ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވެރިކަމަށް އަންނަން ހުށަހެޅި އެއްވެސް ކަމެއް މި ސަރުކާރުން ނުފަށާ: ސޯލިހު

މި ސަރުކާރު ވެރިކަމަށް އައުމަށް ރައްޔިތުންނަށް ހުށަހެޅި އެއްވެސް ކަމެއް ފަށާފައިނުވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭންގައި މާފަންނުގެ ހަތަރު ދާއިރާއަށް އެ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައުމަށް ހުށަހެޅި ކަންކަން ކުރުމުގެ ވިސްނުން އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންނަށް ކުރިމައްޗަށް އެ ހުށަހެޅި ހުށަހެޅުންތަކާއި މިއަދު އަމަލުކުރަމުންދާ ގޮތާއި ހާސްބައި ތަފާތު. ދެއްކެވި އެއްވެސް ވާހަކައެއް، ދެއްކެވި އެއްވެސް ވާހަކައެއް ކުރަން ވިދާޅުވި އެއްވެސް ކަމެއް މި ހަތަރު މަސް ދުވަހުގެ ތެރޭގައި އަދި ނެތް ފަށާފައެއް. އަދި ފެށުމުގެ ވިސްނުމެއް އޮތް ކަމަށް އަޅުގަނޑުމެންނަށް ނުފެނޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދިނުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ މަޖިލީހުގެ ތެރެއިން ސަރުކާރު ލައްވާ އެކަންކަން ކުރުވުމެވެ.

ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރުން ނުކުރާނަމަ ސަރުކާރު ޖަވާބުދާރީކޮށް ޒިންމާދާރުކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް އޮވެގެން ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ގުޅީފަޅާއި ގިރާވަރުފަޅާއި ހުޅުމާލޭ ތިންވަނަ ފިޔަވަހިން ގޯތި ނުދެވެންވީ ސަބަބެއް ނެތް ކަމަށާއި ހުޅުމާލެ ފޭސް ތިނެއް ހިއްކަން ފެށުމުން މާލެ ސިޓީގެ އޭރުގެ މޭޔަރު އަދި މިހާރުގެ ރައީސް މުއިއްޒު އެކަން ހުއްޓާލުމަށް އެންގެވި ކަމަށެވެ.

"އެބަ ވިދާޅުވޭ ގުޅީފަޅު އިތުރަށް ހިއްކަން ތިމަންނަ ގަސްތުކުރަމޭ. ރަނގަޅު ވާހަކައެއް ކުރަންވީ. އެކަމަކު އަޅުގަނޑުގެ އެއްވެސް އިތުބާރެއް ރައީސް ޑރ. މުހައްމަދު މުއިއްޒަކަށް ނެތް،" ރައީސް ސޯލިހު ވިދާޅުވި އެވެ.