ކްރިމިނަލް ކޯޓް

މީހެއްގެ ޝަރަފަށް އަރައިގަންނަ ނަމަ ހުއްޓުވާނަން: ކްރިމިނަލް ކޯޓް

މީސްތަކުންގެ އަބުރާއި އިއްޒަތާއި ޝަރަފާއި ކަރާމާތަށް، އެއްވެސް އިމެއްނެތި ބަޔަކު އަރައިގަންނަ އަރައިގަތުން ހުއްޓުވުމަށްޓަކައި، ދިވެހިރާއްޖޭގެ ކުރިމިނަލް ކޯޓުން އިސްވެ އަޅަން ޖެހިއްޖެ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް އެ ކޯޓުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދޭދޭ ފަރުދުންނާއި ޖަމާއަތްތަކުގެ މެދުގައި އުފެދޭ ހުސޫމާތްތަކާއި ދެބަސްވުންތައް ވަކި ހަމަތަކެއްގެ މަތިން ހައްލުކޮށްދިނުމުގެ ޒިންމާއަކީ އިންސާނިއްޔަތާ މަތިކުރެވިފައިވާ އެންމެ ހަރުދަނާ، އެންމެ ޒިންމާ ބޮޑު އަދި އެންމެ ގަދަރުވެރި މަސްއޫލިއްޔަތު ކަމަށާއި އެކަން އެގޮތަށް ނުކުރެވި ދެބަސްވުންތަކާއި ހުސޫމާތްތަކަށް ގާނޫނުގެ ތަރަހައިގެ ތެރެއިން ހައްލު ހޯދައިނުދެވިއްޖެނަމަ، މީސްމީހުންގެ ނަފްސާއި މުދަލާއި ޝަރަފާއި މީހުން ގަބޫލުކުރާ އިއުތިގާދުތަކާއި ސަލާމަތް ބުއްދި ހިމާޔަތްކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ.

"އެހެންކަމުން ދުނިޔޭގެ އެހެނިހެން ގައުމުތަކެކޭ އެއްފަދައަކުން ދިވެހިރާއްޖޭގައިވެސް ވަނީ ބުނެވިދިޔަ ކަންކަން ހިމާޔަތްކޮށް، ދިވެހިރާއްޖޭގައި ސުލްހަވެރި އަމާން މާހައުލެއް ގާއިމުކޮށް، ދިވެހިރާއްޖެއަކީ ސުލްހަވެރި ރައްޔިތެއް ދިރިއުޅޭ ގައުމެއްކަން ކަށަވަރުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި އެއްގޮތްވާ ގޮތުގެ މަތިން އެފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމް ގާއިމުކޮށްފައެވެ." ބަޔާނުގައިވެ އެވެ.

ކްރިމިނަލް ކޯޓުން ބުނީ، ދިވެހިރާއްޖެއަކީ އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ ގިނަ މުއާހަދާތަކެއްގައި ސޮއިކޮށްފައިވާ ގައުމަކަށް ވެފައި، ސިޔާސީ ގޮތުން ދިވެހިރާއްޖެ ބަލައިގެންފައިވާ ނިޒާމަކީ ޑިމޮކްރެޓިކު ނިޒާމަކަށް ވުމާއެކު، ދިވެހިރާއްޖެއަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމާއި ޖަމްއިއްޔާ ޖަމާއަތްތައް ހެދުމުގެ މިނިވަންކަން ފަދަ ގިނަގުނަ ހައްގުތަކެއް ރައްޔިތުންގެ އަސާސީ ހައްގުތަކުގެ ގޮތުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފަވާ ގައުމަކަށް ވިޔަސް، ދިވެހި ދައުލަތުގެ ވުޖޫދާއި ސިޔާދަތާއި މިނިވަންކަމާއި ގުޅިފައިވާ ދައުލަތުގެ ހައްގުތަކާ ކަމަށެވެ.

"ދިވެހިރައްޔިތުންގެ ރީތި ނަމާއި ދިވެހިރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއާއި ދިވެހިރައްޔިތުންގެ ހަމަހިމޭން ދިރިއުޅުމާ ގުޅިފައިވާ ހައްގުތަކަކީވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކަކަށް ވާތީއާ މީސްތަކުންގެ އަބުރު ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީއަތުގެ ފަސް މަގުސަދުގެ ތެރެއިން އެއް މަގުސަދުކަމަށް ވާތީއާ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށް ވެފައި، ދިވެހީން ތަބާވާ ހަމައެކަނި ދީނަކީ މާތްވެގެންވާ އިސްލާމްދީންކަމަށް ވާތީ، އިސްވެ ބުނެވުނު މަގުސަދާ އެއްވެސް ދިވެއްސަކު ހިލާފުވުމަކީ ކޮށްގެންވާނެ ކަމަކަށް ނުވާތީއާ، ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމަކީ ހުރުމަތްތެރިވެގެންވާ ކަމެއްކަމަށާއި އެކަމަށް ހަމަ ކޮންމެ މީހަކުވެސް ހުރުމަތްތެރިކޮށް ހިތަންވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފަ ވާތީއާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 33 ވަނަ މާއްދާއިން ކޮންމެ މީހަކަށްވެސް އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރެވިފަ އޮތުމުގެ ހައްގު ކަށަވަރުކޮށްދީފަ ވާތީ، މީސްތަކުންގެ އަބުރާއި އިއްޒަތާއި ޝަރަފާއި ކަރާމާތަށް، އެއްވެސް އިމެއްނެތި ބަޔަކު އަރައިގަންނަ އަރައިގަތުން ހުއްޓުވުމަށްޓަކައި، ދިވެހިރާއްޖޭގެ ކުރިމިނަލް ކޯޓުން އިސްވެ އަޅަން ޖެހިއްޖެ ކޮންމެ ފިޔަވަޅެއް އަޅަމުން ގެންދާނެ ވާހަކަ، ދިވެހިރާއްޖޭގައި އުޅޭ އެންމެހާ ފަރާތްތަކަށް ޔަގީންކޮށް އަރުވަމެވެ،"

ކްރިމިނަލް ކޯޓުން މިފަދަ ބަޔާނެއް ނެެރެފައިމިވަނީ އެ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި، ގާޒީ އަބްދުލް ބާރީ ޔޫސުފްގެ ފޮޓޯއެއް ނަގައިގެން ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ހައްޔަރުކޮށް، ތިން މީޑިއާއެއް އެ ކޯޓަށް ވެއްދުން ހުއްޓާލާފައިވުމުން ގިނަ ބައެއްގެ ފާޑުކިޔުން ގާޒީ ބާރީ އަށާއި ކްރިމިނަލް ކޯޓަށް އަމާޒުވެފައި ވަނިކޮށެވެ. އަދި ގާޒީ ބާރީއަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ދަނީ ދައްކަމުންނެވެ.