ވާހަކަ

މިލްކުވާނެބާ

(30 މާރިޗު 2024 އާ ގުޅޭ)

ކާރުގެ ދޮރުފަތުގެ ބިއްލޫރިގަނޑު ތިރިކޮށްލުމާއެކު މާޔާއަށް އަރްހަމް ބަލާލީ ހިނިއައިސްފަ އެވެ.

"ޗާއޯ..." އޭނާގެ އައިނުގެ އެއްކޮޅުގައި ޝަހާދަތް އިނގިއްޔާއި މެދުއިނގިލި ޖައްސާލައި ސަލާމެއްގެ އިޝާރާތް ކޮށްލީ އެއްލޯ މަރާލަމުންނެވެ. އަދި އޭނާ ކާރު މަޑުކުރުމެއްނެތި މާޔާގެ ކައިރިން އަޅާފައި އޮފީހުން މަގުމައްޗަށް ނުކުމެއްޖެ އެވެ.

ބިރެއްފެނިފައި ހުރިހެން މާޔާއަށް ހުރެވުނީ އެވެ. އޭނާއަށް ކަމެއް ފަހުމްވީ އެވެ. ނަސީރަށް ހީވީ ރަނގަޅަށެވެ. މީ ބައެއްގެ ޒާތީ ކުޅިވަރެކެވެ. އެކަން މިހާރު މާޔާއަށް ޔަގީންވެއްޖެ އެވެ.

"މިޔާ... އަދި އަންނާނެ އަހަރެން ކައިރިޔަށް." މާޔާގެ ކަންފަތް ބުޑުގައި ހީވީ އިޒީކިއަލްގެ އަޑު ގުގުމައިގެން ދިޔަ ހެންނެވެ.

އެއީ އެންމެ ފަހުން އިޒީކިއަލްއާ ދިމާވި ދުވަހު އޭނާ މާޔާއާ ދިމާއަށް ބުނި ބަހެވެ. އިޒީކިއަލްގެ ގަސްދު ވަރަށް ސާފެވެ. ކޮންމެ ގޮތަކުން ވިޔަސް އިޒީކިއަލްގެ ކައިރިޔަށް މާޔާ އަންނާނޭވަރު ކަމެއް ކުރީ އެވެ. މާޔާއަށް ހުރިހާ އެއްޗެއް ވިސްނިއްޖެ އެވެ. ޒާހިލްއާއި އަރްހަމްއަކީ އިޒީކިއަލްގެ މަޤްޞަދު ހާޞިލު ކުރުމުގައި އޭނާގެ މަދަދުގާރުންނެވެ. އެމީހުން ކަންކަން އެކުރަނީ އިޒީކިއަލްގެ އިރުޝާދާއެކުއޭ މާޔާގެ ހިތާއި ޟަމީރު ވެސް ބުނަން ފަށައިފި އެވެ.

އެނބުރި އޮފީހަށް ދިއުމުގެ ބަދަލުގައި މާޔާ އައީ ގެއަށެވެ. އޭނާގެ ބޮލުގައި ވަނީ ގަދަ ރިހުމެއް އުފެދިފަ އެވެ. ފެންވަރާލަން މާޔާ ގަސްދުކުރީ އެހެންވެ އެވެ. ފާޚާނާއިން ނުކުމެގެން އައިސް އޭނާ އެނދު މައްޗަށް އުއްޑުން ވެއްޓިގަތެވެ. ނިތްކުރީގައި ދެ އަތުން ހިފަހައްޓާލައިގެން މާޔާ އޮތީ ދެ ލޯ މަރާލައިގެންނެވެ. އޭނާގެ ސިކުނޑި ހީވަނީ ނާށިގަނޑު ތެރޭ ފަޅައިގެން ހިނގައިދާނޭ ހެންނެވެ.

