ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން -- "ޖުމްހޫރީ ފަށްވާރާ" މަރާމާތުކޮށް ހުޅުވައިފި އެވެ.
ރޭ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ސިޓީސް އާދަމް ޝަރީފު އުމަރާއި ދައުލަތުގެ އިސްވެރިންނާއި އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުﷲ ޒިޔާދުގެ އިތުރުން ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަސައްކަތަކީ އެމްޓީސީސީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ގެ ދަށުން ކުރެވުނު މަސައްކަތެކެވެ.
ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން ފަރުމާކޮށް ފުރަތަމަ ހުޅުވީ 2015 ވަނަ އަހަރު ފާހަގަކުރި "މިނިވަން 50" މުނާސަބަތާއި ގުޅުވައިގެންނެވެ. މިތަން ފަރުމާކުރީ އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސް މުއިއްޒުގެ މޭސްތިރިކަމުގެ ދަށުން އެމްޓީސީސީންނެވެ.
ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން ފަރުމާކޮށްފައިވަނީ މިނިވަންކަމުގެ ބަހާތައް ކަމުގައިވާ ގައުމީ އެއްބައިވަންތަކަމާއި އަމިއްލަވަންތަކަން ރަމްޒުކޮށްދޭ ގޮތަށެވެ. މީގެ އިތުރުން މި މަސައްކަތް ފަރުމާކުރެވިފައިވަނީ އާއްމުންގެ ސިއްހަތާއި ރައްކާތެރިކަމަށްވެސް ރިއާޔަތްކޮށްގެން ކަމަށް އެމްޓީސީސީން ބުނެ އެވެ.
އެގޮތުން މިތަނުގެ ފެން ފިލްޓާކުރާ ނިޒާމު ފަރުމާކޮށްފައިވާނީ ގިނަ އަދަދެއްގެ ކުޑަކުދިން ބޭނުންކުރާ ތަނަކަށްވާތީއާއެކު ބަލިމަޑުކަމެއް ނުފެތުރޭނެ ގޮތަށް ފެން ސާފުކުރެވި ބަދަލުކުރެވޭ ގޮތަށް ކަމަށް އެމްޓީސީސީން ބުނެ އެވެ.
ހަމަ އެހެންމެ ކަރަންޓުގެ މައްސަލައެއް ދިމާވެއްޖެނަމަ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުޅި ފަށްވާރާގެ ނިޒާމު އެއްކޮށް ނިވޭ ގޮތަށް ކަމަށްވެސް އެމްޓީސީސީން ބުނެ އެވެ.
އެމްޓީސީސީން ބުނި ގޮތުގައި ޖުމްހޫރީ ފަށްވާރާ ފަރުމާކުރެވިފައިވަނީ ފެންއަރުވާ ގަޑީގައި މިއުޒިކްގެ އަޑުވެސް އިވޭ ގޮތަށެވެ. ނަމަވެސް މިއީ އިސްލާމީ މަރުކަޒުވެސް ހުންނަ ސަރަހައްދުކަން ފާހަގަކޮށް އެމްޓީސީސީން ބުނީ މިއުޒިކް ޖަހާނީ ނަމާދު ގަޑިތަކާއި ދިމާ ނުވާނެހެން ބަލައިގެން ކަމަށެވެ.
ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި މި ބިނާ އޮތީ ވަރަށް ބޮޑަށް ވީރާނާވެ މަރާމާތަށް ބޭނުންވެފަ ކަން އެމްޓީސީސީ ވަނީ ފާހަގަކޮށްފަ އެވެ.
އެހެންކަމުން ޖުމްހޫރީ ފަށްވާރާ އަލުން ހުޅުވިފައި މިވަނީ ގައުމިއްޔަތާއި އިސްލާމީ ޝިއާރު ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން ރައީސް ދެއްވާފައިވާ ހާއްސަ އިރުޝާދާއި ގުޅިގެން މިނިސްޓްރީ އޮފް ސިޓީސްގެ އިސްނެގުމުގެ މަތިން އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމުމާއި ގުޅިގެންނެވެ.
މި ބިނާ މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުވެގެން ދިޔަކަމީ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް ކަމަށާއި ސަބަބަކީ މި ޖުމްހޫރީ ފަށްވާރާއަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާއި ގުޅިގެން އެކަން ރަމްޒުކޮށްދިނުމަށް އެ ކުންފުނިން ހެދި މުހިންމު ބިނާއަކަށްވާތީ ކަމަށް އެމްޓީސީސީން ބުނެ އެވެ.
ރައްޔިތުންގެ ކުުންފުނި އެމްޓީސީސީއަކީ އެ ކުންފުނިން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާ ރަށްރަށާއި އަދި އެނޫންވެސް އެކި ކަހަލަ އިޖުތިމާއީ ކަންކަމުގައި ވަރަށް ފުޅާ ދާއިރާއެއްގައި އިޖުތިމާއީ ޒިންމާ އަދާކުރަމުންދާ ކުންފުންޏެކެވެ.
އެ ގޮތުން މިހާރުވެސް ރާއްޖޭގެ އުތުރާއި ދެކުނުގައި ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ތަފާތު މަސައްކަތްތައް ދަނީ ކުރަމުންނެވެ.