ދުނިޔެ

އަސީރުން މިނިވަން ނުކޮށްފިނަމަ ގައުމު އަންދާލާނެ ކަމަށް ބުނެފި

ހަމާސްގެ އަތްދަށުގައި ތިބި އަސީރުން މިނިވަންކުރުމަށް މަޝްވަރާކޮށް އަވަސް ހައްލެއް ނުހޯދައިފިނަމަ މުޅި ގައުމުގައި ހުޅުޖަހައި އަންދާލާނެ ކަމަށް ބުނެ އަސީރުންގެ އާއިލާތަކުން އިޒުރޭލު ސަރުކާރަށް އިންޒާރު ދިފި އެވެ.

އަސީރުންގެ އާއިލާތަކުން ބުނާ ގޮތުން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އިތުރު ގޮތެއް ނޯންނާނެ އެވެ. ހަމާސްއާ މަޝްވަރާކުރަން ދޭ ފުރުސަތުގައި ދެމެހެއްޓެނިވި ހައްލެއް ހޯދައި އަސީރުން އާއިލާތަކަށް ގެނައުން ނޫން ގޮތެއް ނޯންނާނެ އެވެ.

މަޝްވަރާކުރުމަށް ލިބޭ ފުރުސަތު ދޫކޮށްލައި އަސީރުން މިނިވަންކުރުން ލަސްކުރާނަމަ ދެން އޮތީ ސަރުކާރު ރޫޅާލުން ކަމަށްވެސް އާއިލާތަކުން ބުންޏެވެ.

އެ މީހުން ވަނީ އިޒުރޭލުގެ ދިފާއީ ވުޒާރާ ދޮށަށް އާއިލާތަކުން އެއްވެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިސްތިއުފާއަށް ވަނީ ގޮވާފަ އެވެ. އަސީރުންގެ އާއިލާތަކުން ދައްކާ ވާހަކަ އަޑު ނާހައިފިނަމަ ސަރުކާރު ވައްޓާލަން ކުރާ މަސައްކަތްތަކުގައި ގައުމު އަނދައިގެން ދާނެ ކަމަށް ވެސް އެ މީހުން ބުންޏެވެ.

އިޒުރޭލުގެ އާންމުން ގަބޫލުކުރާ ގޮތުގައި އަސީރުން މިނިވަންކުރަން ކުރެވޭ މަޝްވަރާތަކުގައި ނަތަންޔާހޫ އެއްގޮތަކަށް ވެސް ގޮތް ދޫނުކުރައްވަ އެވެ. އޭނާއަށް މުހިއްމީ އާންމު ރައްޔިތުންނަށް ވުރެ އޭނާއަށް ގަބޫލުކުރެވޭ ގޮތް ކަމަށްވެސް އެ މީހުން ބުންޏެވެ.

ހަމާސްއާ އެކު ކުރެވޭ މަޝްވަރާތަކުގައި ކޮންމެވެސް ވަރަކަށް ގޮތް ދޫކޮށްފިނަމަ މިހާރު އޮންނާނީ އަސީރުން މިނިވަންވެފައި ކަމަށްވެސް ޔަހޫދީ އާއިލާތަކުން ގަބޫލުކުރެ އެވެ.

ސަރުކާރު ދަމަހައްޓަން ބޭނުންނަމަ ކޯލިޝަން ހަދައިގެން ތިބި ޕާޓީތަކުގެ މެމްބަރުންވެސް އަސީރުން މިނިވަންކުރަ މަސައްކަތްކުރަން ޖެހޭ ކަމަށް އާއިލާތަކުން ބުނެ އެވެ.

މިސްރާއި ގަތަރު މެދުވެރިކޮށް ހަމާސްއާ އެކު މީގެކުރިން ކުރި މަޝްވަރާތައް ވަނީ އިޒުރޭލުން ގޮތް ދޫނުކުމުގެ ސަބަބުން ފޭލިވެފަ އެވެ. ހަމާސް އިން ހުށަހެޅި އެއްވެސް ޝަރުތެއް ބޯހަރު ނަތަންޔާހޫ ގަބޫލުނުކުރެއްވުމުން މަޝްވަރާތައް ފޭލިވީ އެވެ.

ޣައްޒާ ހަަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާތައް އަދިވެސް އޮތީ ކޮޅެއްގައި ނުޖެހި އެވެ. ހަބަރުތައް ބުނާ ގޮތުން މަޝްވަރާތައް އަލުން ފެށުމަށް އިޒުރޭލުގެ ވަފުދެއް މިހާރުވެސް ތިބީ ގަތަރު ގައެވެ.

އަސީރުން މިނިވަންކޮށް ކުށްވެރިން ބަދަލުކުރުމަށް މަޝްވަރާގެ އާ ބުރުތަކެއް ފެށުމަށް މިސްރާއި ގަތަރުން މިހާރުވެސް ދަނީ މަސްކަތްކުރަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލު ޖަލުތަކުގައި މިހާރު ވެސް 9،100 އަށް ވުރެ ގިނަ ފަލަސްތީން މީހުން ހައްޔަރުކޮށްފައި އެބަ ތިއްބެވެ.

އަސީރުންގެ ގޮތުގައި ހަމާސްއިން ހިފެހެއްޓި 134 ޔަހޫދީންގެ ތެރެއިން 70 މީހަކު މަރުވެފައިވާ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ.