ރައްޔިތުންގެ މަޖިލިސް

އިސްލާހުތަކަކާއެކު އެންޓި ޑިފެކްޝަން ބިލް މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ޕާޓީ ބަދަލުކުރާ މެންބަރަކު އަމިއްލައަށް މެންބަރުން ކަމުން އިސްތިއުފާ ދޭންޖެހޭ ގޮތަށް އެންޓި-ޑިފެކްޝަން ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ބިލް ހުށަހެޅުއްވީ ބާރަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު އަބްދުﷲ އެވެ.

މި ބިލް ދިރާސާކުރަން އުފެއްދި ހާއްސަ ކޮމިޓީން ވަނީ މި ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ. މި އިސްލާހުތަކާއެކު މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލް ފާސްކުރަން ފެންނަ ކަމަށް 33 މެންބަރުން ވޯޓު ދެއްވިއިރު ބިލާ ދެކޮޅަށް ހަ މެންބަރަކު ވޯޓު ދެއްވި އެވެ.

އިންތިހާބުވި ޕާޓީން އަމިއްލައަށް ވަކިވެ އެހެން ޕާޓީއަކަށް ބަދަލުވާ ހާލަތާއި އެހެން ޕާޓީއެއްގައި ދަފްތަރުވާ ހާލަތުގައި އަދި އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންވަރަކަށްވެއްޖެ ނަމަ ހަތް ދުވަސް ތެރޭގައި އިސްތިއުފާ ދޭން ޖެހޭނެ ކަމަށް މަޖިލީހުން ފާސްކުރި ބިލްގައި ބަޔާންކޮށްފައިވެ އެވެ.

މި ބިލް ހުށަހެޅިއިރު ރިކޯލް ވޯޓު ނެގޭ ގޮތަށް ބިލްގައި ހިމެނި ނަމަވެސް ކޮމިޓީން ވަނީ އެ މާއްދާ އުނިކޮށްފަ އެވެ.