ދުނިޔެ

ހަމާސްއަށް ދަތިކުރަން ފިޔަވަޅުތަކެއް އަޅާނަން: ބޮރެލް

ހަމާސްއަށް ދަތިކުރަން ޔޫރަޕިއަން ޔޫނިއަނުން ފިޔަވަޅުތަކެއް އެޅުމަށް ޕްރެޝަރުކުރައްވާނެ ކަމަށް އީޔޫގެ ހާރިޖީ ސިޔާސަތާ ބެހޭ ސަފީރު ފޯސެފް ބޮރެލް ވިދާޅުވެއްޖެ އެވެ.

ހުޅަނގު އައްސޭރީގައި ހަމައިން ނައްޓައިގެން އުޅޭ ހަރުކަށި ފިކުރުގެ ޔަހޫދީ ވަޒަންވެރިންނާ ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅުތަކެއް އީޔޫއިން އަޅާނެ ކަމަށް ބޮރެލް ވިދާޅުވި އެވެ.

އިޒުރޭލަށް ނިސްބަތްވާ ހަރުކަށި ފިކުރުގެ ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަން ޖެހެނީ ބޮރެލް ވިދާޅުވި ގޮތުގައި ފަލަސްތީންގެ އާންމުންނަށް އާދަޔާ ހިލާފަށް އެ މީހުންގެ އުނދަގޫ ބޮޑުވުމެވެ.

ބޮރެލް ވިދާޅުވީ ފަލަސްތީންގެ އާންމުންނަށް ޖެއްސުންކޮށް، އަނިޔާކޮށް އަދި ދިމާކޮށް ފުރައްސާރަކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ އިޒުރޭލުގެ ހަމަލާތަކާ ހެދި ކާންބޯން ނުލިބި ތިބި ބަޔަކަށް ޔަހޫދީން ބައިގަނޑު ހަދާފައި ގޮސް ޖެއްސުން ކުރުމަކީ އަދަބެއް ލިބެން ޖެހޭ ކަމެއް ކަމަށެވެ.

ހަމާސްގެ ސަބަބުން ފަލަސްތީންގެ އާންމުންނަށް ލިބެމުންދާ އަނިޔާތަކަކީ ހަމާސްގެ ސިޔާސީ މަސްލަހަތަށްޓަކައި އެ މީހުންނަށް އުފުލަން ޖައްސާ ވޭނެއް ކަމަށް ބޮރެލް ވިދާޅުވި އެވެ.

އިޒުރޭލަކީ އަނިޔާވެރި ބައިގަނޑެއްކަން ހަމާސްއަށް އެނގޭ ހިނދު ފަލަސްތީންގެ އާންމުންނަށް ގެއްލުންތައް އުފުލަން ޖެއްސުން ބަލައިނުގަނެވޭނެ ކަމަށްވެސް ބޮރެލް ވިދާޅުވި އެވެ.

ހަމާސްއަށް ދަތިކުރަން ޔޫރަޕްގެ ބައެއް ގައުމުތަކުން ތާއީދުކުރި ނަމަވެސް އިޒުރޭލާ އެކު ގާތް ގުޅުމެއް އޮންނަ ޖަރުމަނާއި އޮސްޓްރިއާ އިން ގެންގުޅެނީ ޔަހޫދީންނަށް ލުއިދިނުމުގެ ސިޔާސަތެކެވެ.

ޖަރުމަން ބުނީ ހައްދުފަހަނައެޅި ޔަހޫދީންނަށް ދަތިކުރަން އެއްބަސްވެވޭނީ ހަމާސްއަށް ދަތިކުރަން ޔޫރަޕިއަން ޔޫނިއަނުން އެއްބަސްވެ ތަންފީޒުކުރުމުން ކަމަށެވެ.

ޔަހޫދީންނަށް ދަތިކުރާ ވަރަށް ވުރެ ބޮޑަށް ހަމާސްއަށް ދަތިކުރަން ޖެހޭނެ ކަމަށްވެސް ޔޫރަޕްގެ ބައެއް ގައުމުތަކުން ބުނެ އެވެ.