ދުނިޔެ

ޣައްޒާއަށް އެހީ ވައްދަން އިޒުރޭލުން ފުރުސަތެއް ނުދޭ: އިނގިރޭސިވިލާތް

އިނގިރޭސިވިލާތުން ޣައްޒާއަށް ފޮނުވި އެހީ، ޣައްޒާ ބޯޑަރުގައި ތާށިވެފައި ހުންނަތާ ހަފުތާތަކެއް ވެއްޖެ ކަމަށް އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރު ޑޭވިޑް ކެމެރަން ވިދާޅުވެއްޖެ އެވެ.

ޑޭވިޑް ކެމެރަން ވިދާޅުވި ގޮތުން ޣައްޒާއަށް އެހީ ނުވެއްދި ތާށިވެފައި ހުރީ އިޒުރޭލުން ދޭންޖެހޭ ހުއްދަތައް ނުދީގެންނެވެ. އޭނާ އަދި ވިދާޅުވީ މިއީ ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ.

އިނގިރޭސިވިލާތަކީވެސް ޣައްޒާއަށް އެހީ ފޯރުކޮށްދޭ ގައުމެއް ކަމަށާއި، އާންމުންނަށް އެހީ ފޯރުކޮށްދެވުނުކަން ކަށަވަރުކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށްވެސް ކެމެރަން ވިދާޅުވި އެވެ.

ޣައްޒާއަށް އެހީ ވެއްދުމަށް ހުރިހާ ބޯޑަރުތައް ހުޅުވާނެ ކަމަށް އިޒުރޭލުން ބުނި ނަމަވެސް ކެމެރަން ވިދާޅުވީ އިޒުރޭލުގެ ހުއްދަ ނުލިބިގެން ބޯޑަރުގައި ތާށިވެފައި ހުރީ ހަމައެކަނި އިނގިރޭސިވިލާތުން ފޮނުވާ އެހީ ނޫން ކަމަށެވެ. މިއީ ވަރަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެ ކެމެރަން ވަނީ އިނިގިރޭސި ގާނޫނު ހަދާ މަޖިލީހަށް ޝަކުވާގެ ސިޓީއެއްވެސް ފޮނުއްވާފަ އެވެ.

ކެމެރަންގެ މި ޝަކުވާ އަހައި އިޒުރޭލުން ބުނީ ޣައްޒާއަށް އެހީ ނުވެއްދި ހުރީ އިޒުރޭލުގެ އިހުމާލުން ނޫން ކަމަށެވެ. އެއީ އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކުގެ ނުކުޅެދުންތެރިކަމުން ކަމަށްވެސް އިޒުރޭލުން ބުންޏެވެ.

ޣައްޒާއަށް އެހީ ވެއްދެން ހުރި ކޮންމެ ދިމާއަކުން އެހީ ވަންދަން ހުއްދަ ދޭނެ ކަމަށާއި އިޒުރޭލުގެ ކުޅެދުންތެރިކަން ހުރި ދަރަޖަ ތަސައްވުރުކުރުމަށް އެހީގެ ގާފިލާތައް ފޮނުވަން ވެސް އިޒުރޭލުން ވަނީ ބުނެފަ އެވެ. ނަމަވެސް ކެމެރަން ވިދާޅުވީ ޒިންމާތަކާ ހަވާލުވެ ތިބި އިޒުރޭލުގެ އޮފިޝަލުން ކަންތައްތައް ކުރަނީ ލިޔުމުގައި އޮންނަ ގޮތަށް ނޫން ކަމަށެވެ.

ޔަހޫދީންނަށް މުގައްދަސް ދުވަސްތަކާއި ވަގުތުތަކުގައި ގޭޓުތައް ބަންދުކޮށް އަދި އެކަށީގެން ނުވާ ވަރަށް ބަންދުގެ ވަގުތު ދިގުކުރާ ކަމަށްވެސް ކެމެރަން ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ ކޮންމެ ގާފިލާއަކަށް ވަކިން ހުއްދަ ހޯދަން ޖެހޭއިރު ހުއްދަ ދޭން ނަގާ ވަގުތު އިޒުރޭލުން ހަފުތާއަކަށް ދަންމާލާ ކަމަށެވެ. އޭނާ އަދި ވިދާޅުވި މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ގޮތެއް ނޫން ކަމަށެވެ.

ޣައްޒާއަށް އެހީ ލިބިފައި ހުރި ނަމަވެސް ބޯޑަރު ހުރަސްކޮށް އެހީ ވެއްދުމުގެ މަރުހަލާތައް ދިގުލައި، މުޅި ޣައްޒާ މިހާރު އޮތީ ބަނޑަށް ޖެހިފަ އެވެ.

އިޒުރޭލުގެ ވިސްނުމަކީ ޣައްޒާ ބަނޑަށް ޖައްސައި، އަންހެނުންނާއި ކުޑަކުދިން ބަނޑަށް މެރުމެވެ. ޔަހޫދީންގެ ނުބައި ވިސްނުން ކާމިޔާބުވާން އޮތީ ޣައްޒާ ބަނޑަށް މަރައި ހުސްކޮށްގެންނެވެ.