މީހުން

އަނާގެ ލޫޅާފަތިކަމުން ހީޓް "ހޫނު" ކުރަނީ!

  • ހީޓްގެ ތަރައްގީގައި އަނާގެ ދައުރު ބޮޑު
  • ދުޅަހެޔޮކޮށް ހުންނަން އަބަދު މަސައްކަތް ކުރޭ
  • އެހެން މީހުން ރީތިކޮށް ތިބުމަކީ އުފަލެއް

މިއީ އޭނާ ކަސްރަތުގެ ތެރެއަށް ވަތް ގޮތެވެ؛ އޭނާގެ އެންމެ ފުރަތަމަ ކަޝްރަތު ކުރަން ފެށީ އުމުރުން އެންމެ 15 އަހަރުގަ އެވެ. އާއިލާ މީހެއްގެ ވެޑިން ޕާޓީ އަކަށް ދާން ވެގެން ހާއްސަ ހެދުމެއްލާން ހިކެން ޖިމަށް ދާންޖެހުމުންނެވެ. އެ ހިސާބުން އެއޮތީ އެ ދިމާއަށް އޭނާގެ ހުރިހާ ޝައުގުވެރި ކަމެއް ދަމާ ގެންގޮސްފައެވެ. އޭރު ފަލައަސް މިހާރު ރާއްޖޭގެ އެންމެ ލޫޅާފަތި އަންހެނާ ހޮވާނަމަ އައިޝަތު އަފްރާ (އަނާ) އަކީ އެންމެ ފަސޭހައިން ނެގޭނެ އެކަކަށްވާނެ އެވެ.

ދުޅަހެޔޮށް ރީތިކޮށް ހުންނަން އަނާގެ ހިތުގައި އޮތް ލޯބި ބޮޑުވެގެން އައި ގޮތްވެސް ތަފާތެވެ؛ ފުރަތަމަ ޖިމެއްގެ އޮޅި ގިރާކޮށް ބެލިއިރު އަނާ ހުރީ މިހާރު ތިފެންނަހާ ޗާލު ބައްޓަމަކު ނޫނެވެ. އަނާގެ ބަހުރުވައިންނަމަ އޭރު އަނާއަކީ "ޗަބީ" އަންހެނެކެވެ. މި ސިފަ ވެގެން ދިޔައީ ރީތި ހަށިގަނޑެއްގެ ވެރިއަކަށްވުމަށް އޭނާ އަޒުމް ކަނޑައެޅުމުގައި ފޮރުވިފައި އޮތް "ބޮޑު ފަލަ" ސިއްރަށެވެ.

"ފުރަތަމަ ވީގޮތަކީ އާންޓެއްގެ ވެޑިންއަކަށްދާން ހިކެން ޖެހުނީ. އޭރު އެއީ ޝެރީ އެންމެ ފުރަތަމަ އުފެދުނު ދުވަސްވަރު. އެ ތަނަށް ދިޔަތަނާ ފެނުނީ ޝެރީގެ އިންސްޓްރަކްޓަރުން ކްލާސް ނަގައިދޭތަން. އެހެންވެ ހިތަށް އެރީ މިއީ ކުރަން ރަނގަޅު ކަމެކޭ އެހެންވެ ކަސްރަތުގެ ތެރެއަށް ވަނީ،" ރާއްޖޭގެ އެންމެ މަޝްހޫރު ފިޓްނަސް ސްޓޫޑިއޯ، ހީޓް ހެލްތް އެންޑް ފިޓްނަސް (ހީޓް) ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތެރިވާ އަނާ ބުންޏެވެ.

