ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ޒަކާތު ފަންޑުން ޣައްޒާއަށް އެހީވާން ނިންމައިފި

Apr 2, 2024

ރާއްޖޭގެ ޒަކާތު ފަންޑުން ފަލަސްތީނުގެ ޣައްޒާއަށް އެހީވުމަށް ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ޒަކާތު ފަންޑުން ފަލަސްތީނުގެ ޣައްޒާގެ އަހުންނާއި އުހުތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއީ ރާއްޖޭގެ ޒަކާތު ފަންޑުން ބޭރަށް އެހީ ފޮނުވާ ފުރަތަމަ ފަހަރެވެ.

އިޒްރޭލުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި 32،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ދެ މިލިއަން މަސްދަޅު ހަދިޔާކުރަން ނިންމި އެވެ. ނަމަވެސް އެހީގެ ތަކެތި ފޮނުވުމުގައި ދަތިތައް ހުރުމުން އަދި ފޯރުކޮށްދެވޭ ގޮތް ވަނީ ނުވެފަ އެވެ.