ވާހަކަ

ދަސްނުވި ހިތް

(2 އެޕްރީލް 2024 އާ ގުޅޭ )

މަންމައަށް ހުރިހާ ޝުކުރެއް. ހަތަރު މަސް ތެރޭ މިހާ ބޮޑު ކަމެއް ކުރެވޭނޭ ވެސް ހިތަށް ނާރަ." އަހަރެން ބަނޑުގައި އަތް ޖައްސައިލީމެވެ.

"ވިހާ ގަދަވާން ވާއިރަށް އެ ކޮޅު ދެ ކޮޓަރި ވެސް ނިމޭނެ. ބަދިގެ މި ހަފުތާގައި ނިމޭނެ." މަންމަ ހިނިތުންވެލިއެވެ. "މި މަންމައާއި ބައްޕަގެ ފަރާތުން މާމަ ދަރިފުޅަށް ދިން ހަދިޔާއެއް."

މަސައްކަތް ދާގޮތާއި ކަންކަން ރާވާ ގޮތް ދުވަހުން ދުވަހަށް ރިޔާޒަށް ކިޔައިދެވެމެވެ. ކަމެއް ސިއްރެއް ނުކުރަމެވެ. ދޮގެއް ނަހަދަމެވެ. އޮޅުވައެއް ނުލަމެވެ. ލިބެން އުޅޭ ދަރިފުޅަށް ޓަކައި އަހަރެން ފޮނި އުއްމީދުތަކެއް ކުރާތީއެވެ. ރިޔާޒު ބޭނުންވާ ކަންތައް ކޮށްދެވޭތީ އަހަރެން އުފާވެއެވެ.

ރިޔާޒު ރަށަށް އައީ އަހަރެން ވިހަން ކައިރިވުމުންނެވެ. ގެއަށް ގެނެސްހުރި ބަދަލު ފެނިފައި އޭނާ ހައިރާންވިއެވެ. ކުރު މުއްދަތެއްގައި އެހައި ބޮޑު ބަދަލެއް ގެނެއުމުން އޭނާ ތައުރީފުކުރިއެވެ. އަބާދާއި އަބަދު އެވާހަކަ ދައްކައެވެ.

"ތޭންކްސް. އަހަންނަކީ ފުރިހަމަ ފިރިހެނެއް ކަން ގަބޫލުކުރެވިއްޖެ. މި ވަރަށް ބޮޑު ހުވަފެނެއްގައި ޖެހުނު ހަގީގީ ކުލައެއް،" ރިޔާޒު އަހަރެންގެ އަތުގެ ތެރެއަށް އިނގިލިތައް މަހައިލައިގެން ދިޔަރެސް މަތީ ހިނގަމުން ބުނެލިއެވެ. "ސުޒީ ދެ ކޮޅު ހެދީނު. އެކަމު ހުރިހާ ކަމެއް ފުރިހަމަވީނު މިއޮށް."

"އެ މި ލިބެން އުޅޭ ދަރިފުޅުގެ ބަރަކާތްތެރިކަން. މި ކުއްޖާފުޅުގެ ސަބަބުން ލިބުނު ނިއުމަތްތައް." ރިޔާޒުގެ އަތް ގެނެސް އަހަރެން ބަނޑުގައި ޖައްސައިލީމެވެ.

ވިހެއުމުގެ ކުރީން ވެސް ހުރިހާ ކަމެއް ދިޔައީ ވަރަށް އަމާންކޮށެވެ. ވިހެއުމަށް އަހަރުމެން ދިޔައީ މާލެއަށެވެ. މާލޭގައި ހޭދަކުރި ދުވަސްތައް ވެސް ވީ ވަރަށް އުފާވެރި ހަނދާންތަކެއް ގެނުވައިދިން ދުވަސްތަކަކަށެވެ. ކެތްތެރިކަމާއެކު އިންތިޒާރު ކުރި ދުވަސްތަކަކަށެވެ. އިންތިޒާރު ތަކަށް ނިމުމެއް އައެވެ. އަހަރުމެންގެ އަލަތު ދަރިފުޅު އުފަންވިއެވެ. ދަރިފުޅަށް ނަން ކިޔުން ދޫކޮށްލީ ވެސް ރިޔާޒަށެވެ. ފަޒްގެ ނަމުން ދަރިފުޅަށް ނަން ކިޔެވެ.