ޕާޓީއަށް ދާން ގަޔަށް ހެޔޮވަރު ސަޅި ހެދުމެއް ލާން ކުރި މަސައްކަތުން އަނާ މިހާރު އެ ހުރީ ކޮންމެ ހެދުމެއް ވެސް ލެވޭ ވަރަށް ތުނިވެލައިގެނެވެ. އެއްކަލަ ޗަބީ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްގެންނެވެ. ހިންގުމުގައި ހިޓްގެ އެންމެ ކުރީގައި އަނާ ހުރި ނަމަވެސް މިހާރު ވެސް އަނާ އެންމެ ބޮޑު އިސްކަމެއް ދެނީ ހަށިގަނޑު އަލުން ޗަބީ ވިޔަ ނުދީ ތުނިކޮށް ބެހެއްޓުމަށެވެ. ކޮންމެ ދުވަހަކު ވެސް ހިތުގެ ހިނގުން މައްޗަށް ޖައްސާލަން ގަޑިއެއްހާއިރު ދުވެލަ އެވެ. ޖިމަށް ވަދެ ހަށިގަނޑުގެ މަސްތަކަށް ވާންކޮށްލަން އަނާ ހުންނަނީ ކެތް މަދުވެފަ އެވެ. އެކަން ނުކޮށް އޭނާ ލޮޮލު ފިޔައެއްވެސް ނުޖަހަ އެވެ.

"އަސްލު ބޭނުންވީ ޕްރޮޕޯޝަން ވައިސްކޮށް [ބައްޓަން] ރީތިކޮށް ހުންނަން. އެހެންވެ މި މަސައްކަތް ކުރެވުނީ. އަބަދު ވެސް ހުންނަނީ 59-60 އާ ދެމެދުގައި ބަރުދަން،" ރާއްޖޭގެ އަންހެނުންގެ ތެރެއިން އާދަކޮށް ނުފެންނަހާ ރީތި އިސްކޮޅެއް ވެސް ލިބިފައިވާ އަނާ ބުންޏެވެ.

ރީތިކޮށް ހުންނަން އަނާ، ދާ އޮހުރި ނަމަވެސް، އެހެން މީހުންނެކޭ އެއްގޮތަށް ވިހައިގެން އަނާ އަށް ވެސް ބަރުދަން އިތުރުވުމުގެ މައްސަލައާ ދިމާވި އެވެ. އެ ފަހަރު ވެސް ކަށިން ނެރުނު ހިތްވަރުން "ޒުވާން އަނާ" ގެ ސިފަ އަނބުރައި ދަމައިގަތެވެ. ދަނޑިވަޅު ބަލާފައި ބަނޑުގެ ވަށައިގެން އެލިގަތް ލޮކި މަސްތައް ހީޓްގެ ގަދަ ހޫނުން ވިރުވައިލީ އެވެ. އަލުން ރީތި ބައްޓަމަށް އަނާގެ ހަށިގަނޑު ފައްތާލީ އެވެ.

"ދަރިފުޅަށް އަހަރު ވެގެން އަނެއްކާ ވެސް ކަސްރަތު ފެށީ. ކުރީގެ ވެއިޓަށް [ބަރުދަނަށް] ގެންދަން ގާތްގަނޑަކަށް އެއް އަހަރު ނެގި،" ޒިންމާދާރު މަންމައެއްގެ ވަޒީފާ ވެސް ގޭގައި އަދާކުރަމުން އަންނަ އަނާ ބުންޏެވެ.

އަނާ ޝައުގުވެރިކަން ގުޅިފައިވަނީ ހަމައެކަނި އޭނާގެ ހަށިގަނޑުގެ ރީތިކޮށްލައިގެން ހުރުމަށް އެކަންޏެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އެހެން އަންހެނުން ތުނިކޮށް ތިބޭތަން ފެނުމަކީ އަނާގެ ވަރަށް ބޮޑު އުފަލެކެވެ. އޭނާގެ ހީޓަށް އެހެން އަންހެނުން އަރުވައި ހަށިގަނޑު ތުނިކޮށްދޭން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތްކޮށްދެ އެވެ. ހަގީގަތުގައި ފިޓްނަސްގެ އިލްމު އޭނާ އުނގެނުނީ ވެސް އެހެންވެ އެވެ.

އަނާއަކީ ސިންގަޕޫރަށް ދަތުރުކޮށް "ފިސާފް" އިންޓަނޭޝަނަލް އެރޮބިކްސް އިންސްޓްރަކްޓާ ކޯހާއި ގްރޫޕް ފިޓްނަސް "ލެސް މިލްސް" ކޯސްތައް ފުރިހަމަކޮށްފައިވާ އިންސްޓްރަކްޓަރަކެވެ.

