( 7 އެޕްރީލް 2024 އާ ގުޅޭ )
"އިޒިކް... ޕްލީޒް. އަހަރެން މީ ކޮންކަހަލަ މީހެއްކަމައްތަ ތި ހީކުރަނީ." މާޔާގެ ކޯތާފަތުގައި އިޒީކިއަލް އަތްތިލަ ޖައްސާލުމުން އެ އަތް ފޮޅުވާލި އެވެ.
"މިޔާ އަހަރެން ކައިރީ ކަމަކަށް އެދުނީމަ އެކަމުގެ އަގު އަދާކުރާން އަހަރެން މިބުނަނީ." އިޒީކިއަލް ބުންޏެވެ.
"ނޫން. ޕްލީޒް އިޒިކް. އެ ނޫން ގޮތެއް." މާޔާ އާދޭސްކޮށްލި އެވެ.
"ޑޫ އިޓް. އޯ ލީވް... އެހެރީ ދޮރު. އަހަރެންގެ ޚިޔާލު ބަދަލުނުވަނީސް ގޮތެއް ނިންމާ. އެހެންނޫނީ މި ފުރުޞަތު ވެސް ނުލިބޭނެ." އިޒީކިއަލް ބުނެލި އެވެ.
ފެންކަޅިވަމުން ދިޔަ ދެ ލޮލުން އިޒީކިއަލްއާ ދިމާއަށް ބަލަހައްޓައިގެން މާޔާއަށް ހުރެވުނެވެ. އެހާ ދަށު ދަރަޖައަކަށް އިޒީކިއަލް އޭނާ ވައްޓާލަން މަސައްކަތް އެ ކުރަނީ ކީއްވެކަމެއް ވިސްނާވިސްނާ ވެސް މާޔާއަކަށް ނޭނގުނެވެ. ފައިނާނު ސަލާމަތް ކުރާން އެދޭނަމަ އެކަމުގެ އަގު އަދާކުރާން ޖެހޭ މީހަކަށް މިވީ މާޔާ އެވެ. ހީކުރެވުނު ގޮތަށް ފައިނާނު ކުށެއްގައި ބައްދާލުމުގައި އިޒީކިއަލްގެ ބައިވެރިވުން ނުހަނު ބޮޑެވެ. މަޤްޞަދަކަށްވީ އޭނާގެ ގާތަށް މާޔާ ގެނައުމެވެ. އާދޭސް ކުރުވުމެވެ. ނިކަމެތިކަން އިޙްސާސް ކޮށްދިނުމެވެ. މާޔާގެ މިނިވަންކަން ނިއުޅައި ގަތުމެވެ.
ދުރަށް ގޮސްފައި ވެސް މާޔާ އެނބުރިލީ އެވެ. އިޒީކިއަލްއަށް ލިބިފައިވާ ފަދަ ބާރަކާއި ނުފޫޒެއް މާޔާގެ ނެތެވެ. އެހާ މަޖުބޫރީ ހާލަތަކަށް އޭނާ ގޮސްފައި އެވަނީ އެހެންވެ އެވެ. ދެ ލޮލުން ވެއްޓުނު ކަރުނަ ތިކި ފުހެލާފައި މަޑުމަޑުން އިޒީކިއަލްގެ ގާތަށް މާޔާ އައެވެ. އޭނާގެ ކުރިމަތީގައި މާޔާ ހުއްޓިލީ ގޮތް ހުސްވެފައިވާ މީހަކު ފަދައިންނެވެ. ހަމަ އެހިނދުން މާޔާގެ އުނަގަނޑާ ދިމާލުން ފަހަތަށް އިޒީކިއަލްގެ އަތް ލައްވާލައި އެ ހިމަ އުނަގަނޑުގައި ހިފާލައި އޭނާއާ ގާތް ކޮށްލައިފި އެވެ. މިފަހަރު މާޔާ ދެކޮޅެއް ނުހެދި އެވެ. އެހެންވިޔަސް މާޔާ ހުރީ އިންތިހާއަށް ލަދުގެންފަ އެވެ. އޮފީހެއްގެ ތެރޭގައި ބަދުއަޚްލާޤީ ޢަމަލެއް ހިންގަން އިޒީކިއަލް ފަސްނުޖެހުނީތީ އަޖައިބުވެ އެވެ. އިޒީކިއަލްގެ ޟަމީރު އޭނާގެ ނަފްސަށް ލަދުވެތިކަން އިޙްސާސް ނުކޮށްދޭބާއޭ މާޔާއަށް އަމިއްލަ ހިތާއި ސުވާލު ކުރެވުނެވެ.