މާލޭގައި ދެ ހަފުތާ މަޑުކުރުމަށް ފަހު އަހަރުމެން އައީ ރަށަށެވެ. އަހަރެން ވަރަށް އުފާވިއެވެ. ރިޔާޒުގެ ރަނގަޅު ކަމުންނެވެ. އޯގާތެރިކަމުންނެވެ. އޭނާގެ ފަރާތުން ލިބެމުން ދިޔަ ފިރުމުން ތަކުންނެވެ. ފަޒް އަށް ދޭ ސަމާލު ކަމުންނެވެ. ފަޒް ލިބުނު ފަހުން އޭނާއަށް ބޮޑު ބަދަލެއް އައިކަން ގަބޫލުކުރެވުނެވެ. އިސްވެ އޭނާ ވާހަކަދައްކަން ފެށިއެވެ. ހޫމް އަޅުވައިލާން ހިތަށް ވެސް ނާރައެވެ. އަހަރެން ގަބޫލުކުރީ އޭނާ ޒިންމާދާރުވީ ކަމަށެވެ. އޭނާ ބަދަލުވީ ކަމަށެވެ.

"ކޮބާ މަންމަ ބުނިހެންނު ވީ؟ ރިޔާޒު ކިހައި ހެޔޮ. ކިހައި ރަނގަޅު." ފަޒް އުރައިގެން އޭނާއަށް ސަކަރާތް ޖަހަން ހުރި ރިޔާޒަށް އިޝާރާތްކޮށް ވައި އަޑުން މަންމަ ބުނެލިއެވެ.

މަންމަގެ މޫނަށް ބަލައިލަމުން އަހަރެން ހީލީމެވެ. އެ ދުވަހު މަންމަ ބުނެދިނީ ތެދެއްކަން އަހަންނަށް ވިސްނުނެވެ. ބޭނުން ނުވާ ބައެއް ކަންކަމާ ކުރިމަތިލާން ޖެހޭނެއެވެ. ހަޔާތެއް ކާމިޔާބު ވާނީ ވެސް އެތައް ގުރުބާނެއްގެ ސަބަބުންނެވެ. ކޮންމެ ދުވަހަކީ ފަސޭހަ ދުވަހަކަށް ނުވެދާނެއެވެ. ކޮންމެ ކަމަކީ އުއްމީދާ އެއްގޮތަށް ނިމޭ ކަމަކަށް ވެސް ނުވެދާނެއެވެ. ކޮންމެ ކަމަކަށް ވެސް އޮންނާނީ ކެތްތެރިވުމެވެ. ކެތްކުރުމެވެ. ކެރިގެން ކުރިމަތިލުމެވެ.

ރިޔާޒުގެ ޗުއްޓީ ހަމަވިއެވެ. އޭނާ ފުރަން ޖެހުނެވެ. ފުރާން ޖެހޭތީ އޭނާ މޫނުމަތިން އެ ކުލަތައް ފެންނަމުން ދިޔައެވެ. އެތައް ފަހަރަކު ވަޒީފާއިން ކެނޑެންވީއޭ ބުންޏެވެ. ކޮންމެ ފަހަރަކު ވެސް އޭނާއަށް ވިސްނައި ދެނީ އަހަރެންނެވެ. ޒިންމާދާރުވާން ޖެހޭނެ ކަން ވިސްނައިދީގެންނެވެ. އާއިލާގައި އޭނާގެ މަގާމު ހަނދާންކޮށްދީގެންނެވެ. އެންމެފަހުން އޭނާ ފުރަން ނުކުތެވެ. ފުރަން ނުކުމެފައި ވެސް ގެއަށް ވަދެ ދަބަސް ބެހެއްޓިއެވެ. އެތައް ވާހަކައެއް ދެއްކުމުން އަނެއްކާ ވެސް ނުކުތެވެ.

