މެންޗެސްޓާ ސިޓީ 3-0 އިން ބަލިކޮށް، މިދިޔަ ހަފުތާގައި ލީގު ކަޕް ފައިނަލުން ބަލިވުމުގެ ބަދަލު ރޭ ލިވަޕޫލުން ހިފައިފި އެވެ.
މެޗުގެ ފުރަތަމަ ލަނޑު ލިވަޕޫލަށް ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އާދަމް ލަލާނާ އެވެ. ދެ ވަނަ ލަނޑު ޖެހީ ޖޭމްސް މިލްނާ އެވެ. ތިން ވަނަ ލަނޑު ލަލާނާ ހުސްކޮށްފައި ދިން ބޯޅައަކުން ޖެހީ ރޮބާޓޯ ފިރްމީނޯ އެވެ.
މި މޮޅާއެކު ލިވަޕޫލް ވަނީ 41 ޕޮއިންޓާއެކު އަށް ވަނަ އަށް ކުރި އަށް ޖެހިލައިފަ އެވެ. ސިޓީ އޮތީ 47 ޕޮއިންޓާއެކު ހަތަރުވަނާގަ އެވެ.
މުހިންމު ބައެއް ކުޅުންތެރިން ކަމަށްވާ ފިލިޕް ކޫޓީނިއޯ އާއި ޑެނިއަލް ސްޓަރިޖް އަދި މަމަޑޯ ސަކޯ ވެސް ނުލައި ކުޅުނު މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މިއީ އޭނާގެ ޓީމު އެންމެ ރަނގަޅަށް ޕާސްކޮށްގެން ކުޅުނު މެޗު ކަމަށެވެ.
"ސިޓީއަކަށް ބޯޅަ ކުޅޭކަށް މި މެޗުގައި ފުރުސަތެއް ނުލިބޭ. އަހަރުމެން ކުޅުނީ ވަރަށް ރަނގަޅަށް. އަހަރުމެންނަށް ވަނީ މިދިޔަ މެޗުތަކުގައި ޕޮއިންޓްތަކެއް ގެއްލިފައި. މިހެންވެ އަހަރުމެންނަށް މި މެޗުން މޮޅުވާން ޖެހިފައި އޮތީ،" ކްލޮޕް ބުންޏެވެ.
ސިޓީގެ ކޯޗު މެނުއަލް ޕެލެގްރީނީ ބުނީ ބަހަނާ ދެއްކޭކަށް ނެތް ކަމަށާއި ނަމަވެސް އޭނާގެ ޓީމު އޮތީ ވަރަށް ވަރުބަލިކޮށް ކަމަށެވެ.
"ޗެމްޕިއަންސް ލީގާއި ލީގު ކަޕުގައި ކުޅެފައި އަހަރުމެން ތިބީ ވަރަށް ވަރުބަލިކޮށް. އަހަރުމެން މިދިޔަ ދެ ދުވަހު ޓްރޭނިން ހެދީ ވެސް ވަރަށް ލުއިކޮށް. އެކަމަކު ވެސް ވަރަށް ވަރުބަލި. އެމީހުން ހުރިހާ ބޯޅައެއް ކުޅުނީ،" ޕެލެގްރީނީ ބުންޏެވެ.