* * * * *
ދެ ހަފްތާ ފަހެވެ. އެޕާޓްމެންޓުގައި ހުރި ބެލްކަނީގެ ދޮށުގައި މާޔާ މަޑުކޮށްލައިގެން ހުރީ މަގުމައްޗަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނާ އެ ހުރީ ވަކީލު ނަސީރުގެ އިންތިޒާރުގަ އެވެ. އޮފީހަށް ނުކުމެލާފައި މެންދުރު ފަހު ދޭއް ޖެހި އިރު މާޔާ ގެއަށް އައީ އެހެންވެ އެވެ. މަގުމަތިން ފެންނަ ކާރުތަކަށް މާޔާގެ ސަމާލުކަން ދެވެ އެވެ. އެ އިމާރާތުގެ ކައިރިޔަށް މަޑުކޮށްފާނޭ ކަމުގެ އުންމީދުގަ އެވެ. އެގޮތަށް ބަލަބަލާ ހުއްޓާ އިމާރާތާ ކާރެއް ކައިރިކޮށްލަން މާޔާ ދުށްޓެވެ. އޭނާގެ ހިތް އަވަސްވި އެވެ. އެ ޓެކްސީއިން ފޭބި ދެ މީހުން ފެނުމާއެކު މާޔާއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއެއް ކަމަކު އެ ހިނިތުންވުން ފަޅި ސުކުންތެއްގެ ތެރޭ ގެއްލުނެވެ. އޭރު ވެސް އޭނާގެ ނަޒަރު ހުއްޓިފައިވީ ޓެކްސީއިން ފައިބާ ދުވާރު މަތިން ހިނގާލާފައި އިމާރާތަށް ވަނުމަށް އަންނަ ނަސީރާއި ފައިނާނަށެވެ.
އެޕާޓްމެންޓުގެ ދޮރު ހުޅުވާލީ މާޔާ އެވެ. ނަސީރު ސަލާމް ގޮވާލުމުން އެ ސަލާމުގެ ޖަވާބު ދީފައި މާޔާ ގޮވާލީ ފައިނާނަށެވެ. މިލާފައިވާ މޫނު އޮބާލައިގެން ހިމޭންކަމުގައި ފައިނާނު ހުރީ ބަހެއް ކިޔަން ނޭނގިފަ އެވެ. މާޔާއާ އެންމެފަހުން ބައްދަލުވީ އިރަށްވުރެ ވެސް ފައިނާނު އަނަރޫފަވެއްޖެކަން މާޔާއަށް ފާހަގަވި އެވެ. އެކުވެރިޔާއާއި ވަކީލަށް ގޭތެރެއަށް ވަންނަން ބުނެ ތަން ދައްކަމުން މާޔާ އެއްފަރާތްވެލި އެވެ.
"މިވަގުތު މަޑުކޮށްލެވޭކަށް ނެތް. އިރުއޮއްސޭހާ އިރު ނޫނީ މިރޭގެ ވަގުތެއްގައި މާޔާއަށް ގުޅާލާނަން. ފައިނާނާމެދު ދެން ނުވިސްނާ. އޭނާގެ އެއްވެސް ކުށެއްނެތް. މިހާރު އެހެރީ ހުރިހާ ގޮތަކުން މިނިވަންވެފައި." ވަކީލު ނަސީރު ބުންޏެވެ. އޭރު ފައިނާނު އެތެރެއަށް ވަދެގެން ގޮސް ސޯފާގައި އިށީދެއްޖެ އެވެ. މާޔާއާއި ނަސީރު ވާހަކައިގައި ތިބީ ދޮރުމަތީ އެވެ. ލަސްވެފައި ހުރި މީހަކު ފަދައިން ނަސީރު މަޑުނުކޮށް އެނބުރި ހިނގައިގަތުމުން އެޕާޓްމެންޓްގެ ދޮރު ލައްޕާލާފައި މާޔާ އައީ ފައިނާނު ކައިރިއަށެވެ.
"ދެން ނުވިސްނާ. އެކަން އެ ނިމުނީނު. އަހަރެންނަށް މާކުރިން ވެސް އެނގޭ ނާނު އެކަހަލަ ކަމެއް ނުކުރާނެކަން. ފުލުހުންނަށް އޮޅުމެއް އެރީކަން... ތިހެން ނީނދެ ފެންވަރާލަން ދާންވީނު. ފްރެޝްވެލައިގެން ހިނގާ ސައިބޯށާއެކީ ބޭރަށް ނުކުމެލަން. ސާފުވައިކޮޅެއް ލިބެނިކޮށް މީހާ ހަމައަކަށް އެޅިދާނެ." ސޯފާގައި އިށީންނަމުން މާޔާ ވާހަކަދެއްކި އެވެ.
"މިޔާ..." ކުއްލިއަކަށް ފައިނާނު އޮޅުލައިގަތީ މާޔާގެ ގައިގަ އެވެ. އޭނާއަށް ރޮވެނީ އެވެ.
"ދެން ހުއްޓާލާ. ގެއަށް އާދެވިއްޖެއެއްނު. ނާނުއަކޯ ރޯކުއްޖެއްނޫން. އަހަރެން ދަންނަ ނާނުގެ ވަރަށް ގަޓު ހުންނާނެ. މީހަކަށް ނުކެރޭނެ އޭނާއާ ދިމާކޮށްލާކަށް." ފައިނާނުގެ ބުރަކަށީގައި ފިރުމާލަމުން މާޔާ ބުންޏެވެ. އެއާއެކު ފައިނާނުގެ ރުއިން ވަކިން ގަދަވެލި އެވެ.
"އަހަރެންނަށް އެނގޭ މިޔާ އެހީވީމަކަން މިކަމުން ސަލާމަތްވީ. ތީ އަހަރެންނަށް ލިބުނު ވަރަށް ރަނގަޅު ރަޙުމަތްތެރިއެއް. ވަރަށް ލޯބިވާ ރަޙުމަތްތެރިއެއް. ތިކޮށްދިން ކަންތަކަށް ޝުކުރުވެރިވާނެ ގޮތެއް ވެސް ނޭނގޭ. ހަޤީޤަތުގައި މިޔާގެ ފުށުން ފައިދާވަނީ އަހަރެންނަށް. މިޔާއަށް ޓަކައި އަހަރެންނަށް ކޮށްދެވުނު ކަމެއްނެތް. އަހަރެންގެ އަތަކު ދޭނޭ އެއްޗެހި ތަކެއް ވެސް ނެތް." ފައިނާނު ރޮމުންރޮމުން ވާހަކަދެއްކި އެވެ. އެކުވެރިޔާ ދުރުކޮށްލަމުން އޭނާގެ މޫނަށް މާޔާ ބަލާލީ އޯގާތެރި ބެލުމަކުންނެވެ. އަދި ދެ އަތުން ފައިނާނުގެ ލޯ ކައިރިން ކޯތާފަތް މާޔާ ފުހެލައި ދިނެވެ.
