ޑރ. އަބްދުﷲ ޚަލީލް

ކުއްލި ހާލަތުގައި ލެބޯޓްރީގެ ހިދުމަތް ލިބޭނެ ނިޒާމު ހުރިހާ ރަށެއްގައި ގާއިމުކުރަނީ

ލެބޯޓްރީގެ ހިދުމަތް މިހާރު ނުލިބޭ ހުރިހާ ރަށެއްގައި އިމަޖެންސީ ހާލަތުގައި އެ ހިދުމަތް ލިބޭ ވަރަށް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހަލީލް ވިދާޅުވީ ކުއްލި ހާލަތުގައި ޓެސްޓްކުރެވޭނެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން ބައެއް ރަށްރަށުގައި އެ ހިދުމަތް މިހާރުވެސް ފަށާފައިވާ ކަމަށެވެ.

ހަލީލް ވިދާޅުވި ގޮތުގައި އެ ހިދުމަތް ފެށުމަށް ބޭނުންވާ ބައެއް އާލާތްތައް މިހާރުވެސް ވަނީ ޕްރޮކިއުއާ ކުރެވިފަ އެވެ.

"އަޅުގަނޑުމެން މި ގެންދަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ލެބޯޓްރީގެ ހިދުމަތް ނުލިބޭ ހުރިހާ ރަށެއްގައި އެ ހިދުމަތް އިމަޖެންސީ ހާލަތުގައި ބޭނުންކުރެވޭ މިންވަރަށް ފެށުމުގެ ތައްޔާރީތައްވަމުން. އޭގެ ތެރެއިން ބައެއް އާލާތްތައް މިހާރުވެސް އަޅުގަނޑުމެންނަށް ވަނީ ޕްރޮކިއުއާ ކުރެވިފަ. އެހެންނަމަވެސް ފުލްކޮށް ޕްރޮކިއުއާ ނުކުރެވޭތީ އަޅުގަނޑުމެންނަށް ފޮނުވާ ނުލެވިވާ ވާހަކާ ދަންނަވަން،" މިނިސްޓަރު ހަލީލް ވިދާޅުވި އެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހަލީލް އިތުރަށް ވިދާޅުވީ ސިއްހީ ދާއިރާގައި ޑޮކްޓަރުންނާއި ނަރުހުންނާއި އެހެން މުވައްޒަފުންގެ ދަތިކަން އެބަހުރި ކަމަށެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި 35 ޑޮކްޓަރުން މަދު ކަމަށް ވިދާޅުވި އެވެ.