"އަހަރެންނަކީ މިޔާއެއްނޫން. މިޔާ މަރުވެއްޖެ. މިހާރު އަހަރެންނަކީ މާޔާ... އެކަމަކު... އެ ހިތި މާޒީން އަދިވެސް ނުނިކުމެވޭ ކަހަލަ. އިޒީކިއަލްގެ ބޭނުމަކީ ކޮބާ؟. ބޭނުން ނެތިގެން އަހަރެން ދޫކޮށްލީ ޚުދު އިޒީކިއަލް. ކުރި އެއްވެސް އާދޭހެއް އަޑު ނޭހީ ވެސް އިޒީކިއަލް. އަހަރެންގެ ހިތުގައި ލޯބި ހޭލެއްވުމަށްފަހު އެ ހިތުގެ ނާރުތައް ބުރިބުރިކޮށްލީ ވެސް ހަމަ އިޒީކިއަލް... ދެން ކީއްވެ؟. އަހަރެން ހަމަޖެހިގެން އުޅުނަ ނުދޭންތަ؟. އަހަރެންގެ ފަރާތުން އިޒީކިއަލްއަށް ލިބުނީ ކޮންގެއްލުމެއް. ބަދަލެއް ހިފަން އޮންނާނީ އަހަރެންނަށް ކަމެއް ކުރެވުނުނަމަތާ... އެހެންވިޔަސް ދެން މިކަމަކަށް ދޭން އޮތީ ކޮންނަމެއް! ނާނުއަށް އެހާލު ޖެއްސީ އަހަރެންނަށް އެ އެކުވެރިޔާ މުހިންމުވަރު އެނގިގެންނޭ އަހަރެންގެ ހިތާއި ޟަމީރު ވެސް ބުނޭ. އެ އެކުވެރިޔާ ސަލާމަތް ކުރާން އަހަރެންނަށް އެ ނޫން ގޮތެއް ނެތްތަ؟."

ފިކުރުގެ ކަނޑެއްގައި ބާރު އޮޔާއި ދެކޮޅަށް ފަތަންޖެހިފައިވާ މީހެއް ފަދައިން މާޔާއަށް އިޙްސާސް ކުރެވެމުންދިޔަ އެވެ. އިޒީކިއަލްގެ ޚިޔާލުތައް ސިކުނޑީގައި ގިނަވަމުން ދިޔަހެން މާޔާގެ މަރާލެވިފައިވި ދެ ލޮލުގެ ކޮޅުން ކަރުނަ ފާއްދާލައިފި އެވެ. އިސާހިތަކު ލޮލުގެ ކޮޅުން ރޮނގެއްހެން ކަންފަތުގެވޮށި ކައިރިޔަށް ކަރުނަތައް ފައިބަން ފަށައިފި އެވެ. އޭނާގެ ހިތަށް ކުއްލިއަކަށް ވެރިވެގަތް ނުތަނަވަސްކަމުގެ ޖަޒުބާތުން ސަލާމަތްވުމަށް ޓަކައި އެ ހިތަށް ހަމަޖެހުން ގެނެސްދޭން ކަރުނަ މަސައްކަތް ކުރި އެވެ.

ޖެހިގެން އައި ދުވަހެވެ. އޮފީސް ވަގުތު ނިމޭން ކައިރިވެފައި ވަނިކޮށް މާޔާ އޮފީހުން ނުކުތެވެ. އޭނާ އިމާރާތުގެ ތިރިއަށް ފޭބިއިރު ފިރާޝް ހުރީ ތައްޔާރަށެވެ. މާޔާ އޮފީހުން ނުކުތުމުން އަބަދުވެސް ޝާހީން ގުޅާފައި ފިރާޝް ކައިރީ ބުނެ އެވެ. ކުންފުނީގެ ކާރުގައި މާޔާގެ ޚާއްޞަ ޑްރައިވަރަށް ފިރާޝް ވެއްޖެ އެވެ.

"މިއަދު އަމިއްލަ ކަމެއްގައި އުޅެލަން އެބަޖެހޭ. ޓެކްސީއެއްގައި ދާނީ." ފިރާޝްއާ އަރާ ހަމަވުމުން ހަމައެކަނި އޭނާއަށް އިވޭނޭހާ މަޑުން މާޔާ ބުންޏެވެ.

"އަޅުގަނޑު ގެންގޮސްދީފާނަން." ފިރާޝް ނިކަން އަވަހަށް ބުންޏެވެ.

