މެންޗެސްޓާ ސިޓީ އަތުން 3-0އިން ޕްރެމިއާ ލީގުގައި ރޭ ލިވަޕޫލް މޮޅުވި މެޗުގައި ލިވަޕޫލްގެ ކޯލޯ ޓޯރޭ ރެކޯޑެއް ހަދައިފި އެވެ.
ރޭގެ މެޗަކީ އޭނާ އިނގިރޭސި ލީގުގައި ކުޅުނު 300 ވަނަ މެޗެވެ. މި އަދަދަށް އެފްރިކާގެ އެއްވެސް ކުޅުންތެރިއަކު މީގެ ކުރިން މެޗު ކުޅެފައެއްނުވެ އެވެ.
ސިޓީ އާއި އާސެނަލް އަށް ވެސް ކުރިން ކުޅުނު 35 އަހަރުގެ ޓޯރޯ އަކީ އައިވަރީ ކޯސްޓަށް އުފަން ކުޅުންތެރިއެކެވެ. އޭނާ އެންމެ ގިނަ މެޗު ކުޅުނީ ވެސް އާސެނަލް އަށެވެ. 2002 އިން 2009 އަށް އާސެނަލް އަށް ކުޅެ އޭނާ ވަނީ 225 މެޗު ކުޅެފަ އެވެ. އޭގެ ފަހުން 2013 ވަނަ އަހަރާ ހަމައަށް ސިޓީ އަށް އޭނާ ކުޅެދީފައިވަނީ 82 މެޗެވެ. އޭގެ ފަހުން ރެއާ ހަމައަށް ލިވަޕޫލަށް ކުޅެދީފައިވަނީ 40 މެޗެވެ. މި މެޗުތަކުގައި އޭނާ ޖަހާފައިވަނީ 12 ގޯލެވެ. އެއީ އާސެނަލް އަށް ނުވަ ގޯލު، ސިޓީ އަށް ދެ ގޯލު އަދި ލިވަޕޫލަށް އެންމެ ގޯލެކެވެ.
ނަމަވެސް މިއީ ޕްރެމިއާ ލީގުގެ ކުލަބަކުން އޭނާ ފެންނާނެ ފަހު ސީޒަނަށް ވުން ވެސް އެކަށީގެންވެ އެވެ. އެއީ މި ސީޒަނަށް ފަހު އޭނާ އަށް ލިވަޕޫލުން އާކޮންޓްރެކްޓެއް ނުދޭނެ ކަމަށް ލަފާކުރެވިފައިވާތީ އެވެ.
ސިޓީ އަށް ކުޅޭ އައިވަރީ ކޯސްޓްގެ ޔާޔާ ޓޯރޯގެ ބޭބެ ކޯލޯ ޓޯރޭ އަކީ ހުސްވި އަހަރު އެފްރިކާގެ ގައުމުތަކުގެ މުބާރާތް އައިވަރީ ކޯސްޓަށް ކާމިޔާބުކޮށްދިނުމަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލި ކުޅުންތެރިއެކެވެ.
ރޭގެ މެޗަށް ފަހު އޭނާ ބުނީ މިއީ އުފާވެރި އިހުސާސެއް ކުރެވުނު ކަމެއް ކަމަށާއި ނަމަވެސް އެންމެ އުފާވަނީ ޓީމު މޮޅުކޮށްދެވުމުން ކަމަށެވެ. އަދި އުއްމީދު ކުރަނީ އަދިވެސް ގިނަ މެޗުތަކެއް ޕްރެމިއާ ލީގުގައި ކުޅެން ކަމަށެވެ.