ހަބަރު

ނެޝަނަލް ޑައިގްނޮސްޓިކް ސެންޓާ އަޅަން ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްފި

އައިޖީއެމްއެޗުގައި ޑައިގްނޮސްޓިކް ސެންޓާއެއް ހިމެނޭ ގޮތަށް އަޅާ 25 ބުރީގެ އިމާރާތް އަޅަން ސިންގަޕޫރުގެ ޗަން ހުއާ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. އިމާރާތް އަޅަން ނިންމާފައިވަނީ ހޮސްޕިޓަލުގެ ދެކުނަށް އޮންނަ ޕާކިން ލޮޓު ހިމެނޭ ބިމުގައެވެ.

ސަރުކާރުގެ ބަޖެޓުން 140 މިލިއަން ޑޮލަރު ހަރަދުކޮށްގެން އަޅަން ނިންމާފައިވާ ނެޝަނަލް ޑައިގްނޮސްޓިކް ސެންޓާ އަޅަން ސިންގަޕޫރުގެ ކުންފުންޏާ ހަވާލުކުރުމަށް މިއަދު ހޮޓެލް ޖެން ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދް އެވެ. ޖަން ހުއާ ކުންފުނީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވީ، ޑައިގްނޮސްޓިކް ސެންޓާއެއް ގާއިމްކުރުމުން އައިޖީއެމްއެޗްގެ ހިދުމަތް އެތައް ގުނައަކަށް ފުޅާވެގެންދާނެ ކަމަށެވެ.

ތިމާވެއްޓާވެސް ރައްޓެހި ގޮތަކަށް، ޖިމްތަކާއި ބަގީޗާތައް ހިމަނައިގެން ޒަމާނީ ފެންވަރަށް އަޅާ އެ އިމާރާތަކީ ހަމައެކަނި ޑައިގްނޮސްޓިކް ސެންޓާއެއް ނޫނެވެ. އެ އިމާރާތް އެޅުމުން އެޕޮއިންޓްމަންޓް ހެދުމާއި އެހެންވެސް އައުޓް ޕޭޝަންޓް މަސައްކަތްތައް ވެސް އެތަނަށް ބަދަލުކޮށް އިދާރީ ބައެއް މަސައްކަތްތަކާއި ހިތުގެ ބަލިތަކަށް ހާއްސަ ސެކްޝަނަކާއި އެހެންވެސް ހިދުމަތްތައް އެ ބަޔަށް ގެންނަން ވަނީ ނިންމާފަ އެވެ.

ޑައިގްނޮސްޓިކް ސެންޓަރުގެ ގޮތުގައި ބޭނުންކުރަން ނިންމާފައިވަނީ އިމާރާތުގެ ފުރަތަމަ ފްލޯ އެވެ. ދޭވަނަ ބުރިއާއި ތިން ވަނަ ބުރީގައި އައުޓް ޕޭޝަންޓް ހިދުމަތްތަކާއި ވެއިޓިން އޭރިއާ ހިމެނޭ އިރު، ތިން ވަނަ ބުރި ހާއްސަކޮށްފައިވަނީ ހައިޑްރޯ ތެރަޕީއަށެވެ. އެ އިމާރާތުގެ 14 ވަނަ ފްލޯ އިން މަތި ހާއްސަކޮށްފައިވަނީ ޑިސެންޓްރަލައިޒްޑް ނަރުހުންގެ ހިދުމަތް ދިނުމަށާއި މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ހޯދާ ފަރާތްތަކަށާއި ޕްރައިވެޓް ރޫމްތަކަށެވެ.

ޝަހީރު ވިދާޅުވީ، މިހާރު ހުރި އިމާރާތާއި ގުޅިފައި ހުންނަ ގޮތަށް ޕާކިން ލޮޓް އޮތް ބިމުގައި އަޅާ އިމާރާތުގެ އެންމެ ބޮޑު އެއް މަގުސަދަކީ އައިޖީއެމްއެޗްގެ އެނދު ގިނަކުރުން ކަމަށެވެ. އެގޮތުން އެ ޕްރޮޖެކްޓް ނިމޭއިރު 500 އެނދުގެ ހޮސްޕިޓަލަކަށް އައިޖީއެމްއެޗް ބަދަލުވާނެ ކަމަށެވެ.