"ތިކަހަލަ ވާހަކަ ނުދައްކާ. އަހަރެންގެ ހުރި ހަމައެކަނި ރަޙުމަތްތެރިޔާއަށް ދެރައެއް ދިމާވުމުން އަހަރެން އެހީވީ އެއްޗެހި ތަކެއް ލިބޭނެކަމަކަށްނޫން. ނާނުއަށް ނޭނގުނަސް ތިއެކުވެރިކަމުން އަހަރެންނަށް ފައިދާކުރި. އެނގޭތަ... އަހަރެން ވެސް ވަރަށް ހާސްވެފައި ހުރީ ނާނު ޖަލަށް ލާފާނެތީ. އެހެންވެ ކަންތައްވީގޮތް ނާނު ކިޔާނުދިނީމަ ވަރަށް ޑިސެޕޮއިންޓްވި. އޭރު ހިތްހަމަ ވެސް ނުޖެހުނު ނާނުދެކެ. އަސްލު މިކަމުގައި މަހެއް ވެގެން މިދިޔައީ އެހެންވެ. އެހެންނޫނަމަ މިއަށްވުރެ ކުރީން އަހަރެންނަށް ނާނު ސަލާމަތް ކުރާން އެނގުނީސް. އެނީވޭޒް... އައި ޑޯންޓް ބްލޭމް ޔޫ. އަހަރެންނަށް އެނގޭ އެވަގުތު ކިޔާދޭން ނާނު ތައްޔާރު ނުވިޔަސް ފަހުން ހަމަޖެހިގެން އަހަރެންނަށް ކިޔާދޭނެކަން. ދެން ނުރޮއެ ހުއްޓާލާ... ފެންވަރައިގެން ބޭރަށް ނުކުތީމަ ތި ޚިޔާލުތައް ހިނގައިދާނެ. މީރުކޮށް ސައިބޯލާ ކޮފީއެއް ޖަހާލީމަ ސިކުނޑި ހަމަޖެހިދާނެ. ނޫންތަ... ނާނުއަށް ހެދިކާ އެންމެ މީރު ކެފޭއަށް ދާނީ." ކުޑަކޮށް ހެވިލާފައި މާޔާ ސައިބޯ ވާހަކަ ބުނެލި އެވެ. މިފަހަރު ކަރުނައިގެ ތެރެއިން ވިޔަސް ފައިނާނު ހިނިތުންވެލި އެވެ.
ފެންވަރައި ރީތިވެގެން ފައިނާނު ކޮޓަރިން ނުކުތެވެ. ސިޓިންރޫމުން މާޔާ ނުފެނުމުން ފައިނާނު ހިނގައިގަތީ މާޔާގެ ކޮޓަރިއާ ދިމާއަށެވެ. އޭނާ އައިސް ކޮޓަރީގެ ދޮރު ހުޅުވާލި އެވެ. ކުރީން ވެސް އޭނާއަކީ ޓަކިދޭ މީހެއް ނޫނެވެ. މާޔާ ގޭގައި އުޅޭކަން އެނގޭނަމަ އަންނަ ގޮތަށް ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަންނާނީ އެވެ. މާޔާއަށް ވެސް އެކަމާ ޝަކުވާކޮށްފައެއް ނެތެވެ. ނަމަވެސް މިފަހަރު ކޮޓަރިތެރޭ ހުރި މާޔާ ސިހުނުތީ ފައިނާނަށް ވެސް ހުއްޓުން އެރި އެވެ.
"އަހަރެން." ފައިނާނު ނިކަން އަވަހަށް ބުންޏެވެ. އޭނާ ފަރުވާތެރިކަމާއެކު މާޔާއަށް ބަލަން ހުއްޓެވެ. މާޔާ ހުރީ ފޯނެއްގައިކަން އެނގުނީ އޭނާ އެނބުރިލީއިރު ކަންފަތުގައި ފޯނު ޖައްސާލައިގެން ހުރީމަ އެވެ. ފޯނުގެ އަނެއްކޮޅުގައި ހުރި މީހަކަށް ދިހަ މިނެޓް ދޭށޭ މިދަނީއޭ ބުނެ މާޔާ އެ ކޯލު ނިކަން އަވަހަށް ބާއްވައިފި އެވެ.
"ކިހިނެއްވީ؟. ކާކު ގުޅީ؟." މާޔާގެ މޫނުމަތީގައިވާ ނުތަނަވަސްކަން ފެނި ފައިނާނު ސުވާލުކުރި އެވެ.
"އޮފީހުން... ސޮރީ ނާނު. އަހަރެން ކުއްލިއަކަށް ދާން ޖެހިއްޖެ." މާޔާ ބުނެލި އެވެ.
