ވިޔަފާރި

ޔޫރަޕުން އައި ޓޫރިސްޓުން އިތުރުވެ ރާއްޖޭގެ ޓޫރިޒަމް ހެއްވާލައިފި!

  • އިނގިރޭސިވިލާތުގެ މާކެޓު އަށް ޕަސެންޓް އިތުރުވި
  • އިޓަލީ މާކެޓު ނުވަ ޕަސެންޓް އިތުރުވި
  • ޖާމަނީ މާކެޓު 10 ޕަސެންޓް އިތުރުވި

ޓޫރިޒަމް ހީނަރުވުމުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ހާއްސަކޮށް ޔޫރަޕުން އައި ޓޫރިސްޓުން މަދުވުމުގެ ވޭން މުޅި އިގްތިސާދުގެ މައި ބަދައަށް ކުރި އެވެ. ނަމަވެސް މި ވޭނުން ސަލާމަތްވާކަމުގެ އަލާމަތްތައް މިދަނީ ފެންނަމުންނެވެ. މިދިޔަ މަހުގެ ޓޫރިސްޓު އައި އަދަދަށް ބަލާއިރު، ޔޫރަޕުން އައި ޓޫރިސްޓުން އިތުރުވެ، ޓޫރިޒަމަށް މިވަނީ 11 ޕަސެންޓުގެ ކުރިއެރުމެއް ލިބިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މިދިޔަ މަހުގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތް ކުރީ 97،073 ޓޫރިސްޓުންނެވެ. ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހު (މިދިޔަ މަހު) އައި ޓޫރިސްޓުންގެ އަަދަދު ވަނީ 108،396 އަށް އިތުރުވެފަ އެވެ. މިއީ 11.7 ޕަސެންޓުގެ އިތުރުވުމެކެވެ.

މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ ޖުމްލަ އަދަދު އިތުރުވެގެން ދިޔައިރު މުހިންމު މާކެޓުތަކުން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ. އެގޮތުން ޔޫރަޕުން އައި ޓޫރިސްޓުންގެ އަދަދުވަނީ ފަސް ޕަސެންޓް އިތުރުވެފަ އެވެ. އަދި މުހިންމު މާކެޓުތަކުން އައި ޓޫރިސްޓުންގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ.

މިދިޔަ މަހު އެންމެ ގިނަ ޓޫރިސްޓުން އައި ގައުމުތައް

  • ޗައިނާ އިން 23،241 (13.5 ޕަސެންޓް އިތުރު)
  • އިނގިރޭސިވިލާތުން 7،728 (8.1 ޕަސެންޓް އިތުރު)
  • އިޓަލީ އިން 8،828 (9.8 ޕަސެންޓް އިތުރު)
  • ޖަރުމަނުން 7،837 (10.5 ޕަސެންޓް އިތުރު)
  • އިންޑިޔާ އިން 5،182 (31.2 ޕަސެންޓް އިތުރު)

މިދިޔަ މަހު ޔޫރަޕުގެ މުހިންމު މާކެޓުތަކުން އައި ޓޫރިސްޓުންގެ އަދަދު އިތުރުވެގެން ދިޔައިރު މެދުއިރުމަތީގެ ގައުމުތަކުން އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. މެދުއިރުމަތިިން މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 11.7 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.