ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައިވާތީ މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން (އެމްއެލްސީއޭ) އިން އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ ބިލާ ދެކޮޅު ހަދައިފި އެވެ.
އެމްއެލްސީއޭ އިން އިއްޔެ ފާސްކޮށްފައިވާ ގަރާރެއްގައި ބުނެފައިވަނީ ބިނާވެށި ގާނޫނުގެ ސަބަބުން ރައްޔިތުންނަށް ހިދުމަތް ފޯރުކޯށްދޭ ލޯކަލް ކައުންސިލްތަކުގެ ހިންގުމުގެ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށާއި އެ ބަދަލުތަކުގެ ސަބަބުން މުޖުތަމައުގެ ވަސީލަތްތައް މުޖުތަމައުއަށް އެންމެ ފައިދާވާނެ ގޮތަށް ރޭވުމުގެ ފުރުސަތު މުޖުތަމައުތަކުން ގެއްލިގެންދިޔުމުގެ ނުރައްކާ އޮތް ކަމަށެވެ.
ބިލަށް ހިޔާލު ހޯދުމުގެ މަރުހަލާގައި އެމްއެލްސީއޭއާއި، މެމްބަރު ކައުންސިލުތަކާއި، ރާއްޖޭގެ ފަންނީ މާހިރުންނާއި، އެހެނިހެން ޖަމާއަތްތަކުން ހުށަހަޅާފައިވާ ހިޔާލުތަކަށް ރައްޔިތުންގެ މަޖިލީހުން ރިއާޔަތްކޮށްފައިނުވާ ކަމަށް ވެސް ގަރާރުގައިވެ އެވެ.
މީގެއިތުރުން ގާނޫނާ ބެހޭގޮތުން ލޯކަލް ގަވަރުމަންޓް މިނިސްޓްރީއާއި މަޝްވަރާކޮށްފައި ނުވާ ކަމަށާއި މަޖިލީހުގެ ކޮމިޓީގައި ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ދެއްވާފައިވާ އިރުޝާދުތަކާ އެ ގާނޫނު ތައާރުޒުވާ ކަމަށްވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
"އެ ވުޒާރާއިން ލާމަރުކަޒީ ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ދިރާސާކޮށް، މަޝްވަރާތައް ފެށުމަށް ވަމުންދާ ތައްޔާރީތަކަށް މި ގާނޫނު ފާސްކުރުމުގައި ކައުންސިލުތަކާ، ފަންނީ މާހިރުން އެކަހެރިކުރުމުން ސަރުކާރުން ރައްޔިތުންނާ ކައުންސިލުތަކުގެ ބައިވެރިވުން ހޯދާނެ ކަމަށް ވީ ވައުދަށް ހިޔަނި އެޅިއްޖެ،" ގަރާރުގައިވެ އެވެ.
އެމްއެލްސީއޭއިން ބުނީ ބިނާވެށި ގާނޫނުގެ ސަބަބުން މުޖތަމައުގެ އެއްވެސް ބަހެއްނެތި ކައުންސިލްތަކުގެ އިހްތިސާސް ކަނޑާލުމުގެ ބާރު މިނިސްޓަރަށް ލިބޭ ކަމަށާއި، ސަރުކާރުން ވިއްކަމުންދާ ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ރައްޔިތުންގެ ފައިދާއަށް ރާވާ، ތަރުތީބުކުރުމަށް ހުރި ދޮރުތައް ބަންދުވާ ކަމަށެވެ.
"ވަޒީރެއްގެ މުށުތެރެއަށް ގައުމުގެ ހުރިހާ ވަސީލަތްތައް ބޭނުންކުރުމުގެ ބާރު [ގާނޫނުން] ލައިދޭ،" އެ އެސޯސިއޭޝަނުން ބުނެފައިވެ އެވެ.
އެސޯސިއޭޝަނުން ބުނީ މިފަދަ ގާނޫނުތައް އުފަންކޮށްގެން ހަމައެކަނި މިނިސްޓަރަށް ފެންނަ ބޮޑެތި އިންވެސްޓްމަންޓްތަކާއި ހިންގާ މަޝްރޫއުތަކުގެ ސަބަބުން ރައްޔިތުންނަށް ފައިދާއެއް ނުވާ ކަމަށާއި މި ހަރާކަތްތަކުން ހިންގާފައިވަނީ ބޮޑެތި ވައްކަމާއި ހިޔާނާތާއި ޓެކުންކަން ތާރީހުން ދައްކުވައިދޭ ކަމަށެވެ.
އެމްއެލްސީއޭއިން ވަނީ ގާނޫނު އިސްލާހުކުރުމަށްވެސް ގޮވާލާފަ އެވެ. އަދި ގާނޫނު މިހާރު އޮތް ގޮތާ ދެކޮޅު ކަމަށް އިގުރާރުވެ، ގާނޫނު އިސްލާހުކުރުމަށް ކެނޑިނޭޅި ވަކާލާތުކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.