"އިޓްސް އޯކޭ. އޮފީސް މުހިންމުވާނެ." މާބޮޑު ކަމަކަށް ނުހަދާ ފައިނާނު ބުންޏެވެ. އޭނާއަށް ވެސް މާޔާއަކީ ޒިންމާދާރު ވެރިއެއްކަން އެނގެ އެވެ. އެހެންވީމަ ކުރާން އެތައް ކަމެއް އޮފީހުގައި ހުންނާނޭކަން ވިސްނެ އެވެ.
"މިރެއަށް ހަދަމާ." މާޔާ ބުނެލި އެވެ.
"މިޔާ ފްރީވީމަ އަހަރެމެން ބޭރަށް ގޮސްލާނީ. އެގޮތް އަހަންނަށް އޯކޭ. އަހަރެން ސޭންޑްވިޗްއެއް ކާލަފާނަން. އެހާ ކާހިތެއް ވެސް ނެތް. ރެސްޓްކޮށްލަން ބޭނުން." ފައިނާނު ބުންޏެވެ.
މާޔާގެ ހަރަކާތްތައް އަވަސްކަން ފައިނާނަށް ފާހަގަވި އެވެ. އޭނާ ފާޚާނާއަށް ވަދެ ފެންވަރައިގެން ނުކުމެ ރީތިވީ ވެސް އެހާ އަވަހަށެވެ. ކުރު ގަމީސްކޮޅަކާއި ޖިންސެއްގައި އަތްދަބަސް އަޅުވާލައިގެން މާޔާ ކޮޓަރިން ނުކުތުމުން ފައިނާނު ވެސް އޭނާއާއެކު ނުކުތެވެ. ނަމަވެސް މައިދޮރާ ހަމައަށް ދިއުމުގެ ބަދަލުގައި ފައިނާނު ވަނީ އޭނާގެ ނިދާކޮޓަރިއަށެވެ. މާޔާ އެޕާޓްމެންޓުން ނުކުމެ ލިފްޓާ ދިމާއަށް ދަމުން އަވަހަށް ފޯނުގައިވާ އެޕްލިކޭޝަނުން ޓެކްސީއެއް ލިބޭތޯ ހޯދަންފެށި އެވެ.
އިމާރާތުގެ ބޭރުގައި ހުންނަތާ ފަސް ވަރަށް މިނެޓު ފާއިތުވީ ފަހުން ޓެކްސީ އައިސް މަޑުކޮށްލައިފި އެވެ. މާޔާ އެ ޓެކްސީއަށް އެރި އެވެ. އެޕްލިކޭޝަނުން މާޔާ ދާން ހަމަޖެއްސި އެޑްރެސް ޑްރައިވަރު ބުނެލީ ޔަގީންކޮށްލުމުގެ ގޮތުންނެވެ. މާޔާ އާނއެކޭ ބުނެ ބޯޖަހާލި އެވެ. ފައިނާނު ކައިރީ އޭނާ ބުނީ އޮފީހަށް ދަނީ ކަމެވެ. ނަމަވެސް އޭނާ ޓެކްސީއަށް އަރައި އެ އިނީ އޮފީހަށް ދާކަށް ނޫނެވެ.
* * * * *
ފައިނާނު މިނިވަން ވެގެން ގެއަށް އައިތާ ދުވަސްކޮޅެއް ވެއްޖެ އެވެ. މާޔާގެ އާ ޕްރޮޖެކްޓް ފެށިގެން އޭނާ އުޅެނީ އަވަދިނެތި އެވެ. ކުރިޔާ ޚިލާފަށް މާޔާ ގޭގައި އުޅޭން ލިބޭ ވަގުތު މަދުކަން ފައިނާނަށް ވެސް އެނގެ އެވެ. އެހެންވެ ދެ އެކުވެރީން ބައްދަލުވަނީ ވަރަށް މަދުންނެވެ. ހަފްތާ ބަންދުގައި ދެ އެކުވެރީން ކަމެއް ރޭވީ އެހެންވެ އެވެ. އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލަން ދެ މީހުން ވެސް ބޭނުންވެގެންނެވެ. ހުކުރު ދުވަހުގެ ރޭ ނުވައެއް ޖަހާކަން ހާއިރު ދެ އަންހެންކުދީން ނުކުތީ ހުޅުމާލޭގެ އަތިރިމަތީގައި ހުރި ރެސްޓޯރެންޓަކަށް ދިއުމަށެވެ.