"ހަމަ ދާންވީތަ؟" ރިޔާޒު ހިނިތުންވެލިއެވެ. "ފަހުން ދެރަ ނުވާތި!"

ރިޔާޒު ބުނި ޖުމުލައިގެ ފަހަތުގައި ވަނީ ކޮން މާނައެއްކަން އަހަންނަކަށް އެ ދުވަހަކު ނުވިސްނުނެވެ. އޭނާ ނުދާން ވަރު ދައްކަމުން ދިޔައީ ކީއްވެ ކަމެއް ވެސް އަހަންނަކަށް ނޭނގުނެވެ. އެންމެފަހުން އޭނާ ގެއިން ނުކުތެވެ. އަހަރެން ފަޒް ގޮވައިގެން ބޭރު ދޮރާ ހަމައަށް ނުކުތީމެވެ. ރިޔާޒު ހުރީ ފެންކަޅި ވެފައެވެ. އޭނާ މޫނުމަތި ވަނީ މިލައި މޯޅިވެފައެވެ. އެއީ އާޓެއް ކަމެއް ނޫނީ ކަންދެއްކުމެއް ކަމެއް އަހަންނަކަށް ނުވިސްނެއެވެ.

ރިޔާޒު ދިޔަ ފަހުން ގޭތެރެ ވަރަށް ފަޅުވިއެވެ. މަންމަ އެކަން ދެނެގަތެވެ. ދޭތެރެ ދޭތެރެއިން ރިޔާޒުގެ ބައްޕައާއި މަންމަ ވެސް ފަޒް އުރައިލައެވެ. އަހަރެން ބޮލަށް އުނދަގޫވާ އެހެން ކަމެއް ވާން ފެށިއެވެ. މަންމަ އެކަން ދެނެގަތެވެ.

"ކީއްވެ ރޫހު މަރުވެފަ، މާޔޫސްވެފަ ތި ހުންނަނީ. މަންމައަށް ކަމެއް ސިއްރު ކުރަނީތަ؟" ފަޒް އުރައިގެން އިނދެ މަންމަ އަހައިލިއެވެ.
"ނޭނގެ. ދެތިން ރޭ ވެއްޖެ ފާޑެއްގެ ހުވަފެނެއް ފެންނަތާ،" އަހަރެން ކިޔައިދިނީމެވެ. "އެކަމާ ވިސްނެނީ."

"ކޮން؟" މަންމަގެ ނިތުން އަހައިލިއެވެ.

"މީހަކު އައިސް ފަޒް ޖަހައި ގަނެގެން ގެންދަނީ. އަހަރެން އާދޭސް ކުރީމަ ވެސް ފަޒްއެއް ނުދޭ. ދެން ފެންނަނީ ރިޔާ ފާޑަކަށް ހެވިފަ ހުން ތަން." އަހަރެން ކިޔައިދިނީމެވެ. "ދެން މިހާރަކަށް އައިސް ރިޔާއަށް ގުޅެނީއެއް ނޫން. ގުޅާ އިރަށް ބުނަނީ ބިޒީއޭ. ދެން އޭނާ ގުޅަނީ އަހަންނަށް ނިދުނީމަ."

އެދުވަހު ވެސް އަހަންނަށް ހިތްވަރު ދިނީ މަންމައެވެ. ހުވަފެނަކީ ބިލާހެއް ކަމަށް ބުނަމުން އެތައް ވާހަކައެއް ދެއްކިއެވެ. މަސައްކަތުގެ މާހައުލުގައި މީހުން އުޅެން ޖެހޭ ގޮތްތައް ކިޔައިދިނެވެ. ގޭތެރޭގައި އިންނަ މީހާއަށް ދުނިޔެ ފެންނާނެ ގޮތާއި މަސައްކަތުގައި އަވަދި ނެތި އުޅޭ މީހުންނަށް ދުނިޔެ ފެންނާނެ ގޮތް ވިސްނައިދިނެވެ. ކުރާނެ ކަމެއް ނެތިފައި ތިބޭ މީހުންނަށް ވަގުތު ގިނަވެގެން އުޅޭނެ ކަމާއި މަސައްކަތް ފުނިޖެހިފައިވާ މީހުންނަށް ވަގުތުދާ ގޮތް ނޭނގޭނެ ކަން ވެސް ހަނދާންކޮށްދިނެވެ. އެއީ ވެސް ތެދުވާހަކައެކެވެ. ފަޒް ލިބުނު ފަހުން އަހަންނަށް ވެސް ވަގުތު އޮންނަނީ މަދުވެފައެވެ. އޭނާގެ ކަންކަން ނިމޭ އިރު ހުންނަނީ ރޭ ވެފައެވެ. މަންމަގެ އެ ވިސްނުން އަހަރެންގެ ބޮލަށް ވަދެގެން ދިޔައީ ވެސް އެހެންވީމައެވެ.