"މިއަދަކުނޫން." މާޔާ ބުންޏެވެ.

އިތުރަށް ބާރު އަޅާކަށް ފިރާޝަކަށް ނުކެރުނެވެ. އޭނާ އަވަސްވެލީ މާޔާއަށް ޓެކްސީއެއް ހޯދުމަށެވެ. ޓެކްސީ އައިސް އިމާރާތާ ކައިރިކޮށްލުމުން ކާރުގެ ފަހަތު ދޮރުފަތް ވެސް މާޔާއަށް ޓަކައި އޭނާ ހުޅުވާލަދިނެވެ. އަދި ދޮރުފަތް ލައްޕާލުމުގެ ކުރީން އިނގިރޭސި ބަހުން އަމާން ދަތުރަކަށް ފިރާޝް ބުނެލި އެވެ.

މާލޭގެ ކާރޫބާރު ބޮޑު މަގުތަކުން ދުއްވަމުން އައި ޓެކްސީ މަޑުކޮށްލީ އުސް އިމާރާތެއްގެ ކައިރި އަށެވެ. އުޅަނދުތަކުގެ ބާރު ބޮޑުކަމުން ޓެކްސީ މަޑުކޮށްލިހާއިރަށް ފަހަތުން ބަރުގޮނުގެ އަޑުފަށްގަނޑު އިވެންފެށި އެވެ. ހާސްވެފައި އިން މާޔާއަށް ހަމަޖެހިގެން ފައިބާން އިންނާނޭ ފުރުޞަތެއް ނުލިބުނެވެ. ހަލުވިކަމާއެކު ވީ އެންމެ އަވަހަށް އޭނާ ޓެކްސީއިން ފައިބައިފި އެވެ. ޑްރައިވަރު ކާރު ދުއްވާލި ގޮތުން ހީވީ މާޔާ ނުފައިބައިގެން އިންހެނެވެ. ޕާކުކޮށްފައިވާ ސައިކަލުތަކުގެ ސަބަބުން ދުވާރު މައްޗަށް އަރާނޭ ތަންކޮޅެއް މާޔާއަށް ލިބުނީ ފޭބި ހިސާބަށްވުރެ ދުރަށް ހިނގާފައި އައިފަހުންނެވެ. އެހިސާބުން އަނެއްކާ އޭނާއަށް ޖެހުނީ ކާރު މަޑުކުރި އިމާރާތާ ދިމާއަށް އަންނާށެވެ.

ދެ ފަރާތަށް ކެހިގެންދާ އޮޓޯ ބިއްލޫރި ދޮރާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު މާޔާއަށް ހުރެވުނެވެ. އެއީ އިމާރާތަށް ވަންނަން ހުރި މައި ދޮރެވެ. މާޔާއަށް ތިރީ ތުންފަތުގައި ދަތްއަޅާލެވުމާއެކު ދެބުމަ ކައިރިކޮށްލެވުނެވެ. ހީވަނީ އޭނާ އަދިވެސް ދެ ޚިޔާލެއްގައި ހުރީ ހެންނެވެ. ނަމަވެސް އެގޮތުގައި ގިނައިރުތަކެއް ނުވި އެވެ. މަޑުމަޑުން އޭނާ ދެ ފަރާތަށް ބޯ ހޫރާލި އެވެ.

"މީ އަހަރެންގެ އެންމެ ފަހުގެ އުންމީދު. އިޒީކިއަލް އެހީވެދީފިއްޔާ ނާނު ސަލާމަތް ކުރެވިދާނެ. އިޒީކިއަލް ބުނީމަ އަރްހަމް އަޑު އަހާނެކަން ޔަގީން." މާޔާ ހިތާހިތުން ބުނެލި އެވެ. އަދި ހަރުކޮށް ފިޔަވަޅު އަޅަމުން އޭނާ އައިސް އެ އިމާރާތުގެ ދޮރުން ވަދެއްޖެ އެވެ.