"ނާނު ހާދަ ނިދިގަދަވެއްޖެޔޭ. އެހެންޏާ އަހަރެން އޮފީހަށް ދާއިރު ނުކުމެ އުޅޭނެ. އެގަޑީގައި ވެސް ނުފެނޭ. ގިނަ ދުވަސްދުވަހު ހަވީރު ވެސް ބަލާލާއިރު އޮންނަނީ ނިދާފައި. އަނެއްކާ މިހާރު ދަންވަރު ޓީވީ ބަލަން އިންދާ ވެސް ނުފެނޭ." ކާއެއްޗެހީގެ އޯޑަރު ހިފައިގެން ވެއިޓަރު މޭޒު ދޮށުން ދުރަށް ހިނގައިގަތުމުން މާޔާ ވާހަކަދެއްކި އެވެ.
"ނޭނގެ މަށަކަށް. އަބަދު ހުންނަނީ ވަރުބަލިވެފައި. ތަނެއްގައި ޖައްސާލާއިރަށް ނިދެނީ. އަނެއްކާ ބަނޑުހައޭ ބުނާކަށް ބަނޑުހައިވެލާ. ގަރުނެއް ވަންދެން ނުކައި ހުންނަ މީހެކޭ އަހަރެން އެއްވަރު. ހީވަނީ ޕެރެސައިޓެއް ހަށިގަނޑަށް ވަދެގެން އުޅޭހެން. މޮޅުކަމަކީ މީރު އެއްޗެއްނެތް އެކައްޗެއް ވެސް. ބޮލުގައި ރިއްސާތީ އެންމެ ރުޅިގަދަވަނީ. ޑަކްޓަރަށް ދައްކާލަން ދާންވީހެން ހީވަނީ. ކަރެކްޝަނަލްގައި ބަހައްޓާފައި ހުރިއިރު އަހަރެންނަށް ބައްޔެއް ޖެހުނީ ކަންނޭނގެ." ފައިނާނު މިހެންބުނެ އަނގަޔަށް ޖައްސާލި ވައްތަރުން މާޔާ ކައިރިޔަށް ހިނިއަތުވެއްޖެ އެވެ.
"ހުރޭ. އަހަރެން އޯޑަރ މިކުރީ ނާނުއަށް މީރު އެއްޗަކަށް. ޔަގީނުން ވެސް އެ ނުކެވިއެއް ނުހުންނާނެ." ހެވިފައި އިނދެ މާޔާ ބުންޏެވެ.
"މިތަނަށް މި އައީ ވެސް ވަރަށް މީރުކޮށް ކާލާ ހިތުން." ފައިނާނު ބުންޏެވެ.
