ހަބަރު

ރާއްޖެއަށް ފިޔަވަޅު ނޭޅީ އިންޑިއާ އާއި ޕާކިސްތާނުގެ މަސައްކަތުން: ރައީސް

  • ދެ ގައުމުގެ ބޮޑު ވަޒީރުންނަށް ރައީސް ގުޅުއްވި
  • ރާއްޖެ ސަލާމަތްވީ އިންޑިއާ އަދި ޕާކިސްތާނުގެ މަސައްކަތުން
  • ކޮމަންވެލްތަކީ ރާއްޖެއަށް މުހިންމު ޖަމިއްޔާއެއް ކަމަށް ވިދާޅުވި

އިދިކޮޅު ފަރާތްތަކުން ރާއްޖެއަށް ފިޔަވަޅު ނޭޅީ އިންޑިއާ އަދި ޕާކިސްތާނުގެ ބޮޑު ވަޒީރުން ކުރެއްވި ބުރަ މަސައްކަތްތަކުގެ ސަބަބުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. ރައީސް ވިދާޅުވީ އެ ދެ ގައުމުގެ ބޮޑު ވަޒީރާ ގުޅުއްވައިގެން ވަރަށް ގިނަ ވަގުތު ވާހަކަ ދެއްކެވުމުގައި ހޭދަކުރެއްވި ކަމަށެވެ.

އުތީމު ބަނދަރު ރަސްމީކޮށް އިފްތިތާހް ކޮށްދުމަށް ވަޑައިގެން އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސީމެގުން ރާއްޖެއާއި މެދު ފިޔަވަޅު އެޅި ނަމަ މުޅި ރާއްޖެއަށް އެކަމުން ގެއްލުން ލިބޭނެ ކަމަށެވެ. އަދި އދ. ނަގާފައި އެންމެ ގިނަ ގައުމު ހިމެނޭ ކޮމަންވެލްތަކީ ރާއްޖެއަށް މުހިއްމު ޖަމިއްޔާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ދިފާއުގައި ކޮމަންވެލްތުގެ އެބައްދަލުވުމުގައި އިންޑިއާ އަދި ޕާކިސްތާނު ސަރުކާރުގެ މަންދޫބުން ވާހަކަ ދެއްކެވި. އަޅުގަނޑު މެންނާ ދެކޮޅަށް ސީމެގް ތިއްބެވި ނަމަވެސް އަޅުގަނޑުމެންގެ ދިފާއުގައި އަވައްޓެރި ބޮޑު ދެބާރުން ކުރެއްވި މަސައްކަތުން އެއްވެސް ދަތިކަމެއް ނެތި ސަލާމަތްވީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިންނަށް ކުލުނުވެރިކަމެއް އަދި އިހުސާންތެރިކަމެއް ހުރި މީހެއް ވެއްޖެނަމަ ދިވެހި ރާއްޖޭގެ ކަންތައްތައް ނިންމާކަށް ބޭރުގެ ފަރާތްތަކަށް ދައުވަތު ދީގެން ރާއްޖޭގެ ކަރާމާތައް ގެއްލުންދީ، އިސްލާމްދީނަށް ގޮންޖެހުމަށް މަސައްކަތްތެއް ނުކުރާނެ ކަމަށެވެ.

"ދިވެހިންނަށް ޖުމްލަ ގޮތެއްގައި ދެރަގޮތްވާން އެދޭނީ ދިވެއްސެއް ކަމަށް ގަބޫލެއް ނުކުރެވޭ. އެއީ އެހެން ފިކުރެއްގެ ބައެއް. އެއީ ދިވެހިންނަށް ހެޔޮ އެދޭ ބައެއް ކަމަށް ގަބޫލެއް ނުކުރެވޭ." ރައީސް ވިދާޅުވި އެވެ.

އަދި މީގެކުރިންވެސް ދިވެހިންގެ މިނިވަންކަން ގެއްލޭފަދަ ކަންތައްތަކެއް ކުރަން ދިވެހި ޝަހުސިއްޔަތުތަކެއް ނުކުތް ކަމަށާއި މިހާރު ރާއްޖެއަށް އިއާދަވަމުން މިދަނީ އެފަދަ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ދިވެހިންނަކީ އިސްލާމް ދީނުގައި ތިބެގެން އެހެން މީހުންނަށް އިހްތުރާމް ކޮށްގެން އަވަށްޓެރިންނާއި އަދި ދުރު ގައުމުތަކުގެ މީހުންނާއެކީ ޖަމިއްޔާތަކާއި ޖަމާއަތްތަކާއި އެކީ މަސައްކަތް ކުރާ ބައެއް ކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އިންސާނީ ހައްގެއް ގެއްލިގެން އުޅޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި މިއުޅެނީ ރާއްޖޭގައި ހުރިހާ ރައްޔިތުންނަށް ބޮޑު ކަމެއް ދިމާވެގެން ނޫން ކަމަށާއި މިއީ ރާއްޖޭގައި ވަކި ބަޔަކަށް ދިމާވަގެން އުޅޭ އުނދަގުލެއް ކަމަށާއި އެ އުނދަގޫ މުޅި ދިވެހި އުންމަތް އުފުލަންޖެހޭ ކަމަށް ވާނަމަ އެ ބަޔަކީ ދިވެހިންނަށް ހައްގުތަކެއް ހޯދައިދޭން މަސައްކަތް ކުރާ ބައެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.