ދިވެހިރާއްޖޭގެ ޒަކާތު ހައުސް

ބޭސްފަރުވާއަށް ޒަކާތު ފަންޑުން 740،000 ރުފިޔާ ހަރަދުކޮށްފި

މޯލްޑިވްސް ޒަކާތު ހައުސް އިން މިދިޔަ މަހު ފަގީރުންނާއި މިސްކީނުންނަށް ބޭސްފަރުވާއަށް އެހީގެ ގޮތުގައި 740،000 އަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.

ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ފެބްރުއަރީ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފަގީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި މިދިޔަ މަހު 740،805.79 ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިއީ 69 މީހަކަށް ދޫކުރެވުނު އެހީ އެވެ.

ބޭސްފަރުވާގެ އެހީ ދެވިފައިވާ މައިގަނޑު ކަންކަން

  • ކެންސަރު - 245،948.50 ރުފިޔާ (29.6 ޕަސަންޓް)
  • ޓްރާންސްޕްލާންޓް - 76،329.00 ރުފިޔާ (9.2 ޕަސަންޓް)
  • ހިތުގެ އޮޕަރޭޝަން - 16،962.00 ރުފިޔާ (ދެ ޕަސަންޓް)
  • ސިކުނޑީގެ އޮޕަރޭޝަން - 16،962.00 ރުފިޔާ (ދެ ޕަސަންޓް)
  • އެހެނިހެން - 473،746.00 ރުފިޔާ (57.1 ޕަސަންޓް)

ހާއްސަ ހާލަތްތައް މެދުވެރިވެގެން ހާލުގައި ޖެހޭ މީހުންނަށް އެހީގެ ގޮތުގައި 12،750.00 ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ޒަކާތު ފަންޑުން ހާމަކުރި ގޮތުގައި ފެބްރުއަރީ މަހު ކުރެވިފައިވާ ހަރަދުތަކުގެ ތެރޭގައި ޖެނުއަރީ މަހު އެހީ ހަމަޖެހިފައިވާ މީހުންގެ ހަރަދުތައް ހިމެނެ އެވެ.

މީގެ އިތުރުން ދީނީ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް 374،950.28 ރުފިޔާ ހަރަދުކޮށްފައިވާއިރު އިދާރީ މުވައްޒަފުންގެ އުޖޫރައަށް 192،432.81 ރުފިޔާ ހޭދަކޮށްފައިވާއިރު ޖަލްސާ އަދި ސެމިނާ ފަދަ ކަންކަމަށް 93،761.61 ރުފިޔާ ހޭދަކޮށްފައިވެ އެވެ.