ދުނިޔެ

ޖީމެއިލްއަށް މިއަދު 20 އަހަރު

ޖީމެއިލްއަށް މިއަދު 20 އަހަރު ފުރުނީ އެވެ. ގޫގުލުން ޖީމެއިލް ތައާރަފްކުރީ އޭޕްރީލް 1، 2004 ގައެވެ.

އޭޕްރީލް އެއްވަނަ ދުވަހާ ދިމާކޮށް ގޫގުލުން އީމެއިލް ހިދުމަތެއް ޖީމެއިލްގެ ނަމުގައި ތައާރަފްކުރުމުން މީހުން އޭރު ހީކުރީ އެއީ އޭޕްރީލް މަސް ފެށޭތަނުން މީހުން މޮޔަހެއްދުމަށް ކޮށްއުޅޭ ޒާތުގެ ކަމެއް ކަމަށެވެ. އޭޕްރީލް ފޫލް ޑޭ ޖޯކެއް ކަމަށެވެ. އަދި އެއަށް ވުރެ ބޮޑަށް މީހުން ހައިރާންވީ ޖީމެއިލް ކޮންމެ އެކައުންޓަކަށް ހިލޭ "ވަންޖީބީ" ސްޓޯރޭޖް ލިބޭނެ ކަމަށް ގޫގުލުން އިއުލާންކުރުމުންނެވެ. ވަންޖީބީ އަކީ އެ ޒަމާނާ ބަލާއިރު މީހަކު ހީވެސް ނުކުރާ ވަރުގެ ބޮޑު ޖާގައެކެވެ.

މިހާ ބޮޑު ޖާގައެއް ލިބުމުން އެއަށް އަޅާނެ އެއްޗެއް ނެތިގެން ކިތަންމެ ބަޔަކު ވާހަދައްކައި ތިބީ ތަލިހިކޭ ވަރުގަ އެވެ. ސަބަބަކީ ޖީމެއިލަށް ވުރެ ކުރިން އީމެއިލްގެ ހިދުމަތް ދޭން ފެށި ހޮޓްމެއިލް އާއި ޔާހޫ މެއިލްއިން ވެސް ކޮންމެ އެކައުންޓަކަށް ހިލޭ "ޓޫ އެމްބީ" އަދި "ފޯ އެމްބީ" ދޭތީ އެވެ.

ޖީމެއިލް ތައާރަފުކުރުމާ އެކު ގިނަ ބަޔަކު ހޮޓްމެއިލް އަދި ޔާހޫ މެއިލް ދޫކޮށް ޖީމެއިލަށް ހިޖުރަކުރި އެވެ. ހޮޓްމެއިލްއާ ޔާހޫމެއިލްއާ ޚިލާފަށް ޖީމެއިލް ބޭނުންކުރަން ފަސޭހަވެފައި ބޭނުންކުރާ މީހުން އެދޭ ވަރަށް ގިނަ ފީޗާތައް ޖީމެއިލްގައި ހުރީ ހިމަނާފަ އެވެ. އަދި ޖީމެއިލުން ވެސް ހޮޓްމެއިލްއާ ވާދަކުރަން ހިފާފައި އޮތުމުން، އާ ފީޗާއަކަށް ބަޔަކު އެދޭއިރަށް އެ ފަސޭހަތައްވެސް ޖީމެއިލްގައި، ވަރަށް އަވަހަށް ހިމަނައި ދިޔައީ ހިދުމަތް ދެމުންނެވެ.

ޖީމެއިލްއަށް މިއަދު 20 އަހަރު ފުރޭއިރު ޖީމެއިލްއާ ނުލައި ހޭދަކުރި ޒަމާން ހަނދާނެއް ނެތެވެ. ޖީމެއިލްއަށް ވުރެ ވަކިން ފަސޭހަ އީމެއިލް ހިދުމަތެއް މިއަދު ނެތެވެ.

ޖީމެއިލް ޑެސްކްޓޮމް ކޮމްޕިއުޓަރުތައް ދޫކޮށް މޯބައިލްއަށް އައުމުން، ޖީމެއިލްގެ މަޝްހޫރުކަން އަދި ވަކިން ބޮޑުވި އެވެ.

ޖީމެއިލްއަށް 20 އަހަރު ފުރިއްޖެ ކަމަށް ބުނުމުން ގިނަ ބަޔަކަށް ގަބޫލުކުރަން ދަތި ކަމަށް ކޮމެންޓްތަކުގައި އެބަ ހުއްޓެވެ.

ޖީމެއިލް ތަރައްގީކުރާ ޓީމުން ގެންގުޅޭ ސިޔާސަތެއްގެ ސަބަބުން ޖީމެއިލް އަކީ ހަމަ ކޮންމެ އުމުރަކަށް ވެސް އެންމެ ފައްކާ އީމެއިލް ހިދުމަތް ގޮތުގައި ދެކެވެ އެވެ.