"އިޒީކިއަލްއާ ބައްދަލުކޮށްލަން." މަޢުލޫމާތު ކައުންޓަރު ދޮށުގައި މަޑުކޮށްލުމާއެކު މާޔާ ބުނެލި އެވެ. އެތަނުގައި ޚިދުމަތް ދޭން ތިބި ތިން ކުދީންގެ ތެރެއިން އެއްކުއްޖަކު މާޔާއަށް އެހީތެރިވާން އިސްނެގި އެވެ.

މާޔާގެ މަޢުލޫމާތު ހޯދުމަށްފަހު ކައުންޓަރުގައި އިން ކުއްޖާ ފޯނުކޯލެއް ކުރި އެވެ. އަދި މާޔާގެ މަޢުލޫމާތާއެކު އޭނާ އައިސް ހުރީ އިޒީކިއަލްއާ ބައްދަލުކުރާންކަން އޭނާ ފޯނުން ހާމަކުރި އެވެ. ގިނަ ވާހަކަތަކެއް ނުދައްކާ އެކުއްޖާ ފޯނު ބާއްވާފައި މާޔާއަށް ބަލާލި އެވެ. ހަތަރުވަނަ ފަންގިފިލާއަށް ދިއުމަށް މާޔާއަށް އިރުޝާދު ދިނެވެ. އިޒީކިއަލް އިނީ އޭނާގެ އިންތިޒާރުގައިކަން ވެސް ބުންޏެވެ. އެއާއެކު މާޔާ ކައުންޓަރު ދޮށުން ވައަތްފަޅީގައި ހުރި ލިފްޓަށް އަރަން އައެވެ.

ހަތަރެސްފައި ފިނިވާގޮތް ވެފައި މާޔާ ހުއްޓެވެ. އިޒީކިއަލްއާ ކުރިމަތިލާން ޖެހޭތީ އެވެ. ދެވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުނު އަޑާއެކު މާޔާ ސިހުނެވެ. އޭނާ ފައިބާކަށް ނުވޭކަން އެނގުމުން އަނެއްކާ ވެސް ދެއަތް އުރާލެވުނީ މުޅި ނަފްސު ހިމާޔަތްކުރާން އެދޭ ފަދައަކުންނެވެ. ދެ ވަނަ ފަހަރަށް ލިފްޓު ހުއްޓުމަކަށް އައީ ހަތަރުވަނަ ފަންގިފިލާއަށެވެ. މަޑުމަޑުން އޭނާ ލިފްޓުން ނުކުތެވެ. ހިމޭންކަމާއި ފަޅުކަންވީ ސަރައްކާލިން ހިނގަމުން ކުރިޔަށް މާޔާ އައެވެ. މޫނުޖެހޭ ދިމާ ކުރިމަތިން ފެނުނު ދޮރުގައި "ސީ.އީ.އޯ" ޖަހާފައިވާ ބޯޑު ހަރުކޮށްފައި ހުއްޓެވެ. މާޔާގެ ފިޔަވަޅު މަޑުޖެހުނެވެ. ޖެހިލުންވީލެއް ބޮޑުކަމުންނެވެ. ފެންނަން ހުރި ދޮރުގެ އެތެރެ ފަރާތުގައި އިޒީކިއަލް ހުރިކަން ހިތަށް އަރާފައި ވެސް މާޔާ ފިނިވަނީ އެވެ.

"އިތުރު ޗޮއިސްއެއް އެބައޮތްތަ؟." އަމިއްލަ ޟަމީރާ މާޔާއަށް ސުވާލުކޮށްލެވުނެވެ. އަދި ޖެހިލުންވެފައިވާ ނަފްސު ހަމައަކަށް އަޅުވާލީ އޭނާ އައީ ފައިނާނަށް ޓަކައިކަން ވިސްނައިދެމުންނެވެ.

