ގުޅިފަޅު

ގުޅިފަޅު ހިއްކުމުގެ މަޝްރޫއު މަސް ދުވަސް ތެރޭގައި ނިމޭނެ: މުއްތަލިބް

ކުރީގެ ސަރުކާރުން ބޮސްކާލިސްއާ ހަވާލުކުރި ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ އާދިއްތަ ދުވަހުގެ ނިޔަލަށް ގުޅިފަޅުން 127.9 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ.

ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

މިނިސްޓަރު މުއްތަލިބު މިއަދު ވިދާޅުވީ ގުޅިފަޅު ހިއްކުމަށް މިހާރު ކުރިއަށްދާ މަޝްރޫއު ނިމުމުން ރައީސް މުއިއްޒު ވިދާޅުވި 85 ހެކްޓަރުގެ ބިން ހިއްކުން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ކުރިއަށްގެންދާނެ ކަމަށެވެ.

ގުޅިފަޅު ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ ޖުލައި ދެވަނަ ދުވަހު އެވެ.

މި މަޝްރޫއުގެ ދަށުން 150 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށް ބޮސްކާލިސްއާ ހަވާލުކޮށްފައިވަނީ 120 މިލިއަން ޔޫރޯ -- ދެ ބިލިއަން ރުފިޔާ އަށެވެ.