ޖޯޖިއާގެ ބޮޑުވަޒީރު އިރާކްލީ ކޮބާޚީޒް އެ ގައުމުގައި ދިރިއުޅޭ މުސްލިމް ރޯދަވެރިންނަށް، ރޯދަވީއްލުމެއް ދެއްވައިފި އެވެ. މި ހަފުލާ އޮތީ ވެރިރަށް ތިބިލީސީ ގައެވެ.
ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ރޯދަވީއްލުމަށް ދައުވަތު ދެވުނު މީހުންގެ ތެރޭގައި އިއްޒަތްތެރިން، ޑިޕްލޮމެޓުން އަދި ސިޔާސީ ދާއިރާގައި ނަން މަޝްހޫރު ބޭފުޅުން ހިމެނެ އެވެ.
ރޯދަ ވީއްލުމުގައި ބައިވެރިވެ ވަޑައިގެންނެވި ޑިޕްލޮމެޓުންގެ ތެރޭގައި ޖޯޖިއާގައި ހުންނަވާ ތުރުކީގެ އެމްބެސެޑަރު އަލީ ކާން އޯބޭ ހިމެނިވަޑައިގަންނަވަ އެވެ.
މި ހަފުލާގައި ބޮޑުވަޒީރު ކޮބާޚީލް ދެއްކެވި ވާހަކަތަކުގައި އެ ގައުމުގައި ދިރިއުޅޭ މުސްލިމުންގެ ފަރާތުން ސަރުކާރަށް އޮންނަ އެއްބާރުލުން ފާހަގަކުރެއްވި އެވެ. އަދި ބޭރު ގައުމުގެ ސަފީރުންގެ ގޮތުގައި ވަޑައިގެން އެ ގައުމަށް ހިދުމަތްކުރައްވާ މުސްލިމުންގެ މުހިއްމު ކަމަށް ޝުކުރުއަދާކުރެއްވި އެވެ.
ޖޯޖިއާގައި އޮތް މުސްލިމު ޖަމާއަތަކީ -- މުސްލިމް ކޮމިއުނިޓީ އަކީ ޖޯޖިއާގެ ބައެއް ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުން މުސްލިމުންގެ ބައިވެރިވުން ވަނީ ޖޯޖިއާގެ ކުރިއެރުމާ ގުޅިލާމެހިފަ އެވެ.
މުސްލިމުންނަކީ ޖޯޖިއާގައި ބާކީ ނުކުރެވޭނެ ޖަމާއަތެއް ކަމަށްވެސް ކޮބާޚީލް ތަކުރާރުކޮށް ވިދާޅުވި އެވެ.
ބޮޑުވަޒީރު ވިދާޅުވި ގޮތުން މުސްލިމުންނަށްޓަކައި ސަރުކާރުން 237 މިސްކިތް ބިނާކޮށްދީފައި ހުންނާނެ އެވެ. އަދި އިތުރު 20 މިސްކިތް ވަރަށް އަވަހަށް ނިންމައި މުސްލިމު ޖަމާއަތާ ހަވާލުކުރައްވާނެ އެވެ.
މުސްލިމުންގެ އިޖުތިމާއީ ތަރައްގީއަށް ކޮންމެ އަހަރަކު ސަރުކާރުން މިހާރު ހަދިޔާކުރާ 1.5 މިލިއަން ޑޮލަރު ކުރިއަށް އޮތް ތަނުގައި އިތުރުކޮށްދެއްވާނެ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.
ޖޯޖިއާގެ އިގުތިސާދު ރަނގަޅުވަމުން އަންނަ ވަރަކަށް މުސްލިމުންނަށް ހެޔޮ ގޮތްތައް ހޯދައިދެއްވާނެ ކަމުގެ ޔަގީންކަންވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.