"އެންމެ ފުރަތަމަ ކޯސް ނިންމާފައި އައިއިރު ޝެރީގެ އާ ތަން ހުޅުވައިގެން އުޅުނީ. އެތަނުގައި އުޅުނުތާ ހަ މަސް ފަހުން ދިޔައީ ޕާސަނަލް ޓްރެއިނަރާ ކޯހެއް ހަދަން. އޭރު ރާއްޖެއަކު ނޫޅޭ އަންހެން ޕާސަނަލް ޓްރެއިނަރުންނެއް. އޭގެ ފަހުން އަމިއްލައަށް ރިސާޗް ހަދައިގެން ދަސްކުރީ. އޭރު އަންހެނަކަށް ޖިމަށް ދާންވެސް ނޭނގެ،" ކަޝްރަތުގެ ފުރަތަމަ ވަޒީފާގެ ތަޖުރިބާގެ ވާހަކަ ދައްކަމުން ބުންޏެވެ.

"ހީޓް ޝިފާނާ" ހީޓު އުފައްދައިފި އެވެ. މިހާރު މި އަންނަނީ އެ ހީޓަށް އަނާ އެރި ހިސާބެވެ. އަނާ ބޭނުންވީ ހީޓުގައި މަސައްކަތް ކުރާށެވެ. ޝެރީގައި ގިނަ ދުވަސްތަކެއް އުޅުމަށްފަހު ހީޓް ހިންގުމާ އަނާ ހަވާލުވީ 2009 ވަނަ އަހަރު އެވެ. އެ ގޮން ޖެހުން އަނާ ގަބޫލުކުރީ އޭނާގެ ހަށިގަނޑެކޭ ގޮތަށް އެހެން މީހުންގެ ވެސް ރީތިކޮށްދޭން ވެގެނެވެ.

އަނާ ބުންޏެވެ: "ހީޓްގައި ޖިމް ހުޅުވުމުން އަސްލު އަންހެނުންނަށް ޖިމް އެނގުނީ. އޭރު ހެނދުނު ހައެއް ޖަހާއިރު ވަންނަ ގޮތަށް އިރު އޮއްސޭއިރު ނިމޭނީ... ދެން 2010 ގައި ހީޓް ބޮޑުތަނަށް ބަދަލުވީ. އެއީ ތިން ބުރީގެ އިމާރާތެއް،" އަނާ ބުންޏެވެ.

އެކަން އަނާއަށްވީ ވަރަށް ޗެލެންޖިން ކަމަކަށެވެ. ކްލާސް ނަގައި ދެމުން ތަން މެނޭޖު ކުރުމަކީ ބާރު ބޮޑު ކަމެކެވެ.

"އެކަމަކުވެސް މިތަނުގައި އުޅޭ އިންސްޓްރަކްޓަރުންނާ ގުޅިގެން ކުރިއަށް ދިޔައީ. އޭގެ ފަހުން ކްލާސް ނަގައިދިނުން ހުއްޓާލީ. އެގޮތަށް އަދިވެސް މި އުޅެނީ ތަން މެނޭޖުކުރަން،"

އަނާގެ ކިބައިގައި "ލީޑާޝިޕް ކޮލިޓީ" ވެސް އޭނާ ވަނީ ދައްކާލާފަ އެވެ. އެކަން ވެގެން ވެގެން ދިޔައީ ހީޓް ކުރިއަރައިގެން ދިއުމުގެ ވެސް އެއް ސަބަބަށެވެ. އަދި އަނާގެ އެ ސިފަވީ ދާއިރާގައި އޭނާ ބާރަށް ދުވެ ކުރި އަރައި ދިއުމުގެ ސަބަބަށެވެ.

"އަބަދު ވެސް ކަންކަން ކުރިއަރުވަން އުޅޭ ހިތްވޭ. އަންހެނުން ހައްގުގެ ދާއިރާގައި އުޅެން ބޭނުންވޭ. މީހުން ހޭލުންތެރި ކުރުވަން ބޭނުންވޭ. އެހެންވެ ހިލޭ ސާބަހަށް ޓީވީތަކަށް އަރައި ކަޝްރަތުގެ މައުލޫމާތު ވެސް ދެވިފައި ހުންނާނެ،" ރާއްޖެ އަށް ޒުމްބާ ކްލާސްތައް ފުރަތަމަ ތައާރަފު ކުރި އަނާ ބުންޏެވެ.

