އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި ބައެއް ރަށްރަށުގެ ގޭގެއަށް ފެންވަދެއްޖެ އެވެ.
"އަވަސް" އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބު ވިދާޅުވީ ރޭ ދަންވަރުން ފެށިގެން އައްޑޫގެ ގިނަ ހިސާބުތަކަށް ހުއްޓުމެއް ނެތި، ބޯކޮށް ވާރޭ ވެހެމުންދާ ކަމަށާއި އަދި ބައެއް ގޭގެއަށް ވެސް ފެންވަދެފައިވާ ކަމަށެވެ. އެގޮތުން މަރަދޫ ފޭދޫއާއި، ފޭދޫ އަދި ހިތަދޫގެ ބައެއް ހިސާބުތަކުގައި ވެސް ފެން ބޮޑުވެފައިވާ ކަމަށް ތައްޔިބު ވިދާޅުވި އެވެ.
"ވާރޭ ވެހި، ފެން ބޮޑުވުމުގެ ސަބަބުން އެތައް ބަޔަކު ކައުންސިލަށް ފޯނު ކޮށްގެން ރިޕޯޓު ކުރަމުން މިހާރުވެސް އެބަދޭ. މިއަދު ހެނދުނު ވެސް 20 އަށް ވުރެއް ގިނަ މީހުންގެ ގެޔަށް ފެން ބޮޑުވެގެން ކަންބޮޑުވާ ހިސާބަށް ގޮސްގެން އަޅުގަނޑުމެންނަށް ރިޕޯޓުކުރި،" ތައްޔިބު ވިދާޅުވި އެވެ.
ތައްޔިބު ވިދާޅުވީ ފެބޮޑުވުމުގެ ސަބަބުން ފުލުހުންނާއި އެމްއެންޑީއެފް އިން ފެން ހިންދުމުގެ މަސައްކަތުގައި ރަށުތެރޭގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން މައުލޫމާތު ދޭ ގޮތުގައި ރޭ ދަންވަރުން ފެށިގެން އައްޑޫއަށް 198 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށާއި އަދި ކުރިޔަށް އޮތް 24 ގަޑި އިރު ތެރޭގައި ވެސް އައްޑޫއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރާ ކަމަށެވެ. އަދި އުތުރުގެ އެހެން ރައްތަކަށް ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެއެވެ.