ދިރާގު

ދިރާގު ގުޑިފެސްޓް މިއަދު ހަވީރު ހުޅުމާލޭގައި

ދިރާގު ގުޑިފެސްޓް މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ހަރަކާތް އޮންނާނީ މިއަދު ހަވީރު 5:00 އިން 6:00 އަށް ދިރާގު ބީޗް، ހުޅުމާލެ ދެވަނަ ފިޔަވަހި އެންޓްރެންސްގަ އެވެ.

ދިރާގުން ބުނީ ހުރިހާ އުމުރުފުރައެއްގެ ކުދިންނަށް ދިރާގު ގުޑިފެސްޓްގައި ބައިވެރިވެވޭނެ ކަމަށާއި މި އިވެންޓަށް އަންނަ ކޮންމެ ކުއްޖަކަށްވެސް ހިލޭ ގުޑިއެއް ލިބޭނެ ކަމަށެވެ.

ދިރާގު ގުޑިފެސްޓް އަކީ ރޯދަ މަހު ދިވެހީންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފީ އާދަކާދައެއް ކަމަށްވާ ގުޑި އެރުވުމުގެ ހަރަކާތަށް ގިނަ ކުދިން އަހުލުވެރި ކުރުވުމުގެ ގޮތުން މިދިޔަ އަހަރު އެކުންފުނިން ފެށި ހަރަކާތެކެވެ.

އެގޮތުން ވޭތުވެދިޔަ ރޯދަ މަހެކޭ އެއްފަދައިން މިއަހަރުވެސް ދިރާގު ގުޑިފެސްޓް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެގޮތުން މި ރޯދަ މަހުގެ ފުރަތަމަ ގުޑިފެސްޓް އިވެންޓް ވަނީ މިދިޔަ އަންގާރަ ދުވަހު މާލޭ އުސްފަސްގަނޑުގައި ބާއްވާފަ އެވެ. މި ހަރަކާތަށް ވަނީ އާންމުންގެ ހޫނު ތަރުހީބެއް ލިބިފަ އެވެ.

ދިރާގުން އަންނަނީ ރޯދަ މަހާ ގުޅުވައިގެން އާންމުންނަށް ހިތްގައިމު ހަރަކާތްތަކާއި އޮފާތައް ގެނެސްދެމުންނެވެ.