މަޑުމަޑުން ހިއްލާލި ކަނާއަތުން ދޮރުފަތުގައި މާޔާ ޓަކި ޖަހާލި އެވެ. އެއާއެކު އިވިގެންދިޔަ އިޒީކިއަލް އަޑުން މާޔާގެ ހިތުގެ ހިނގުން އަވަސްވެލި އެވެ. ދޮރު ހުޅުވާލައި މާޔާ އެ ކޮޓަރީގެ ތެރެއަށް ފިޔަވަޅު އަޅާލި އެވެ. ހައިބަތު ހުރި ބޮޑު މޭޒުގެ ދޮށުގައި އިޒީކިއަލް އިނެވެ. ދެ ޒުވާނުންގެ ނަޒަރު ބައްދަލުވި އެވެ. އެކްޒެކެޓިވް ބޮޑު ގޮނޑީގެ ދެ ފަރާތު އަތްގަނޑުގައި ދެ އަތް އަޅުވާލައިގެން ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައިގެން އިޒީކިއަލް އިންއިރު އޭނާ އެ އިނީ ސީދާ މާޔާގެ އިންތިޒާރުގައި ކަހަލަ އެވެ. އޭނާގެ ތުންފަތުގައިވީ ލުއި ހިނިތުންވުން މާޔާއަށް ފާހަގަވި އެވެ. އެ ހިނިތުންވުން މާނަކުރާން ދަތިވި އެވެ. މާޔާ ފެނުމުން އުފާވެފައިކަމެއް ނޫނީ ލިބުނު ކާމިޔާބުގެ ރަމްޒެއް ކަމެއް ބުނާކަށް ނޭނގެ އެވެ.

"އިށީނދޭ." އިޒީކިއަލް ދައްކާލީ މޭޒު ކައިރީ އޭނާއާ ކުރިމަތިވާނޭހެން ބަހައްޓާފައި ހުރި ދެ ގޮނޑި އެވެ.

"އަހަރެން މިއައީ..." މާޔާގެ ވާހަކަ އިޒީކިއަލް ހުއްޓުވި އެވެ. އިށީނދެ ހަމަޖެހިގެން ވާހަކަދައްކަން އޭނާ ޚިޔާލު ފާޅުކުރި އެވެ. ނުވީތާކަށް ކޮފީއެއް ގެނެސްދޭންތޯ ވެސް އިޒީކިއަލް އެއްސެވެ.

"އިޒީކިއަލްއަށް އެނގޭ ދޯ އަހަރެން މިއައީ ކީއްވެކަން." ގޮނޑީގައި ކިރިޔާ ފޫޖައްސާލައިގެން އިނދެ މާޔާ އަހާލި އެވެ.

"ހޫމް... އެނގޭ ކަންނޭނގެ." އެއްފައިމައްޗަށް އަނެއްފައި އަރުވާލައި ގޮނޑީގައި އަތްގަނޑުގައި ވައަތު އުޅަންބޮށި ޖައްސާލަމުން އެ އަތުގައި ދަތްދޮޅި އަޅުވައިލައިގެން އިނދެ ފަރުވާކުޑަ ގޮތަކަށް އިޒީކިއަލް ބުނެލި އިރު ވެސް އޭނާ އިނީ ޒާތެއްގެ ހިންޏެއް އައިސްފަ އެވެ. އިޒީކިއަލްގެ އެ ހަރަކާތްތަކުން މާޔާ ހުރިހާކަމެއް ދެނެގަތެވެ.

"އެހެންވިއްޔާ މިކަމުގައި އެހީވެވިދާނެތަ؟. އަހަރެންނަށް އެނގޭ އިޒީކިއަލްގެ ބައިވަރު ކޮޅުތައް އޮންނާނޭކަން." މާޔާ ބުންޏެވެ.

"އޮފްކޯޒް. އެކަމަކު..." އިޒީކިއަލްގެ ވާހަކަ ހުރި ގޮތް މާޔާއަށް ދޭހަކުރާކަށް ދައްޗެއްނޫނެވެ.

"ކޮންކަމެއް ބޭނުންވަނީ." ހިންދިރުވާލުމާއެކު މާޔާ ބުނެލި އެވެ. އިޒީކިއަލްގެ ހިނިތުންވުން ފުޅާވެލި އެވެ.

