ހޫސީންގެ އަތުގައި ހައިޕާސޮނިކް މިސައިލްގެ މުޅިން އާ ވައްތަރުތަކެއް އެބަހުރި ކަމަށް އެ ޖަމާއަތުން ބުނާ ކަމަށް ރަޝިއާ އިން ބުނެފި އެވެ.
ހޫސީންނަށް ހައިޕާސޮނިކް މިސައިލް ލިބުމަކީ ރަތް ކަނޑުގެ މަސްލަހަތު އިތުރަށް ގޯސްވެދާނެ ކަމުގެ އަލާމާތެކެވެ. އެ ޖަމާއަތުގެ ހަމަލާއެއްގައި މުދާއުފުލާ ބޯޓެއް އަޑިއަށް ގޮސް އަދި އެހެން ބޯޓަކަށް ދިން ހަމަލާއެއްގައި -- ބޯޓަށް ލިބުނު ގެއްލުންތަކުގެ އިތުރުން ތިން ފަޅުވެރިއަކު ވަނީ މަރުވެފަ އެވެ.
ރަޝިއާގެ ދައުލަތުން ހިންގާ ނޫސް އެޖެންސީ، ރިއާ ނޮވޯސްތީން ރިޕޯޓްކުރާ ގޮތުން ހޫސީން ލިބިގެންފައި ހުރި ހައިޕާސޮނިކް މިސައިލްތަކާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް މި ވާހަކަތައް ކިޔައިދިން އޮފިޝަލުން ނުދެއްވަ އެވެ. ނަމަވެސް މި ވާހަކަތަކުގައި ކޮންމެވެސް ހަގީގަތެއް އޮންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ރަޝިއާގެ ނޫސް އޭޖެންސީން ބުނެ އެވެ.
ފަލަސްތީންގެ ޣައްޒާއަށް އިޒުރޭލުން ދެމުންދާ އުދުވާނީ ހަމަލާތަކަށް ބަދަލުހިފުމަށް ޔަމަނުގައި ހަރަކާތްތެރިވާ ހޫސީ ޖަމާއަތުން އަންނަނީ ރަތް ކަނޑުގައި ދަތުރުކުރާ މުދާ އުފުލާ އުޅަނދުތަކަށް ހަމަލާދެމުންނެވެ.
ހޫސީން ބުނާ ގޮތުން އިޒުރޭލާ ގުޅުމެއް ނެތް އެއްވެސް އުޅަނދަކަށް ހަމަލާއެއް ނުދޭނެ އެވެ.
ރަތް ކަނޑުގައި ހޫސީ ހަނގުރާމަވެރިންނަށް ހަރަކާތްތެރި ނުވެވޭ ވަރު ކުރުމަށް އެމެރިކާއާއި ބައިވެރިން މިހާރު ތިބީ ސިފައިންގެ ޓީމުތައް ގޮވައިގެން އެ ސަރަހައްދު ގައެވެ.
ހޫސީންނަށް ރަތް ކަނޑުގައި ހުރަސްއެޅުމުގެ ބަދަލުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ ޔަމަނުގައި ހުންނަ އެ ޖަމާއަތުގެ މަރުކަޒުތަކަށް ހަމަލާދީފަ އެވެ.
މި ހަމަލާތަކަށް ބަދަލުހިފުމަށް ހޫސީން ވަނީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އުޅަނދުތަކަށް ހަމަލާދޭން ފަށާފަ އެވެ މި ގޮތުން ރަތް ކަނޑުން ދަތުރުކުރި އިނގިރޭސިވިލާތުގެ އާގުބޯޓު އެމްވީރުބީމާރަށް ހަމަލާދީ ވަނީ ފައްތާލާފަ އެވެ.
ހޫސީން ބުނާ ގޮތުން އެ ޖަމާއަތުގެ ސިފައިން ހަމަލާދޭނީ އިޒުރޭލަށް މުދާ އުފުލައިދޭ ކޮންޓޭނަރު ބޯޓުތަކަށެވެ. އެހެން އެއްވެސް އުޅަނދަކަށް ހަމަލާ ދިނުމަކީ ހޫސީން ބޭނުންވާ ގޮތް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ނަމަވެސް އެމެރިކާއާއި އިނގިރޭސިން ގުޅިގެން ޔަމަނުގައި ހުންނަ ހޫސީންގެ މަރުކަޒުތަކަށް ހަމަލާދިނުމަކީ ހަނދާން ނައްތާލާނެ ކަމެއް ނޫން ކަމަށް އެ ޖަމާއަތުން ބުންޏެވެ.
މަސްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި ހޫސީންނަށް ހައިޕާސޮނިކް މިސައިލް ލިބުމަކީ އެމެރިކާ އާއި އިނގިރޭސިންނަށް ވަރަށް ބޮޑު ނުރައްކަލަކަށް ވާނެ އެވެ.