ހަބަރު

އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް ވޯކްޝޮޕެއް ވާދޫގައި ފަށައިފި

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުގެ ތެރެއިން، ޅ. ނައިފަރުގައި ގާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރުން ރ. ވާދޫގައި ''ވިޔަފާރިއެއް ފެށުން'' މި ނަމުގައި ތަމްރީން ޕްރޮގްރާމެއް އިއްޔެ ފަށައިފިއެވެ.

ވާދޫ ކައުންސިލްގެ އިންފޮމޭޝަން އޮފިސަރު ޔާމިން ފައިސަލް ވިދާޅުވީ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދެނީ ވިޔަފާރިއެއް ފެށުމުގެ ކުރިން ވިސްނަން ޖެހޭނެ ކަންކަމާ ބެހޭގޮތުން ކަމަށެވެ.

އަދި ވިޔަފާރިއެއް ރާވާ ހިންގާނެ ގޮތާއި، ވިޔަފާރިއަށް ފައިސާ ހޯދިދާނެ ގޮތް ގޮތާއި، ވިޔަފާރިއެއްގައި ދިމާވެދާނެ މައްސަލަތައް ދެނެގަނެ އެމައްސަލަތަކަށް ހައްލު ހޯދުމާއި، ވިޔަފާރިއެއް ކުރި އެރުމަށް ފަންނީ އެހީ ހޯދިދާނެ ގޮތް ގޮތާއި އަދި ވިޔަފާރިއެއް އިޝްތިހާރުކޮށް ކުރި އެރުވިދާނެ ގޮތްތަކާއި ބެހޭގޮތުންވެސް މައުލޫމާތު ދޭނެ ކަމަށް ޔާމިން ވިދާޅުވި އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި ޖުމްލަ 34 ފަރާތަކުން ބައިވެރިވެފައިވެ އެވެ. މި ތަމްރީނު ޕްރޮގްރާމަށް އާއްމުންގެ ފަރާތުން އެދެވޭ ތަރުހީބެއް ލިބެމުންދާކަން ޔާމިން ފާހަގަ ކުރެއްވި އެވެ.