ހަބަރު

ނަޝީދު އޮޕަރޭޝަން ކުރައްވާކަން ނުޖެހޭ: ރައީސް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިނުގަންނަވާކަން މިހާރު އެނގިވަޑައިގެންފައިވާ ކަމަށާއި، ޖެހެނީ ހަމައެކަނި އިންޖެކްޝަނެއް ޖައްސަވަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ހއ. އުތީމު ބަނދަރު ރަސްމީކޮށް އިފްތިތާހް ކޮށްދެއްވުމަށް ވަޑައިގެން އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އިންޖެކްޝަން ޖަހައިގެން ރާއްޖެ ވަޑައިގެން ދިވެހި ގައުމަށް ހިދުމަތް ކުރެއްވުމަށް ރައީސް ނަޝީދަށް ގޮވާލައްވާފަ އެވެ. އަދި ސަރުކާރުގެ ކަންކަން ރަނގަޅު ކުރުމަށް ނަސޭހަތާއި މަޝްވަރާ ދެއްވުމަށް ވަޑައިގެންނެވުމަށް ވެސް އެމަނިކުފާނު ރައީސް ނަޝީދަށް ދައުވަތު ދެއްވި އެވެ.

"އެހެން ބޭރަށް ވަޑއިގެން ތިއްބަވައިގެން ރާއްޖެއަށް ގެއްލުންވާ ކަންކަން ކުރައްވައިގެން އަޅުގަނޑަކަށް އެކަންޏެއް ނޫން ގެއްލުންވާނީ. މުޅި ރާއްޖެއަށް އެކަމުން ގެއްލުން ވާނެ. އަޅުގަނޑުމެންނަކީ ބޭރުގެ އެކި ދައުލަތްތަކުންނާ މުއައްސަސާތަކުން ފައިސާ ހޯދައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގާ ބައެއް. އެހެންވީމަ މިކުރެވޭ މަސައްކަތުގައި ރައްޔިތުންނަށް ހިދުމަތްކޮށްދޭ ކަމަށްވަންނަމަ ރައްޔިތުންނަށް ދަތިވާ ކަންކަން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްކުރަން އެހީތެރިވާންވީ ކަމަށާއި ރައީސް ޔާމީންގެ ކެބިނެޓަކީ އެ ހިތްވަރު ހުރި ކެބިނެޓެއް ކަމަށެވެ.

ރާއްޖޭގައި މިއޮތީ މިނިވަން ރައްޔިތުންނަށް ހައްގުތައް ކަށަވަރުކޮށްދޭ ގާނޫނު އަސާސީއެއް ކަމަށާއި ވަކި ގައުމަކަށް ދާތީ ނުވަތަ އަންނާތީ އެމީހުންގެ ފުރުން ދައުލަތުން ނުހިފާއްޓާނެ ކަމަށެވެ.

"ކޮންމެ މީހަކަށްވެސް ﷲ ވަނީ ސިކުނޑިއެއް މިންވަރު ކުރައްވާފައި. ކޮންމެ މީހަކުވެސް ކުރެވެނީ ކިހާވަރެއްގެ ކަމެއްތޯ ވިސްނާލަންޖެހޭ. އަޅުގަނޑުގެ ކުރިންވެސް ރައީސްކަން ކޮށްފައި ތިއްބެވި ބައެއް ބޭފުޅުންނަށްވެސް ހަމަ މި މެސެޖް ދަންނަވާލަން ބޭނުންވަނީ. މުޅި ރަށެއްގެ ރައްޔިތުންގެ ޒިންމާ އުފުއްލަވައިފީމުއޭ، ނަމަވެސް މިއަދު އެމަނިކުފާނު އެދައްކަވައިދެނީ އަނެއްކާވެސް މުޅި ރަށެއްގެ ރައްޔިތުންނަށް އުނދަގުކުރުމާއި މުސީބާތާއި އުނދަގޫ އުފުލުމުގެ މަގު އެފަހިކޮށްދެއްވަނީ. މިއީކީ އެއްވެސް މީހަކަށް ފަރުދީ މިނިވަންކަން އޮވެގެން ކުރެވޭނެ ކަމެއް ނޫން. މިއީކީ ފަރުދީ މިނިވަންކަމުގެ ހައްގުގެ ތެރެއިން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ތެރެއިން ކުރެވޭނެ ކަމެއް ނޫން. އެއްވެސް ދައުލަތެއްގެ މުޅި ރައްޔިތުންނަށް ދެރަވާގޮތަށް އަދި އަމުދުން ރައްޔިތެއްގެ ވަލިއްޔުލް އަމްރެއްގެ ގޮތުގައި ހުރި ބޭފުޅަކަށް ކުރުން ލަދުވެތި ކަމެއް." ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގައި މިއޮތް ދައުލަތަކީ މިސަރަހައްދުގައި ނެތްވަރު ދައުލަތެއްކަން ފާހަގަ ކުރައްވާފަ އެވެ. ވިދާޅުވީ، އެ ނިއުމަތަށް ޝުކުރު އަދާކުރަން ޖެހޭ ކަމަށެވެ.