ބިންހެލުން

އޮއިގެ ތަފާތެއް އުޅޭ ކަމަކަށް ނުދައްކާ: މެޓް

އިންޑޮނެޝިއާގެ ސުމަޓްރާ ކައިރިއަށް އިއްޔެ އާއި ބިން ހެލުމާއި ގުޅިގެން މިހާރު ސުނާމީގެ އެއްވެސް ބިރެއް ނެތް ނަމަވެސް ކުރިން ވެސް އަންގާފައިވާ އެންގުންތަކާ އެއްގޮތަށް އަދިވެސް ސަމާލުވެ ތިބުމަށް ނެޝަނަލް މީޓްރޮލޮޖިކަލް ސާވިސް އިން ބުނެފި އެވެ.

މެޓުން މިއަދު ބުނީ މިހާތަނަށް ރާއްޖޭގެ ކަނޑުގެ އެއްވެސް ހިސާބެއްގައި އޮއިގެ އެއްވެސް ތަފާތެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ތައްޔާރީ ހާލަތުގައި ތިބުން ބުއްދިވެރި ކަމަށެވެ. މެޓާއި ޑިޒާސްޓާސް މެނޭޖްމެންޓުން ބުނެފައި ވަނީ ގޮނޑުދޮށަށް ނުދިޔުމަށް އިލްތިމާސްކުރާ ކަމަށެވެ.

"ކަނޑުގެ އެއްވެސް ހިސާބެއްގައި އޮއިގެ އެއްވެސް ތަފާތެއް އުޅޭ ކަމަކަށް އޮބްޒަވޭޝަންތަކަކުން ނުދައްކާ. އަދި ވަރަށް ނޯމަލް ކަމަށް ދައްކަނީ،" މެޓު އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އިއްޔެގެ ސްމަޓްރާ ކައިރިއަށް ބިން ހެލުން އައިސްފައިވަނީ 7.9 މެގްނެޓިއުޑްގެ ބާރުމިނުގަ އެވެ. ފުރަތަމަ ބިން ހެލުން ރިކޯޑްކޮށްފައިވަނީ 8.1 މެގްނެޓިއުޑްގެ ބާރު މިނުގަ އެވެ. އެ ބިން ހެލުން އައިސްފައިވަނީ ބިމުގެ 10 ކިލޯ މީޓަރު އަޑިއަށެވެ.

ބިންހެލުމާ ގުޅިގެން ސުނާމީ ވޯނިން އެލާޓް ނެރުނެވެ. ރާއްޖެއަށް ވެސް ސުނާމީ ވޮޗް އެލާޓް ނެރުނުއިރު އެއްވެސް ސަރަހައްދަކަށް ސުނާމީއެއްގެ އަސަރުކޮށްފައެއް ނުވެ އެވެ. ރާއްޖެއިން ސުނާމީ އެލާޓް ކެންސަލްކުރީ ރޭ 9:15 ގައެވެ.