ބޭރު ކުޅިވަރު

ޗެމްޕިއަންސް ލީގު ފައިނަލުގައި ކޮންމެ ޓީމަކަށް 20000 ޓިކެޓް

މި އަހަރުގެ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކޮންމެ ޓީމަކަށް ވެސް ދޭނީ 20000 ޓިކެޓް ކަމަށް ޔޫއޭފާއިން ނިންމައިފި އެވެ.

ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާއިން ބުނީ މެއި 28ގައި ފައިނަލް ކުޅޭ އިޓަލީގެ ސެންސީރޯ ސްޓޭޑިއަމުގެ ޓިކެޓް ވިއްކަން ދޫކޮށްލުމަށްފަހު އެވެ.

ސެންސީރޯ އަކީ އިޓަލީގެ ވެރިރަށް މިލާނަށް ނިސްބަތްވާ މަޝްހޫރު ދެ ޓީމު ކަމަށްވާ އޭސީ މިލާނާއި އިންޓަމިލާނުގެ ރަސްމީ ދަނޑެވެ. މިތަނަށް ކުޅިބަލަން އެއްފަހަރާ ވަދެވޭނީ 71500 މީހުންނަށެވެ.

ޔޫއޭފާއި ބުނީ ދެ ޓީމަށް 40000 ޓިކެޓް ދިނުމަށްފަހު 25000 ޓިކެޓް ދޭނީ މުބާރާތުގެ ސްޕޮންސަރުންނާއި ޔޫއޭފާގެ މެމްބަރު ގައުމުތަކަށާއި އެ ޖަމާއަތުގެ އޮފިޝަލުންނަށް ކަމަށެވެ. އަދި 5000 ޓިކެޓް އިޓަލީގެ ރައްޔިތުންނަށް ވެސް ދޫކުރާނެ ކަމަށެވެ.

ފައިނަލް މެޗުގެ ޓިކެޓް ވިއްކަން ކިޔަނީ ހަތަރު އަގެއްގަ އެވެ. އެއީ 55 ޕައުންޑާއި 343 ޕައުންޑާ ދެމެދުގަ އެވެ.

ޗެމްޕިއަންސް ލީގު ފައިނަލުގައި މިދިޔަ އަހަރު ވެސް ކޮންމެ ޓީމަކަށް ދީފައިވަނީ 20000 ޓިކެޓެވެ. އެކަމަކު އޭގެ ކުރީ އަހަރު ދީފައިވަނީ ކޮންމެ ޓީމަކަށް 17000 ޓިކެޓެވެ.