އަނާގެ މަސައްކަތުން އޭނާގެ ޗަބީ ހަށިގަނޑު ކޮށައި ތުނިކޮށްލި ގޮތަށް އަންހެނުންގެ މެދުގައި ހީޓް ވެސް ވަނީ މަގުބޫލުކޮށްދީފައެވެ. އެންމެ މަޝްހޫރު ފިޓްނަސް ސްޓޫޑިއޯއަށް ހަދައިދީ "ހީޓް" ސެލޫނު ވެސް ހުޅުވާފަ އެވެ.

"އެންމެ ގިނަ މީހުން ޝައުގުވެރިކަން މި ހުންނަނީ ހީޓް އަށް. ރާއްޖޭގެ ނަމްބަރު ވަން ހީޓްއަކީ. މީގެ ސަބަބެއް ކަމަށް މިވަނީ ހީޓްގެ އިންސްޓްރަކްޓަރުން. މިތަނުގެ ލެސްމިލްސް ބްރޭންޑް އެހެން މީހުން ވެސް ގެންގުޅޭކަން ނޭނގެ. އެކަމަކު އިންސްޓްރަކްޓަރުން މީހުންނާ ޓްރީޓް ކުރާ ގޮތް ތަފާތުވަނީ ހީޓްގަ،" އަނާ ބުންޏެވެ. "ކްލާހަކަށް އެބަ އާދޭ 20-30 މީހުން، މީހުން ވަރަށް ޓްރަސްޓް ކުރޭ މިތަނަށް،"

އަނާއަށް މިހާރު ވަނީ ޒުވާނުންނަށް ދޭ ހާއްސަ އިނާމުވެސް ލިބިފައެވެ. އެ ޝަރަފާއެކު އޭނާއަށް ލިބޭ އަނެެއް ޝަރަފަކީ ހިދުމަތް ހޯދަން އަންނަ މީހުންގެ ފަރާތުން އޭނާއަށް ދޭ ތަރުހީބާއި އިހުތިރާމެވެ.

"އެވޯޑުތަކެއް ނުލިބުނަސް މީހުންގެ ރެސްޕެކްޓް އޮތީމަ އެންމެ އުފާވަނީ. މީހުން މަސައްކަތް ބަލައިގަތުން އެންމެ ބޮޑު ކާމިޔާބީއަކީ،" އަނާ ބުންޏެވެ.

މިއަދު އަނާ ހަމައެކަނި ހީޓް ހިންގަނީ އެއް ނޫނެވެ. ރާއްޖޭގެ ބޮޑީ ބިލްޑިން ފެޑަރޭޝަންގެ އިސް މަގާމެއް ވެސް އޭނާ ފުރަ އެވެ. އެ ތަޖުރިބާ ވެގެންދަނީ އޭޝިޔާގެ ފެންވަރުގައި ވެސް ފަހުރުވެރި ފާހަގަ ކުރެވޭ ކަމަކަށެވެ. ފިރިހެނުންގެ ގިނަ ބަޔަކު ހަރަކާތެރިވާ ބޮޑު ޖަމިއްޔާއެއްގެ އިސް މަގާމެއްގައި އަނާ ހުރުން ވެސް އެއީ ގިނަ ބަޔަކު ފާހަގަ ކުރާ ކަމެކެވެ.

މިހާރު އަނާގެ ތުނި ހަށިގަނޑަށް ކޮންމެ ހެދުމެއްވެސް ހެޔޮވަރުކޮށްލެވިދާނެ އެވެ. އަދި މިހާރު މަސައްކަތުގެ ކޮންމެ ހީޓެއްގައި ވެސް އަނާއަށް ކުރިއަރައި އޮބައިލެވިދާނެ އެވެ. އަދި މިހާރު އަހަރެމެންނަށް ތަރުހީބުގެ ހޫނު އަތް ތިލަބަޑިއެއް އަނާއަށް ދެވިދާނެ އެވެ.