ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސިޔާސީ ލީޑަރުން ހައްޔަރުކުރަން ސަރުކާރުން ދަނީ ތައްޔާރުވަމުން: ސޯލިހް

އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރު ކުރުމަށް މި ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ހެންވޭރުގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ބިރުވެރިކަން އިންތިހާއަށް ކުރިމަތިވަމުންދާ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިއަދު ފުލުހަށް ހާޒިރުވުމަށް އަންގާފައިވާއިރު އެކަމަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ފައްޔާޒް ފުލުހަށް ހާޒިރުކުރަނީ އެއްވެސް އަސާސެއް ނެތް ކަމެއްގައި ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ސިޔާސީ ހަަރަކާތް ހިންގެން ނެތް ކަމަށާއި ސިޔާސީ ލީޑަރުން ހައްޔަރުކުރަން ތައްޔާރުވަމުންދާ ކަމަށެވެ.

"އެހިސާބުން ނުނިމޭނެ. ފަނޑިޔާރުންވެސް ހައްޔަރުކުރާނެ. ޕޮލިސް ކޮމިޝަނަރުންވެސް ގެންގޮސް ހައްޔަރުކުރާނެ. މިނިވަން މުއައްސަސާތައް މުށުތެރެއަށް ލާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މިއަދު ފެންނަނީ ބާރު ސްޕީޑުގައި ފަހަތަށް ދުވާ ދޯންޏެއް ކަމަށާއި ފެންނަނީ 20 އަހަރު ފަހަތަށް ގެންދާ މަންޒަރު ކަމަށެވެ.

"ހުދުމުހުތާރު ވެރިކަމެއްގެ ހުރިހާ ސިފައެއް ބަރާބަރަށް ހަމަވަމުންދާ ތަން މި ފެންނަނީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ސަރުކާރުން ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށާއި ސަރުކާރުގެ ކެމްޕޭންތަކުގައި ބައިވެރިވުމަށް ބާރު އަޅަމުންދާ ކަމަށެވެ.