ހަބަރު

ނޮޅިވަރަމް ކައުންސިލްގެ ރައީސް އިސްތިއުފާ ދީފި

ކައުންސިލް މެންބަރުންގެ އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ ހދ. ނޮޅިވަރަމް ކައުންސިލްގެ ރައީސާ، އެރަށު މަހި، މަރިޔަމް ހަބީބް އިސްތިއުފާދެއްވައިފި އެވެ. ކައުންސިލްގެ ރައީސް ކަމުން މަރިޔަމް އިސްތިއުފާ ދެއްވީ މިއަދު ހެނދުނު އެވެ.

ނޮޅިވަރަމްގެ ކައުންސިލަށް މަރިޔަމް ހަބީބު ހޮވުނީ 2014 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގައި ވާދަކޮށްގެންނެވެ. ނޮޅިވަރަމް ކައުންސިލުގައި މަރިޔަމް ހަބީބް ތަމްސީލުކުރައްވަނީ ޕީޕީއެމްގެ ގޮނޑިއެކެވެ.

މަރިޔަމް އިސްތިއުފާ ދެއްވި ސަބަބާމެދު ވާހަކަ ދައްކަވަމުން ކައުންސިލުގެ ނައިބު ރައީސް ވިދާޅުވީ، އިސްތިއުފާ ދެއްވީ ކައުންސިލް މެންބަރުންގެ އެއްބާރުލުން ނުލިބޭތީ ކަމަށް ވިދާޅުވުމަކީ ހަގީގަތެއް ނޫން ކަމަށެވެ. އަދި އޭނާ މަގާމުން ވަކިވީ ސަރުކާރުން ރަށަށް އެއްވެސް ކަމެއް މިހާތަނަށް ކޮށްދީފައި ނުވާތީ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.