްމަޑޭ އަށް ވިސްނަނީ."

ތި ނަމްބަ ވަން ފޭންއާ އެކު ކުރެވުނު ލޯބީގެ ތަޖުރިބާ އަހަރެމެންނަށް ކިޔައިދީ ބަލަ. އެއީ ފޮނި ނުވަތަ އަނެއްކާ ނިކަން ހިތި ތަޖުރިބާއެއްތަ؟

"ނަމްބަ ވަން ފޭންއާ އެކު ކުރެވުނު ލޯބީގެ ދަތުރު ހަމަ ވަރަށް ފޮނި. އިރާދަކުރެއްވިއްޔާމު."

ލޯބީގައި މިހާތަނަށް އައްމަޑޭ އަށް ލިބުނު އެންމެ ބޮޑު ކެއްސަކީ ކޮބާ؟ ވީގޮތް އަހަރެމެންނަށް ކިޔައިދީބަލަ؟

"އެންމެ ބޮޑު ކެއްސަކީ އަހަންނާ އެކުގައި އުޅުނު އަހަރެންގެ ރައްޓެއްސަކު މަގޭ ބިޓެއް ކަޓުވާލީ. މަގޭ ކަޑަ ވާހަކަތަކެއް ދައްކައިގެން. ވަރަށް ލައިކްވި ކުއްޖެއް އެއީ. ލޯތްބެއްނުވަން. އެކަމަކު ހެސްކިޔާފަ ލައިކްވި ކުއްޖެއް. މަށާ އޭނައާ ފަނިކޮށްލީ މަގޭ ކަޑަ ވާހަކަތަކެއް އޭނަ ގާތު ދައްކައިގެން."

ލައިފްގައި އައްމަޑޭ ފައިސާ ސިފަކުރާނީ ކިހިނެތް؟ މީހުންތަ މުހިންމީ ނުވަތަ ފައިސާތަ؟

"ވަރަށް ގިނަ މީހުން ކުރާ ސުވާލެއް ތިއީ. ފައިސާ އަކީ އަސްލު މީހާގެ ހުރިހާ ވެސް އެއްޗަކީ. ފައިސާ ހުރެގެން މި ހުރިހާ ކަމެއް މިވަނީ. ފައިސާ ހޯދަން މަސައްކަތްކުރަން އެބަޖެހޭ. މިކަހަލަ ޒަމާނެއްގައި މީހާ އަށް ހިންދެމިލެވޭނީ ފައިސާހުރެގެން. އެހެންވީމަ ފައިސާ ހޯދަން މަސައްކަތްތަކެއް ވެސް ކުރަން އެބަޖެހޭ. އެހެންވީމަ ފައިސާ މުހިންމީ."

ސިޔާސީ މައިދާނުން އައްމަޑޭ ފެންނަނީ ވެރިކަންކުރާ ޕީޕީއެމްގެ ސްޓޭޖުން އާންމުކޮށް. މީހުން ބުނޭ އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާ އައްމަޑޭއާ އޮތް ރައްޓެހިކަމެއްގެ ބޮޑުކަމުންނޭ އެގޮތަށް ފެނުނީ. އެއީ ކިހާ ވަރެއްގެ ހަގީގަތެއްތަ؟

"ކުރީގެ ނައިބު ރައީސް އަދީބު ދޯ. ހީވަނީ ވަރަށް ގިނަ މީހުން އަޑުއަހަން ބޭނުންވާނެ ވާހަކައެއްހެން އެކަމަކު މާކަ ބޮޑަކަށް އެ ވާހަކަ ކިޔައިދޭކަށް ނެތިން. އެންމެންގެ ވެސް ބްރޯއެކޭ ކިޔާ ފަދައިން އަހަރެންގެ ވެސް ބްރޯއެއް އެއީ. އަހަރެންގެ ހަމަ އެއްބަނޑު އެއްބަފާ ބޭބެއެއްގެ ގޮތުގައި އަހަރެން ދެކޭ މީހެއް އެއީ. އަބަދުވެސް."

"އެކަމަކު އެހެންވެގެނެއް ނޫން ސިޔާސީ ޕާޓީއެއްގެ އިޝޫ އައްމަޑޭގެ ލައިފަށް ވަންނަން ޖެހުނީކީ. ފައިސާ ހޯދަން އަހަރެމެންނަށް ކުރެވޭ ކަމަކީ މިއުޒިކް ކުޅުން. އެގޮތުން އާމްދަނީ ހޯދަން ކުރާ މަސައްކަތެއްގެ ގޮތުން. އެގޮތަށް އަހަރެން ދެކެނީ."

އައްމަޑޭ އަކީ އަމިއްލަ ގޮތެއް ސްޓައިލެއް ހުންނަ މީހެއް. ކޮންމެ ކޮންމެ ގޮތެއް ކަމުވެސް ނުދާ މީހެއް. ބުނެވިދާނެތަ އައްމަޑޭ އެންމެ ހިތްކިޔަނީ ވަރަށް ލަގްޒަރީ ލައިފްސްޓައިލަކަށޭ؟

"އާނ. ބުނެވިދާނެ ކޮންމެ ކޮންމެ ގޮތެއް އޯކޭއެއް ނުވާނެއޭ. މިވެނި އުސޫލަކަށޭ ކަންތައް ހުންނަނީ. ވަރަށް ޗޫޒީއޭ. މި ހުރިހާ އެއްޗެއް އެންޑް އަޕް ވަނީ އެއްގޮތަކަށް. އަހަރެންނަކީ ހަމަ ފެށުނީއްސުރެ ވެސް ވަރަށް ލަގްޒޫރިއަސް ލައިފެއް އުޅެން ބޭނުންވާ މީހެއް. އަދި އިރާދަކުރެއްވިއްޔާ އުޅޭނަން. އުޅެމުން ދަނީ."

މީހުން ބުނޭ ލަވަކިޔުމަކީ ހަރާމް ކަމެކޭ. މިއުޒިކް ވެސް ހަރާމޭ. ރާއްޖޭގެ ވަރަށް ގިނަ މަޝްހޫރު ލަވަކިޔުންތެރިން އެ ސަބަބާ ހެދި ލަވަކިޔުން ހުއްޓާވެސްލައިފި. ކޮބައިތަ އައްމަޑޭގެ ހިޔާލަކީ؟

"ހަމަ އެވަގުތު އައިސް ޖެހުނީމަ. ތި ސުވާލަށް އެއްވެސް ބުރަބަހެއް އެއްޗެއް ބުނެލާކަށް ބޭނުމެއް ނުވޭ. ބުނެލަން އޮތީ، އިންޝާﷲ ވަގުތު އައިސް ޖެހުނީމަ ހުރިހާ ކަމެއް ވެސް ރަނގަޅަށޭ ދާނީ. ލަވަކިޔުން ހުއްޓާލަން ޖެހޭ ދުވަހު ލަވަކިޔުން ހުއްޓާލާނެއޭ. އަދި މަސައްކަތް މި ކުރަނީ ލިބިފަ ހުރި ހުނަރަކުން ކައިބޮއެ ދިރިއުޅެން."

  • ފޮޓޯގްރެފީ: މިލްޒީރޯ ނިޝާން
  • ސްޓައިލިސްޓް: ނޫރާ
  • މޭކަޕް އާޓިސްޓް: ޖަސްޓިން
  • ވޯޑްރޯޑް: ޗެޕްސް / އެމްސީ ކަލެކްޝަން
  • އެސިސްޓަންޓް: ޝިއުސް