އަހަރެން އަމިއްލައަށް ހިތްހަމަ ޖައްސައިލައިގެން އުޅުނީމެވެ. މާގިނަ ދުވަހެއް ނުވެ ބޮޑު ރާޅު ނަގައި އަހަރެންގެ ބޯމައްޗަށް މުގުރައިލިއެވެ. ކުރިން ރޭކައި ވެސް ނުލައި ހުއްޓައެވެ.

"އަހަރެން މީހަކާ އިންނަން ޖެހިއްޖެ. ސުޒީ ގަބޫލަސް ނުގަބޫލަސް މިކަން ލަސްކުރެވޭ ކަށް ނެތް." ރުންކުރު ރާގެއްގައި ރިޔާޒު ބުންޏެވެ.

"ކީއްވެ؟" އަހަރެންގެ ހަތަރު އުދަރެސް ފެނު ޖެހުނު ކަހަލައެވެ.

"އިތުރަށް ސުވާލު ނުކުރާތި! އުޅެން ބޭނުން ނުވަންޏާ ބުނޭ. އަހަރެން ސުޒީ ބޭނުން ގޮތަކަށް ކަންތައް ކޮށްދީފާނަން."

ދެ ލޮލުން ހޯސްލައިފައި ކަރުނަތައް އޮހިގަތެވެ. ކުރަންވީ ކަމެއް ބުނާންވީ އެއްޗެއް ނޭނގުނެވެ. ހީވަނީ މޭ ގައި ހިތް ތާށިވާހެންނެވެ. އަރު ބެދުނު ހެންނެވެ. ނޭވާ ހާސްވާ ހެންނެވެ. ހިންދިރުވަން އުނދަގޫވާން ފެށިއެވެ.

"ދޫކޮށްލާ." ބުނަން ނުބުނަން ހުރެ އަހަރެން ގަދަކަމުން ބުނެލީމެވެ.

ކުއްލިއަކަށް މޫނުމަތީ ކޮކާ އުޅޭހެން ހީވާން ފެށިއެވެ. ކުދިކުދި ކަޅު ބޮޅުތަކެއް އެކި ދިމަދިމާއަށް ދުވާހެން ވެސް ހީވަމުން ދިޔައެވެ. އަހަރެންގެ އަތުން ފޯނު ދޫވިއެވެ. ކަންފަތް ތެރޭގައި ތަކުރާރުވަމުން ދިޔައީ ރިޔާޒުގެ އަޑެވެ. އޭނާގެ ޖުމުލަތަކެވެ. ކަންފަތް ހީވަނީ ފަޅައިގެން ދާން އުޅޭހެންނެވެ. ރިޔާޒުގެ އަޑާއެކުވަމުން ބަރު ތޫލި އަޑެއް އިވެމުން ދިޔައެވެ. އަހަންނަށް ދެ ކަންފަތުގައި އަތް އަޅައިލެވުނެވެ. އެންމެ ފަހު މުށިގަނޑު މައްޗަށް ތިރިވެވުނެވެ.

