މާލޭ ސިޓީ ކައުންސިލް

ޕެޓް ކެއާ ފެސިލިޓީގެ ބިންގާ އަޅައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކުރުމަށް ނިންމާފައިވާ "ޕެޓް ކެއާ ފެސިލިޓީ"ގެ ބިންގާ އަޅައިފި އެވެ.

ފެސިލިޓީ އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ.

ފެސިލިޓީގެ ބިންގާ އަޅުއްވައިދެއްވީ މެޑަމް ސާޖިދާގެ އިތުރުން މާލޭގެ މޭޔަރު އާދަމް އާޒިމް އެވެ.

މި ފެސިލިޓީއަކީ މާލެ ސަރަހައްދުގެ ޕާކުތަކާއި މަގުމަތީގައާއި އަދި މި ނޫންވެސް އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ބުޅާ ގިނަވެ، އެ ބުޅާތަކަށް ލިބެމުންދާ އަނިޔާތަކާއި އަދި ތަފާތު ބަލިތައް ޖެހުމުން ސަލާމަތްކޮށް، ބުޅާތައް ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ޤާއިމުކުރުމަށާއި އާންމު ތަންތަނުގައި ބުޅާ ގިނަވުމުގެ ސަބަބުން ފެތުރިދާނެ ބަލިތަކުން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ބޭނުމުގައި ޤާއިމުކުރާ ފެސިލިޓީ އެކެވެ.

މި ފެސިލިޓީގައި ބުޅާތައް ކަރަންޓީނު ކުރެވޭ ސަރަހައްދަކާއި، ކްލިނިކަކާއި، ފާމަސީއާއި، ލެބޯޓްރީ އަދި ހިޔާވަހިކަމާއި، އެކަށީގެންވާ ސިއްހީ ފަރުވާ އަދި ކުޅޭ ސަރަހައްދު ފަދަ ތަފާތު ހިދުމަތްތައް އެއްފުރާޅެއްގެ ދަށުން ލިބިގެންދާނެ އެވެ. މީގެ އިތުރުން ގޭގައި ގެންގުޅޭ ބުޅާތަކަށްވެސް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ މި ފެސިލިޓީން ލިބިގެންދާނެ އެވެ. މި ފެސިލިޓީ ގާއިމުކުރުމުން މާލެ ސަރަހައްދުގައި ބުޅާތައް ގިނަވެފައި ވުމުން މިހާރު ކުރިމަތިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ އެވެ. މި މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.