އޯޑަރު ކުރި ތަށިތައް ވެއިޓަރު ގެނެސް މޭޒުމަތީ އަތުރާލަ ދިނެވެ. ދެވައްތަރެއްގެ ބަތާއި ގެރިމަހުގެ ސައިޑްޑިޝްއެއްގެ އިތުރުން އެ ރެސްޓޯރެންޓު ޚާއްޞަވެ ކަސްޓަމަރުންގެ މަޤުބޫލުކަން ހޯދާފައިވާ "ބާންޑް ޗީޒް ކޭކް" ފޮއްޗެއް މާޔާ ގެނުވީ ފައިނާނަށް ޓަކައި އެވެ. އެ ފެނުމާއެކު ވެސް ފައިނާނުގެ ދަތްތައް ސޭލް އަޅުވައިލައިފި އެވެ. އެންމެ ފުރަތަމަ ވެސް ފައިނާނު ކައިރިކޮށްލީ ޗީޒްކޭކު ފޮތި ލާފައި އޮތް ތަށްޓެވެ. ސަމްސާ ނަގައި ކޭކު ފޮތުން ނައްޓާލީ ސަމްސާ ފުރޭވަރުގެ އެތިކޮޅެކެވެ. އެ އެތިކޮޅުން ފައިނާނު އަނގަ ފުރާލައިފި އެވެ. ހިތްޖެހުނު ފަދައިން އޭނާ ދެ ލޯ މަރާލައިގެން އިނދެ މީރުކޮށް ކާލި އެވެ. ނަމަވެސް ކޭކުކޮޅު އަރުން އެތެރެއަށް ގޮސްފައި ވެސް ވަގުތުން އައީ ބޭރަށެވެ. އަނގަމަތީ ވަގުތުން ފައިނާނު އަތްއަޅާލި އެވެ. މޭޒުދޮށުން ވަގުތުން ތެދުވެގެން ހަލުވިފިޔަވަޅުގައި ފައިނާނު ހިނގައިގަތީ ފާޚާނާއާ ދިމާއަށެވެ. ކަންބޮޑުވުމާއި ހާސްކަން މާޔާގެ މޫނުން ފާޅުވެލި އެވެ. އޭނާ ވަގުތުން ޗީޒްކޭކުކޮޅަށް ބަލާލި އެވެ. ސަމްސާ ނަގައި އެއިން ކޭކުކޮޅެއް ރަހަބާލީ އޭގައި މައްސަލައެއް އުޅެނީބާއޭ ހިތަށް އަރާފަ އެވެ. އެކަމަކު އެހެނެއްނުވި އެވެ. ކޭކުގައި ދިނީ އެހެންޏާ ވެސް އެމީހުން އެތަނުން ގެންނަ ކޭކުގައި ދޭ މީރު ރަހަ އެވެ. މާޔާ މޭޒު ދޮށުން ތެދުވި އެވެ. ފާޚާނާ ކައިރިޔަށް އޭނާ އައީ ފައިނާނުގެ ހާލު ބަލާށެވެ. ދެ މީހުންނަށް ވަދެވެން ހުރި އެ ފާޚާނާއަށް މާޔާ ވަނެވެ. އޭރު އެތަނުން އެއް ފާޚާނާ ތެރެގައި ތަށްޓަށް ގުދުވެ ފައިނާނު އޮތެވެ. އޭނާ ހޮޑުލަނީ އެވެ. ފައިނާނަށް އެހީތެރިވެލަން މާޔާ ކައިރިވެލަން ވާއިރަށް އޭނާ ހިންދެމިލައިފި އެވެ. އަދި ފާޚާނާއިން ނުކުމެ މޫނުދޮންނަ ތަށިކައިރިޔަށް އައިސް އަނގަ ދޮންނަން ފެށި އެވެ.
"ނާނު. ކިހިނެއްވީ ހޮޑުލެވުނީ؟." މާޔާއަށް އަހާލެވުނެވެ.
"ނޭނގެ. މިހެންވެ އެއްޗެއް ނުކެވެނީ. ކާލާއިރަށް ހޮޑު. އެހާވަރަށް ބަނޑުހައިވޭ އެކަމަކު މޭނުބައިކޮށްފައި ހުންނަނީ." ގަޔާނުވެފައި ހުރި ރާގެއްގައި ފައިނާނު ބުންޏެވެ. މާޔާއަށް ހައިރާންކަން ލިބުނެވެ. އޭނާއަށް ތުންފަތުގައި ދަތް އަޅާލެވުނީ އެވެ. ހިތަށް އައި ސުވާލު ފައިނާނާ ކުރާން ވެދާނޭބާއޭ މާޔާގެ އަމިއްލަ ހިތާއި ސުވާލުކޮށްލެވުނެވެ. ގައިމުވެސް އޭނާއަށް ނާހާއެއް ނުހުރެވުނެވެ.
"ޕްރެގްވީތަ؟." މާޔާއަށް ބުނެލެވުނެވެ.
(ނުނިމޭ)