"ޕްރޮޖެކްޓްގެ މައިގަނޑު އެއް މަގްސަދަކީ އައިޖީއެމްއެޗުން ކޭޓާ ކުރާ ބަލި މީހުންނަށް ޖާގަ ހޯދުން. އެއްގޮތަށް ބުނާ ނަމަ އެނދު ގިނަ ކުރުން. މި އިމާރާތް އަޅައި ނިމޭއިރު އައިޖީއެމްއެޗްގެ އެނދުތަކުގެ އަދަދު 270 އިން 500 އަށް އިތުރުވާނެ،" ފަރުހަތު ވިދާޅުވިއެވެ.

25 ބުރީގެ އިމާރާތް ފަރުމާކޮށްފައިވަނީ މިހާރު އައިޖީއެމްއެޗް ހިންގާ އިމާރާތާއި ގުޅިފައި ހުންނަ ގޮތަށެވެ.

"ހަމަ އެކަނި އެބިމުގައި އަޅާ 25 ބުރި އެކަންޏެއް ނޫން މި ޕްރޮޖެކްޓްގައި ހިމެނެނީ. އެ އިމާރާތުގެ މަސައްކަތްތަކާއެކު މިހާރު ހުރި އިމާރާތަށް ވެސް އަންނާނެ އިންފްރާސްޓްރަކްޗާ ބަދަލުތަކެއް، މިހާރު ހުރި އިމާރާތަށް ދިހަ ބުރީގެ އިމާރާތެއް އިތުރުވާނެ،" ޝަހީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ، އާ އިމާރާތް ޗަން ހުއާ ކުންފުންޏާ ހަވާލުކުރީ، ބިޑިން މަރުހަލާގައި ފުރިހަމަ ކުރުމަށްފަހު ކަމަށެވެ. އެގޮތުން ދެ ބިޑިންއަކަށް ދިޔަ ކަމަށާއި ދެވަނަ ބިޑިން އަކަށް ހުޅުވާލަންޖެހުނީ އިމާރާތުގެ ސްޓްރަކްޗާއަށް ގެނައި ބަދަލެއްގެ ސަބަބުން ކަމަށެވެ.

"ހުރިހާ ބީލަން މަރުހަލާއެއް ފުރިހަމަކޮށްފަ ކުރި ކަމެއް މިއީ. ދެވަނަ ބިޑިން އަކަށް ހުޅުވާލީމަ އިތުރު ތިން ފަރާތަކުން ކުރިމަތިލި. އެއީ މެލޭޝިއާ ކުންފުންޏަކާއި ލަންކާ ބަޔަކާއި ކޮރެއާ ބައެއް. އެ ހުރިހާ މައުލޫމާތެއް ޓެންޑާ ކުރުމަށްފަހު އީވައިސީން ނިންމީ ޗަން ހުއާ ކޮންސްޓްރަކްޝަންކަމަށް މިކަމަށް އެންމެ ރަނގަޅީ،" މިނިސްޓަރު ވިދާޅުވި އެވެ.

އައިޖީއެމްއެޗުން ބުނީ ޑައިގްނޮސްޓިކް ސެންޓާ މަޝްރޫއު 2018 ވަނަ އަހަރު ނިމުމުގެ ކުރިން ނިންމައި ހިދުމަތްދޭން ފަށާނެ ކަމަށެވެ. އެ ޕްރޮޖެކްޓުގެ ސީދާ މުއްދަތަކީ 27 މަސްދުވަހެވެ. މަސައްކަތް ކުރާ ޗަން ހުއާ ކުންފުންޏަށް ފައިސާ ދައްކައި ހަލާސްކުރަންޖެހެނީ ތިން އަހަރުގެ މުއްދަތަކަށް ބަހާލައިގެންނެވެ.