ދުނިޔެ

ޣައްޒާގައި އެހީއަށް އެދި ތިބި ބަޔަކަށް އަނެއްކާވެސް ހަމަލާދީފި

ޣައްޒާގައި އެހީ ހޯދަން ލޮރީއެއް ދޮށަށް އެއްވެ ތިބި ފަލަސްތީން ބަޔަކަށް އިޒުރޭލުން ހަމަލާދީ 19 މީހަކު މަރާލައިފި އެވެ.

މި ހަމަލާގައި އިތުރު 23 މީހަކަށް ވަނީ ކުދިބޮޑު އެތައް ޒަހަމްތަކެއް ލިބިފަ އެވެ.

ޣައްޒާގެ މީޑިއާ އޮފީހުން ބުނި ގޮތުން އެ ސިޓީގެ ދެކުނުއުތުރު އާބާދީތަކަށް އެހީ ފޯރުކޮށްދޭން -- ގޮދަންފުށް ބަހަން ވަދެ އޮތް ލޮރީއެއް ދޮށަށް އެތައް ހާސް ބަޔަކު އެއްވެ ތިއްބައި، އިޒުރޭލުން ރަހުމެއް ނެތި ދިން ހަމަލާތަކުގައި ބަޔަކު މަރުވެގެން ދިއުމަކީ ހިތްދަތިކަމެއް ކަމަށެވެ.

އާންމުންގެ އެތައް ބަޔަކު ބަނޑަށް ޖެހިފައި ތިބިއިރު އެ މީހުންނަކީ ޔަހޫދީންނަށް ގެއްލުމެއް ދެވޭނެ ހާލަތުގައި ތިބި ބައެއް ނޫންކަށް އިޒުރޭލަށް އެނގެން ޖެހޭނެ ކަމަށް ވެސް މީޑިއާ އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ ޣައްޒާއަށް ޖެހިފައި އޮތް ހާލަތަށް އެމެރިކާ އާއި ބައިނަލްއަގްވާމީ މުޖުތަމައު އަދި އިޒުރޭލުން ޒިންމާވާން ޖެހޭނެ ކަމަށެވެ.

ފަލަސްތީން މީހުން ނައްތާލަން އިޒުރޭލުން ހިންގަމުން ގެންދާ ޖަރީމާތައް ހުއްޓުވުމަކީ މުޅި ދުނިޔެއަށް ވާޖިބެއް ކަމަށްވެސް ޣައްޒާގެ އިދާރާތަކުން ބުނެ އެވެ.

ފަލަސްތީންގެ މިނިވަންކަމަށް ވަކާލާތުކުރާ ޖަމިއްޔާތަކުންވެސް ބުނެފައިވަނީ އެމެރިކާއިން އަސްކަރީ ގޮތުން އަދި މާލީ ގޮތުން އިޒުރޭލަށް އެހީތެރިވާހާ ހިނދަކު، ޔަހޫދީންގެ ޖަރީމާތައް ނުހުއްޓާނެ ކަމަށެވެ.

ޖަމިއްޔާތަކުން ދެކޭ ގޮތުގައި އިޒުރޭލަށްވެސް ދެމިއޮތުމުގެ ހައްގު ލިބެން ޖެހޭ ކަމަށް ބުނެ ފަނާކުރަނިވި ހަތިޔާރު ފޯރުކޮށްދިނުމަކީ އެކަމުގައި އެއްވެސް އިންސާފެއް އޮތް ކަމެއް ނޫނެވެ. އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރު ބޭނުންކުރަނީ އެއްވެސް ބާވަތެއްގެ ހަތިޔާރެއް އަދި ތޫނު އެއްޗެއް ނެތް ބަޔަކާ ދެކޮޅަށް ކަމަށްވެސް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ބުނެ އެވެ.

ޣައްޒާގެ ބޯޑަރުތައް ހުޅުވާލައި އެހީ ފޯރުކޮށްދިނުން އަވަސްކުރުމުގައި އެމެރިކާގެ ދައުރު ވަރަށް މުހިއްމު ކަމަށްވެސް އެހީދޭ ޖަމިއްޔާތުން ބުނެ އެވެ.

މިދިޔަ އަހަރު އޮކްޓޯބަރު ހަތަކުން ފެށިގެން އިޒުރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި 32،100 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި 72،400 އަށް ވުރެ ގިނަ މީހުންނަށް ކުދިބޮޑު އެތައް ޒަހަމެއް ވަނީ ލިބިފަ އެވެ.