ޒަކާތް

ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި އެވެ.

އޮންލައިންކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިއްޔެ އިން ފެށިގެން ކުރިއަށް އޮތް އޭޕްރީލް ހަވަނަ ދުވަހުގެ ނިޔަލަށެވެ.

ޒަކާތު ހައުސް އިން ބުނީ ރޯދަ މަހުގެ ފަހު 10 ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވީ ނަމަވެސް އެ ދުވަސްތަކުގައިވެސް އޮންލައިން ކޮށް ޒަކާތް ބަލައިގަންނާނެ ކަމަށެވެ.

އިސްލާމީ މަރުކަޒުގެ ހޯލުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރުފަހު 1:00 އަށް ޒަކާތް ބަލައިގަންނާނެ އެވެ. އަދި ރަމަޟާން މަހުގެ ފަހު 10ގެ ތެރޭގައި އަންނަ ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގައިވެސް ހެނދުނު 11:00 އިން މެންދުރުފަހު 14:00 އަށް އިސްލާމީ މަރުކަޒުގެ ހޯލުން ޒަކާތް ބަލައިގަންނާނެ އެވެ.

އޮންލައިންކޮށް ޒަކާތް ދެއްކުމަށް ހަމަޖެހިފައިވާ ގޮތް

  • ދިރާގް އެޕް / ދިރާގު ޕޭ އަދި އެސްއެމްއެސް މެދުވެރިކޮށް
  • އުރީދޫ އެމްފައިސާ އަދި އެސްއެމްއެސް މެދުވެރިކޮށް
  • ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް
  • މޯލްޑިވްސް އިސްލާމިކް ބޭންކް، ފައިސާ މޮބައިލް، އެޕްލިކޭޝަން އަދި ފައިސާ ނެޓް
  • ފަހިޕޭ އެޕްލިކޭޝަން އަދި ވެބްސައިޓް
  • ބަނޑޭރި ޕޭ

ފިތުރު ޒަކާތް ބަލައިގަންނާނީ އާންމުކޮށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުގެ ތެރެއިން އެ މީހަކު އާއްމުކޮށް ކައިއުޅޭ ބާވަތަކުން 2.4 ކިލޯއަށްވާ ފައިސާ އެެވެ.

ޒަކާތު ހައުސް އިން ބުނީ އޮންލައިންކޮށް ޒަކާތް ދެއްކުމަށް ފަސޭހަ ނޫން މީހުންނަށް ނުވަތަ އެކަމަށް އަހުލުވެރި ނޫން މީހުންނަށް އިސްލާމީ މަރުކަޒުގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.

މާލެ ސަރަޙައްދުގައި ފިތުރު ޒަކާތަށް ދައްކަންޖެހޭ އަދަދު

  • އާދައިގެ ހަނޑޫ - 12 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑޫ - 70 ރުފިޔާ
  • ރަތް ހަނޑޫ - 80 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އާދައިގެ) - 70 ރުފިޔާ
  • ބާސްމަތީ ހަނޑޫ (މޮޅު) - 100 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު) - 125 ރުފިޔާ
  • އާދައިގެ ފުށް - 10 ރުފިޔާ
  • އާޓާ ފުށް - 75 ރުފިޔާ

ޒަކާތު ހައުސްއިން ބުނީ ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެރަށެއްގެ ކައުންސިލަކުން ހަމަޖައްސާ ތަނަކުން ކަމަށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ.