ލިވަޕޫލުން މިހާރު ވެސް ތައްޔާރުވަމުން އަންނަ ކުރިއަށް އޮތް ސީޒަނަށް ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ކެޕިޓަލްވަން ކަޕުގައި ޕެނަލްޓީ ޖަހައިގެން މެންޗެސްޓާ ސިޓީ އަތުން ބަލިވި މެޗަށް ފަހު ޕްރެމިއާ ލީގުގައި ސިޓީއާ ވާދަކުރަން ޖެހޭ މެޗުގެ ކުރިން ކްލޮޕް ބުނީ ފައިނަލުން ބަލިވުމަކީ ލިވަޕޫލަށް އާދައިގެ ބަލިވުމެއް ކަމަށެވެ.
"އަހަރުމެން ތައްޔާރުވަމުން އަންނަނީ އަންނަ ސީޒަނަށް. ރަނގަޅު އަހަރުމެން ކޮންމެ ދުވަހަކު ވެސް ކުރިއަށް އޮތް މެޗަށް ތައްޔާރުވަން. އެކަމަކު އަހަރުމެން މި ކުރަނީ އެކަން އެކަންޏެއްނޫން. މި ޓީމު އަލުން ބިލްޑު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ. އެކަމަކު މިވަގުތު އަހަންނަކަށް ނުބުނެވޭނެ މިހެންނޭ ނުވަތަ އެހެންނޭ ވާނީ،" ކްލޮޕް ބުންޏެވެ.
ސިޓީއާ ދެކޮޅަށް ލިވަޕޫލް ނުކުންނާނީ ފައިނަލް މެޗުގައި އަނިޔާވި ބްރެޒިލްގެ ލޫކަސް ލެވިއާ ނުލަ އެވެ.
ކޯޗު ބުނީ އޭނާގެ ޓީމަށް އަންނަ ސީޒަނަށް ބަދަލުތަކެއް އަންނާނެ ކަމަށާއި ނަމަވެސް މިވަގުތު ކުޅުންތެރިން ރަނގަޅު ނަތީޖާއަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ޓީމުގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން ކްރިސްޓިއަން ބެންޓެކޭ އާއި ޖޯއެލަން އަދި ކީޕަރު ސިމޯން މިގްނޮލެޓްގެ ކުރިމަގާމެދު ވަނީ ސުވާލު އުފެދިފަ އެވެ. އަދި މާކޯ ގުރިޖިޗް އާއި މަޓިޕް ވަނީ ލިވަޕޫލަށް އަންނަ ސީޒަނުގައި ކުޅެން ނިންމާފަ އެވެ. މީގެ އިތުރުން ބަޔާން މިއުނިކަށް ކުޅޭ މާރިއޯ ގޮޓްޒާ އަކީ ވެސް އަންނަ ސީޒަނުގައި ލިވަޕޫލުން ފެނުން ގާތް ކުޅުންތެރިއެއް ކަމަށް އިނގިރޭސި ނޫސްތަކުން ބުނެ އެވެ.