އިލެކްޝަންސް ކޮމިޝަން

އީސީގެ މެންބަރު ކަމަށް ހަސަން ޒަކަރިއްޔާ އައްޔަންކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް ހަސަން ޒަކަރިއްޔާ އައްޔަންކުރައްވައިފި އެވެ.

އީސީގެ މެންބަރު ކަމަށް ހަސަން އައްޔަންކުރައްވާ އޭނާއަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު ޢަލީ ރަޝީދު ހުސައިންގެ ކުރިފުޅުމަތީގައި، ހަސަން ޒަކަރިއްޔާ ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވާ ހުވާގެ އިގުރާރުގައި ސޮއި ކުރައްވާފަ އެވެ.

އީސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ހަސަން ޒަކަރިއްޔާ ހުންނެވީ އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގަ އެވެ.

އީސީގެ މެންބަރު ކަމަށް ހަސަން ޒަކަރިއްޔާ އައްޔަންކުރުމަށް މަޖިލީހުން ފާސްކުރީ މިމަހުގެ އެއްވަނަ ދުވަހު އެވެ.