މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން 1.8 މިލިއަން ފޭރުނު މައްސަލައިގައި ބަޔަކަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
މި ފައިސާ ފޭރިގެންފައިވަނީ އެކައުންޓްގެ ވެރިފަރާތުގެ ފޯނާއި އެ މީހާ މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓާ ގުޅިފައިވާ އެޕްލިކޭޝަންގެ ޕާސްވޯޑް އެނގޭ މީހަކު މެދުވެރިވެގެންނެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މިމައްސަލައިގައި ތިން މީހަކަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ބުނެފަ އެވެ.
މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ އެކައުންޓްގެ ވެރިފަރާތާ އާއިލީ ގުޅުމެއް އޮންނަ 16 އަހަރުގެ ކުޑަ ކުއްޖަކާއި 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ އަންހެނެކެވެ.
ފުލުހުން މިއަދު ހިއްސާކުރި މައުލޫމާތަށް ބަލާއިރު މި ފައިސާ ފޭރުނުތާ ދެ ދުވަސް ތެރޭގައި ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ވަނީ ތުހުމަތު ކުރެވޭ އެކެއްގެ ގެ ބަލައި ފާސްކޮށް 1.6 މިލިއަން ރުފިޔާ ހޯދާފަ އެވެ. އަދި މިފައިސާ ދައުރުކޮށްފައިވާ ގޮތުގެ މައުލޫމާތުވެސް ފުލުހުންގެ ތަހުގީގަށް ހޯދާފައިވެ އެވެ. އެގޮތުން ފުލުހުން ބުނީ މިފައިސާ ބޭނުންކޮށްގެން އިލެކްޓްރޯނިކް ސާމާނާއި، ދޫންޏާއި، ފޯނާއި، އަގު ބޮޑު ގަޑި ފަދަ ތަކެތި ގަނެފައިވާ ކަމަށެވެ.
ބޭންކްގައި ހުންނަ ފައިސާ ރައްކާތެރިކަމާ އެކު ބެހެއްޓުމަށްޓަކައި ފުލުހުން ގެންދަނީ އެކައުންޓާ ގުޅޭ އެއްވެސް މައުލޫމާތެއް ކަމާ ގުޅުން ނެތް އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.