"އަހަރެންނަކީ ޗެރިޓީއެއް ހުޅުވައިގެން އުޅޭ މީހެއްނޫން. އަހަރެންގެ ފަރާތުން ކަމެއް ބޭނުންވާއިރު އަދާކުރަންޖެހޭ އަގު ވެސް ބޮޑުވާނެކަން ހަނދާންކުރާތި. އެހެންނޫނަސް އަހަރެން ކަލެއަށް އެހީވެދީފާނޭ ހީކުރަނީތަ؟. ކޮންހައިސިއްޔަތަކުން؟. ތީ މިޔާނަމަ އަހަރެން ވިސްނާނަން. އެކަމަކު ތީ މިޔާއެއް ވެސް ނޫނެއްނު." އިޒީކިއަލްގެ އަޑުގައިވީ މަލާމާތެވެ.

"މިޔާ... އަހަރެން މީ މިޔާ." މާޔާ އިސްޖަހާލަމުން ދަތި ގޮތަކަށް ބުނެލި އެވެ. އެއާއެކު އިޒީކިއަލް ހީނގަތް އަޑު އިވުނެވެ. އޭނާ މޭޒުދޮށުން ތެދުވި އެވެ. ވައަތް ފަރާތުންލާފައި އައިސް މާޔާގެ ކައިރީ މޭޒުގައި ޖެހިލައިގެން މަޑުކޮށްލި އެވެ. އިޒީކިއަލްގެ ކަނާއަތުން މާޔާގެ ކުރުކޮށް އޮތް ފަން އިސްތަށިގަނޑުގައި އިނގިލި ޖައްސާލުމާއެކު ކަންފަތުގައި ބީހިލި އެވެ. އެ ކުޑަކުޑަ ބީހުން ވެސް މާޔާއަށް ހީވީ ކަރަންޓު ޝޮކެއް ހެންނެވެ. ފުންމައިގެން ތެދުވި ގޮތަށް އޭނާ އިޒީކިއަލްއާ ދުރަށް ޖެހިލީ އަތުން ކަންފަތުގައި ހިފަހައްޓާލައިގެން ހުރެ އެވެ. އިޒީކިއަލްއާ ލޮލާ ލޯ އަމާޒުވެލި ހިނދު މާޔާއަށް ފެނުނީ އޭނާ އެ ދެ ލޮލުން ކުރީން ދެކެފައިވާ އަސަރެކެވެ.

"ޔޫ އާ ޓޫ މަޗް." މާޔާއަށް ބުނެވުނެވެ. އަދި އޭނާ އެނބުރިލީ އެތަނުން ނުކުންނާށެވެ.

"މިޔާ... ހަނދާންކުރާތި ނުކުތުމަށްފަހު ޚިޔާލު ބަދަލުގެން ދެން އަޔަސް އަހަރެންނާ ބައްދަލެއް ނުވާނެކަން." އިޒީކިއަލް ކުއްލިއަކަށް ބުނެލީ ހަރުކަށިކަމާއެކު އެވެ.

ދޮރު ކައިރިޔަށް ގޮސްފައި ވެސް މާޔާ ހުއްޓުނެވެ. ޖޯޑުކޮށްލެވުނު ދެ އަތް ގެނެސް ތުންފަތުގައި އޭނާ ޖައްސާލި އެވެ. ފައިނާނަށް ނުހައްގުން އަދަބުލިބެން ދޫކޮށްލަންވީ ހެއްޔެވެ. ނޫނީ އެކުވެރިޔާއަށް ޓަކައި އަމިއްލަ ނަފްސު ޤުރުބާން ކުރަންވީ ހެއްޔެވެ. މާޔާއަށް ގޮތެއް ނުނިންމިފައި ހުރި ފަދައަކުން ދޮރުމަތީ އިޒީކިއަލްއަށް ފުރަގަސްދީގެން ހުއްޓެވެ. އެ ހިމޭންކަން ކަމުނުގޮސްގެން އިޒީކިއަލް ގޮވާލި އެވެ. މުޅި ދުވަސް މާޔާގެ ޖަވާބެއް ލިބެންދެން މަޑު ނުކުރާނަންކަން އިޒީކިއަލް ހާމަކޮށްލި އެވެ.

