އިޒުރޭލުގެ ހައިފާގައި ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް، އީރާގުގައި ހަރަކާތްތެރިވާ ޝީއީ ހަނގުރާމަވެރި ގުރޫޕެއް ކަމަށްވާ އެކްސިސް އޮފް ރެސިޓެންސް އިން ހަމަލާ ދީފި އެވެ.
މި ހަމަލާގެ ޒިންމާ އެކްސިސް އޮފް ރެސިސްޓެންސް ވަނީ ނަގާފަ އެވެ. އަސްކަރީ ޑްރޯން ބޭނުންކޮށްގެން މިއަދުގެ ވަރަށް ހެނދުނާ ދިން މި ހަމަލާގައި ލިބުނު ގެއްލުމާ ބެހޭ ގޮތުން އެއްވެސް ބަޔަކު އަދި ވާހަކައެއް ނުދައްކަ އެވެ.
އެކްސިސް އޮފް ރެސިސްޓެންސް އަކީ އީރާންގެ މަދަދާ އެކު އީރާގުގައި ހިންގާ ޝީއީ ހަނގުރާމަވެރި ޖަމާއަތެކެވެ.
ޝީއީ ހަނގުރާމަވެރިންގެ ހަމަލާ އިޒުރޭލަށް އަމާޒުވެފައި މިވަނީ ސީރިއާގެ ވެރިރަށް ދިމިޝްގުގައި ހުންނަ އީރާންގެ އެމްބަސީއަށް އިޒުރޭލުން ހަމަލާދީ ހަތް މީހަކު މަރާލި ހާދިސާގައި -- އިޒުރޭލުގެ ކިބައިން ބަދަލުހިފާނެކަން އިރާނުން އިއުލާންކޮށްފައި ވަނިކޮށެވެ.
އެކްސިސް އޮފް ރެސިސްޓެންސް އިން ޓެލެގްރާމް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަލަސްތީންގެ ޣައްޒާއަށް ޒަޔަނިސްޓުން އަރާތިބިހާ ހިނދަކު އިޒުރޭލުގެ އެކި ސަރަހައްދުތަކަށް ހަމަލާދިނުން ހުއްޓާނުލާނެ ކަމަށެވެ.
ސީރިއާގައި ހުންނަ އީރާންގެ ކޮންސިއުލާ އެމްބަސީއަށް އިޒުރޭލުން ދިން ހަމަލާ އަކީ އިޒުރޭލަށް ވަރަށް ބޮޑު ނުރައްކަލަކަށް ވާނެ ކަމަށް މަސްރަހު ދިރާސާކުރާ މީހުން ދެކެ އެވެ.
އިޒުރޭލު ވަށައިގެން ހަނގުރާމަވެރި ގުރޫޕްތައް ބާރުގަދަ ހަތިޔާރާ އެކު ހަރަކާތްތެރިވަމުން އަންނައިރު -- މި ގުރޫޕްތައް މެދުވެރިކޮށް އީރާނުން ބަދަލުހިފާނެކަން ކަށަވަރު ކަމަށް މާހިރުން ވިދާޅުވެ އެވެ.
އިޒުރޭލުން ދިން ހަމަލާގައި މަރާލި ހަތް މީހުން ނިސްބަތް ވަނީ އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އަށެވެ. މަރުވި މީހުންގެ ތެރޭގައި އައިއާރްޖީސީގެ ވަރަށް ސީނިއާ ދެ ކޮމާންޑަރަކު ވެސް ހިމެނެ އެވެ.
އިޒުރޭލުގެ ކިބައިން ބަދަލުހިފުން ހައްގުވެއްޖެ ކަމަށް ވިދާޅުވެ އީރާންގެ ހާރިޖީ ވުޒާރާގެ ތަރުޖަމާން ނަސީރު ކަނާނީ ވެސް ވަނީ އިންޒާރު ދެއްވާފަ އެވެ. ބަދަލުހިފުން އޮންނާނީ އެންމެ އެކަށީގެންވާ ވަގުތުގައި އިޒުރޭލަށް އެންމެ ބޮޑަށް ގެއްލުންވާ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އީރާންގެ ހާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއަލާހިޔާން ވިދާޅުވި ގޮތުގައި އީރާނުގެ ކުއްލި ހަމަލާއަކުން އިޒުރޭލުގެ ކިބައިން ބަދަލެއް ނުހިފާނެ އެވެ. ވަޒީރު އަދި ވިދާޅުވީ އިޒުރޭލަށް އޮތީ ވޭންގަދަ ރައްދަކަށް އިންތިޒާރުކުރުން ކަމަށާއި ކުދި ވިކުން ވިކައި ޔަހޫދީން ރޮއްވާލާނެ ކަމަށެވެ.