އިޒުރޭލުން ބޭނުންވާ ވަރަށް ހަމާސް މިހާރު އޮތީ ބަލިކުރެވިފައި ކަމަށް އެ ގައުމުގެ އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ބެނީ ގަންޒް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ހަމާސް ބަލިކުރެވުނަސް، ހަމަލާތައް އަދިވެސް ދާނީ ކުރިއަށެވެ.
ހަމާސްއާ އެކު ކިތަންމެ ދިގު ހަނގުރާމައެއް ކުރަން ޖެހުނު ނަމަވެސް އިޒުރޭލު ފޫހިކަމެއް ނެތި ކުރިއަށް ދާނެ ކަމަށް ބެނީ ގަންޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިޒުރޭލުގެ އަސްކަރިޔާވެސް މި ހާލަތަކަށް ތައްޔާރަށް އޮންނަން ޖެހޭ ކަމަށެވެ. ޣައްޒާއިން ޒަޔަނިސްޓުން ފައިބާނީ ދުވަހަކުވެސް ހަމާސްގެ ކުރި ނުފަޅާ ވަރުކޮށްފައި ކަމަށާއި މިކަމަށްޓަކައި ދިގުދެމިގެންދާ ހަނގުރާމައެއް ކުރަން ޖެހުނަސް ވަރިހަމަ ކަމަށްވެސް ވިދާޅުވި އެވެ.
އިޒުރޭލުން ޣައްޒާއަށް ހަމަލާދެމުންދާތާ ހަތް މަސްދުވަސް ވެފައިވާއިރު ހަމަލާތައް ހުއްޓާލުމުގެ ވިސްނުމެއް ޒަޔަނިސްޓު ވެރިން ނުގެންގުޅެ އެވެ.
ބެނީ ގަންޒް ވިދާޅުވީ ކާމިޔާބީ އަކީ ކެތްތެރިކަން ބޭނުންވާ ކަމެއް ކަމަށެވެ. އަދި އެއީ ދިގު އިންތިޒާރެއް ކަމަށް ވެސް ވިދާޅުވި އެވެ.
ގަންޒް ވިދާޅުވީ އިޒުރޭލުން ހަނގުރާމަ ކުރަނީ އެއްބުރުން ކާމިޔާބު ހޯދާ ގޮތަށް ނޫން ކަމަށެވެ. މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ޖެހިފައި އޮތުމުން -- ކާމިޔާބީވެސް ލިބޭނީ ހަރުފަތްތަކަކަށް ބަހާލެވިގެން ކަމަށް ވިދާޅުވި އެވެ.
އަސްކަރީ ވިސްނުމަކުން ވިސްނާނަމަ ހަމާސް މިހާރު އޮތީ ނުކުޅެދުންތެރި ވެފައި ކަމަށް ގަންޒް ވިދާޅުވި އެވެ. ދެން އޮތީ ޣައްޒާގައި ހަމާސްއަށް ކުރި ނުފެޅޭނެ ވަރުކުރުން ކަމަށް ވެސް އޭނާ ތަކުރާރުކުރެއްވި އެވެ.
ގަންޒް ވިދާޅުވީ ހަމާސްއާ އެކު ކުރެވޭ ހަނގުރާމަ ޖީލުތަކަކަށް ވާރުތަވާނެ ކަމަށެވެ. ސްކޫލުގައި ކިޔަވައިދޭއިރުވެސް އިޒުރޭލަށް ހުރި ނުރައްކާތަކާ ބެހޭ ގޮތުން ދަރިވަރުން ހޭލުންތެރިކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ބެނީ ގަންޒް އިތުރަށް ވިދާޅުވި ގޮތުގައި ދުނިޔެ ކިތަންމެ ދެކޮޅުހެދި ނަމަވެސް ޒަޔަނިސްޓުން ރަފާހްއަށް ވަދެގެންނާނެ އެވެ. އަދި ޚާން ޔޫނިސްއިން ފޭބި ސިފައިން އަދިވެސް އެ އަވަށަށް އަރައިގަންނާނެ ކަމަށެވެ.