"އިޒީކިއަލް ކީއްވެގެންތަ ތިއުޅެނީ؟. ކޮންކަމެއް އަހަރެންގެ ފުށުން ބޭނުންވެގެން؟." އެނބުރިލުމާއެކު އިޒީކިއަލްއާ ކުރިމަތިލައިގެން ހުރެ މާޔާ ވާހަކަދެއްކި އެވެ. އެއާއެކު އިޒީކިއަލް މަޑުމަޑުން އައިސް ހުއްޓިލީ މާޔާގެ ދާދިގާތުގައި ކުރިމަތީގަ އެވެ.

"އައި ވޯންޓް ޔޫ ޓު ޕްލީޒް މީ. އީވަން ފޯ އަނަދަރ ޓެން އިޔާސް އޯ މޯ... އަދި ބުނަން. ތި ބޮޑާކަން ދޫކޮށްލާ. އަހަރެންގެ ކުރިމަތީ ތި ސިފަ ދައްކައިގެން ވާނެ މޮޅެއް ނޯންނާނެ. އަދިވެސް އޮޅުންނުފިލާތަ؟." ފަޓުލޫނުގެ ދެ ޖީބަށް އަތް ޖަހާލައިގެން ހުރެ އިޒީކިއަލް ބުންޏެވެ.

ހުއްޓުން އަރާފައި މާޔާއަށް ހުރެވުނީ އެވެ. އިޒީކިއަލް މަޑުމަޑުން އެއްފަރާތް ވެލި އެވެ. ދެން ފެނުނީ އެ ތަނުގައިވާ ބިއްލޫރި ބޮޑެތި ކުޑަދޮރުތައް ބްލައިންޑްސްތަކުން ނިވާކުރަން ފެށިތަނެވެ. އެކަން ކުރުމަށްފަހު އޭނާ އަނެއްކާ ވެސް އައިސް މާޔާގެ ނުހަނު ގާތުގައި މަޑުކޮށްލި އެވެ. މާޔާގެ އެއްފަރާތުން އޭނާ ދަމާލި ކަނާއަތުން އޮފީހުގެ ދޮރު ތަޅުލި އެވެ. މާޔާއަށް ހިންދިރުވާލެވުނެވެ. ފަހަތަށް ފިޔަވަޅު އަޅާލެވުމާއެކު އިޒީކިއަލްއަށް އޭނާ ބަލާލި އެވެ.

"އަހަރެން ރެޑީ. މިވަގުތު އަހަރެން ހިތްހަމަޖެހިއްޖެއްޔާ މިޔާއަށް ފައިދާވާނެ. ނޫނީ ދެންވާނޭ ގޮތް އެނގެއެއްނު. ޖަލުން ސަލާމަތެއް އޭނާ ނުވާނެ. މިޔާއަށް އެހީވާނެ މީހަކު ވެސް ނުހުންނާނެ." އިޒީކިއަލް ބުންޏެވެ.

"އިޒިކް... ޕްލީޒް. އަހަރެން މީ ކޮންކަހަލަ މީހެއްކަމައްތަ ތި ހީކުރަނީ." މާޔާގެ ކޯތާފަތުގައި އިޒީކިއަލް އަތްތިލަ ޖައްސާލުމުން އެ އަތް ފޮޅުވާލި އެވެ.

"މިޔާ އަހަރެން ކައިރީ ކަމަކަށް އެދުނީމަ އެކަމުގެ އަގު އަދާކުރާން އަހަރެން މިބުނަނީ." އިޒީކިއަލް ބުންޏެވެ.

"ނޫން. ޕްލީޒް އިޒިކް. އެ ނޫން ގޮތެއް." މާޔާ އާދޭސްކޮށްލި އެވެ.

"ޑޫ އިޓް. އޯ ލީވް... އެހެރީ ދޮރު. އަހަރެންގެ ޚިޔާލު ބަދަލުނުވަނީސް ގޮތެއް ނިންމާ. އެހެންނޫނީ މި ފުރުޞަތު ވެސް ނުލިބޭނެ." އިޒީކިއަލް ބުނެލި އެވެ.

(ނުނިމޭ)