ލޯ ހުޅުވާލިއިރު އަހަރެން އޮތީ އެނދުމަތީގައެވެ. ދެ ފަރާތަށް ބަލައިލީމެވެ. ގާތުގައި މަންމަ އިނެވެ. ކުއްލިއަކަށް އަހަންނަށް ތެދުވާން އެނދުގައި އަތްވިއްދައިލީމެވެ. ކުރިމަތިން ފެނުނީ ބައްޕައެވެ. ބައްޕަ ވާހަކަދެއްކީ އަތުންނެވެ. މަޑުން އޮންނާށޭ ބުނެދިނެވެ. ހަމަޖެހިލަން އަންގައިދިނެވެ.

ހުރިހާ ކަމެއް ސާފުވީ އިރު އަހަރެން ވަނީ މިނިވަން ވެފައެވެ. ރިޔާޒު އޮތީ އަހަރެން ވަރިކުރިކަން މެސެޖުން އަންގައިފައެވެ. ބައްޕައަށް ގަބޫލު ނުކުރެވިގެން ރިޔާޒަށް ގުޅިއެވެ. ލިބުނީ އެއް ޖަވާބެކެވެ. ހިތްދަތިކަމުގެ ޖަވާބެވެ. އަހަރެން ދެރަވިއެވެ. ހިތުގައި ޖެހުނެވެ. އެކަމަކު ނުރޮމެވެ. އަހަރެން ވީ ގުރުބާނުގެ އަގު ރިޔާޒު ވަޒަން ނުކުރީމައެވެ. ދުނިޔޭގައި އަހަންނަށް ޓަކައި ހުންނާނީ ހަމަ އެކަނި ރިޔާޒު ނޫން ކަމަށް ވިސްނުނީތީ އެވެ. އެހެން މީހަކު ނެތަސް ފަޒް އަހަންނާއެކު ވާނެތީއެވެ. ބޭފަތާތެރިއެއްގެ ހައްގުގައި އަހަރެން ރޯން ނުޖެހޭނެތީއެވެ.

ރިޔާޒު ވަރިކުރި ފަހުން މިއަދަށް ފަނަރަ އަހަރު ފުރުނީއެވެ. އަހަރެން މި ހުރީ އަހަރެންގެ ގޮތުގައެވެ. އަހަރެން ކުރިއަށް ދިޔައީ ހިތްވަރާއެކުގައެވެ. އެއް ދޮރު ބަންދުވާއިރަށް އެތައް ހާސް ދޮރެއް ހުޅުވޭނެކަން އެނގިގެންނެވެ.

އެ ދުވަހު އަހަރެން ގޮތް ހުސްވެ އާވާރާ ވި ނަމަ އަހަރެން ވެސް ވާނީ ފިނޑިންގެ ސަފުގައެވެ. ރިޔާޒު އަހަންނަށް ލަނޑުދިން ސަބަބުން އެނގުނީ އަދި މިއަދުއެވެ. އޭނާ އަހަރެން ކިބައިން ހިފީ ބަދަލެވެ. އޭނާގެ ހުށަހެޅުމަށް ފުރަތަމަ ނޫނެކޭ ބުނީތީއެވެ. އެކަމަކު އޭނާ ހިފި ބަދަލުގެ ސަބަބުން އަހަންނަށް އެއްޗެއް ނުގެއްލެއެވެ. ލިބުނީ ފައިދާއެވެ. ހިތްހަމަ ޖެހުމެވެ. މިއަދު އަހަންނަށް ހެޔޮލަފާ ފިރިއަކު ލިބިއްޖެއެވެ. ކުޑަކުޑަ އާއިލާއެއް އުފަން ކުރެވިއްޖެއެވެ. ހުރިހާ ފިރިހެނުންނަކީ ކެހިވެރިންނެއް ނޫނެވެ. ބޭވަފާތެރިން ނެއް ވެސް ނޫނެވެ. އެކަން އަހަންނަށް މިއަދު ޔަގީން ވެއްޖެއެވެ. އަހަންނަށް ދަސްނުވީ ރިޔާޒެވެ. އޭނާގެ ހިތެވެ. އޭނާގެ މަކަރުވެރިކަމެވެ. އެކަމު މިއަދު އެކަން ވެސް ވެއްޖެއެވެ.

(ނިމުނީ)