މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް

ކައުންސިލް އިދާރާތައް އަޅާ ރަށްތައް ކަނޑައަޅާ މިންގަނޑު އާންމުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވި ގޮތަށް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އިމާރާތްކުރާ 50 ކައުންސިލް އިދާރާ ހޮވާނެ ގޮތުގެ މިންގަނޑު އާންމުކޮށްފި އެވެ.

މިއަހަރުގެ ތެރޭގައި 50 ރަށެއްގެ ރަށު ކައުންސިލް އޮފީސް ގާއިމުކުރުމުގެ ބޮޑު މަޝްރޫއެއް ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ހދ. މަކުނުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގަ އެވެ.

ލޯކަލް ގަވަމަންޓް މިނިސްޓްރީން ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އިމާރާތްކުރައްވާނެ ކަމަށް ރައީސް މުއިއްޒު އިއުލާނު ކުރެއްވި 50 ކައުންސިލް އިދާރާ ކަނޑައެޅުމުގައި ބޭނުންކުރާނެ މިންގަނޑުތަކާއި މާކްސް ދެވޭނެ ގޮތް އާންމުކޮށްފަ އެވެ.

މިންގަނޑުތައް

  • ރަށުގެ އާބާދީ - 20 މާކްސް
  • ކައުންސިލުންގެ ވަސީލަތް - 20 މާކްސް
  • އިމާރާތުގެ ހާލަތު - 20 މާކްސް
  • ކައުންސިލަރުން މަސައްކަތް ކުރާނެ ޖާގަ - 10 މާކްސް
  • މުވައްޒަފުން މަސައްކަތް ކުރާނެ ޖާގަ - 10 މާކްސް
  • އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންގެ ޖާގަ - 10 މާކްސް
  • ކަންގަތި އެވޯޑް ލިބިފައިވުން - 10 މާކްސް

މި މިންގަނޑުތަކާއި މާކްސް ދެވިފައިވާ ގޮތާމެދު ހިޔާލުފާޅު ކުރުމުގެ ފުރުސަތު ވަނީ މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އާ ހަމައަށް ހުޅުވާލާފަ އެވެ.