ހަބަރު

އެމްޑީޕީ އާއި އަދާލަތު ޕާޓީއަށް އިންތިޒާރު ކުރަން: ޕާޓީތައް

އެމްޑީޕީ އާއި އަދާލަތު ޕާޓީގެ ބައިވެރިވުމަކީ ސިޔާސީ ޕާޓީ މަޝްވަރާތަކުގައި ވަރަށް މުހިއްމު ކަމެއް ކަމަށް ދެކޭތީ މަޝްވަރާގެ މޭޒަށް އައުމަށް، އެ ދެ ޕާޓީއަށް މިރޭ ސަރުކާރާއެކު މަޝްވަރާގެ ބައްދަލުވުމަށް ވަޑައިގެންނެވި އެހެން ހުރިހާ ޕާޓީތަކުގެ މަންދޫބުން އިލްތިމާސްކުރައްވައިފި އެވެ.

އެމްޑީޕީއާއި އަދާލަތު ޕާޓީ ފިޔަވައި އެހެން ހުރިހާ ޕާޓީތަކުން މިރޭ ސަރުކާރާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، މަޝްވަރާކޮށްގެން ކަންކަން ނިންމުމަކީ އެންމެ ސުލްހަވެރި ރީތި އުސޫލު ކަމަށެވެ. އެމްޑީޕީ އާއި އަދާލަތުގެ ކަންބޮޑުވުންތަކެއް ވެސް ހުރި ކަން ގަބޫލުކުރައްވާ ކަމަށާއި، އެކަމަކު އެކަންކަމާ ގުޅިގެންވެސް ހޯދޭނެ ހައްލެއް އޮތްނަމަ އެގޮތެއްވެސް ހޯދޭނީ މަޝްވަރާގެ މޭޒަށް އައުމުން ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީން މަޝްވަރާގެ މޭޒަށް ވަޑައިގެންނެވީ އިސްލާހުކުރަންޖެހޭ ބައެއް ކަންކަން ގައުމުގައި ހުރިކަމަށް ގަބޫލުކުރާތީ ކަމަށެވެ. އެހެންކަމުން އެފަދަ އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ގަބޫލުކުރާ އިރު، އެ އިސްލާހުތަކަކީ ކޮބައިކަން އަޑު އަހައި، ހޯދޭނެ ހައްލަކާ މެދު މަޝްވަރާ ކުރުމަށް ތައްޔާރުވެ ރައީސް ހުޅުވާލާ ފުރުސަތަކީ ރަނުގެ ފުރުސަތެއް ކަމަށާއި ޖުމްހޫރީ ޕާޓީން އެ ފުރުސަތު ނަގާލަން ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން އެމްޑީޕީންވެސް މި ފުރުސަތުގެ ބޭނުން ހިފަންޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

".. އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ގައުމުގަ އިސްލާހަށް ބޭނުންވާ ކަންކަން ހުރިކަމަށް ރައީސަށް ގަބޫލުކުރެއްވޭތީ ރައީސް އަމިއްލަ ފުޅަށް އިސްނަންގަވައިގެން މަޝްވަރާއަށް ދައުވަތު ދެއްވާނީ. އެހެންވީމަ މި ކަމުގައި އެޖެންޑާއެއް ހަމަޖައްސާނީވެސް މިތަނުގައި ވާހަކަ ދައްކައިގެން ދެއްތޯ. ގާނޫނީ ހުކުމެއް ގާނޫނީ ކޯޓުތަކުން ބައެއްގެ މައްޗަށް ކޮށްގެން އެބާވަތުގެ ކަމެއްގައި އަދި އެ ނޫން ކަމެއްގައި ވެސް މަޝްވަރާކުރުމަށް ރައީސް ދައުވަތު ދެއްވުމުން ނައުމަކީ ހަމަ ޔަގީނުންވެސް އަޅުގަނޑު ކުރާނެ ކަމެއް ނޫން. އެފުރުސަތު ދޫކޮށްލާފަ ދިޔުމަކީ ހަމަ ޖެހޭ އުސޫލެއް ނޫން. ކުރީ ފަހަރު ވީހެން މި ފަހަރު ވުމަކީވެސް ލާޒިމް ކަމެއް ނޫން. އިހުލާސްތެރިކަމެއް އޮތް ކަމެއްވެސް އަދި ނެތް ކަމެއްވެސް އެނގޭނީ އެމްޑީޕީންވެސް އެ ބޭނުންވާ ކަންކަން މިކޮޅަށް އައިސް ދެއްކީމަ ދެއްތޯ. ތި ވިދާޅުވާ ކަންކަން ވެސް ރައީސް އަށް ލިބޭނީ ގާނޫނީ ހުދޫދުން ލިބޭ ބާރަކުން އެއީ ޝަރުއީ ހުކުމެއް އޮތް ކަމެއް ވީމަ،" ގާސިމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުވެސް ވިދާޅުވީ، އެމްޑީޕީން މަޝްވަރާތަކަށް އައުމަކީ ހުރިހާ ޕާޓީތަކުންވެސް އެދޭ ގޮތް ކަމަށެވެ. އަދި އެމްޑީޕީއަކީ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީއަށް ވާއިރު މަޝަވަރާގެ މޭޒުގައި އެމްޑީޕީގެ މުހިއްމުކަން ބޮޑު ކަމަށެވެ. އެހެންކަމުން އެ ދެ ޕާޓީ އަށް އެހެން ހުރިހާ ޕާޓީއަކުންވެސް އިންތިޒާރު ކުރާނެ ކަމަށެވެ.

".. އެފަދަ ގާނޫނު ނުހިގަންވީ ބައެއް ތިބި ކަމަށް ބުނެ ސިޔާސީ މަޝްވަރާތަކަށް ބަޔަކު ނައުމަކީ ވަރަށް ދެރަ ކަމެކޭ އަޅުގަނޑު ދަންނަވާނީ. ޑިމޮކްރަސީއެއްގަ އެންމެ ފުރަތަމަ ލޯ އަކީ ރޫލް އޮފް ލޯ. ގާނޫނު ނަގާ ދެމެހެއްޓުން. އަޅުގަނޑު މެންނަށް ރަނގަޅީ އެ މައްސަލާގަ ވެސް ވަކި ބޭފުޅަކަށް ވަކި ހާއްސަ އިނާޔަތެއް ދެއްވަން ވިޔަސް ވަޑައިން އެކަމަކަށް ހައްލު ހޯއްދެވުމަށް. އެބޭފުޅުން އެ ވިދާޅުވަނީ ބަންދުގައި ތިއްބެވި ފަރާތްތައް ދޫކޮށްލެވިގެންނޭ މަޝްވަރާތައް ކުރެވޭނީ. އެހެންވެއްޖިއްޔާ އަޅުގަނޑަށް ހީވަނީ އެބޭފުޅުން އެބަ ޖެހޭ ހެން، އެ ބޭފުޅުން ބޭނުންވަނީ މިވެނި ބައެއްގެ މައްޗަށް ގާނޫނީ ހުކޫމަތު ނުހިންގަން ކަމަށް ވެއްޖިއްޔާ އެހެންވެސް ލިޔުއްވައިން ވަޑައިގެންނެވީމަ ނޫންތޯ އެކަމަށް ހައްލެއް ހޯދޭނީ. އެހެންވީމަ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެމްޑީޕީ އާއި އަދާލަތު ޕާޓީން މާދަމާގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެ، އުންމީދު ކުރަނީ އެގޮތަށް،" ނިހާން ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް އެމްޑީއޭއާއި ޑީއާރުޕީ އިންވެސް ވަނީ މިރޭގެ މަޝްވަރާ އަށް އެމްޑީޕީއާއި އަދާލަތު ހާޒިރުވެފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.