ހަބަރު

ތިން މިލިއަން ޑޮލަރު ހަރަދުކޮށް ނަމްބަރު ޕޯޓެބިލިޓީގެ ހިދުމަތް ފަށައިފި

Mar 3, 2016
7
  • މި ހިދުމަތް ދެނީ ދުނިޔޭގެ މަދު ގައުމެއްގައި
  • ހިދުމަތް ހޯދުމަށް 200ރ. ގެ ފީއެއް ނަގާ
  • މީގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަ ވެގެންދޭ

ތިން މިލިއަން ޑޮލަރު ހަރަދުކޮށްގެން ނަމްބަރު ޕޯޓެބިލިޓީގެ ހިދުމަތް މިއަދު ރަސްމީކޮށް ތައާރަފު ކޮށްފި އެވެ.

ފޯނު ނަމްބަރު ބަދަލުނުކޮށް ބޭނުންވާ މޮބައިލް ނެޓްވޯކެއް ހިޔާރު ކުރެވޭ މި ހިދުމަތް ފައްޓަވައިދެއްވަމުން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ހިދުމަތް މިއަދު ލޯންޗް ކުރީ ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ އުރީދޫ އާއި ދިރާގުން ތިން މިލިއަން ޑޮލަރު ހަރަދުކޮށްގެން ކަމަށެވެ.

"މިއަދަކީ ރާއްޖޭގެ މުއާސަލާތީ ތާރީހުގައި ހާއްސަ ދުވަހެއް. މީގެ ކުރިން އެންމެ ހާއްސަ ދުވަހަކީ ރާއްޖޭގެ މުއާސަލާތީ ދާއިރާއަށް އިތުރު ކުންފުންޏެއް އައި ދުވަސް. މިއަދު މިއީ އެ ދުވަހުގެ ފަހުން އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ކަމެއް،" އުމަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ހިދުމަތާއެކު މުއާސަލާތީ ދެކުންފުނީގެ ވާދަވެރި ކަމުގެ ތެރެއިން ކުރިޔަށް އޮތް ތަނުގައި މުއާސަލާތީ ހިދުމަތްތަކުގެ އަގު ހެޔޮވެގެންދާނެ ކަމަށެވެ.

"މި ހިދުމަތުގެ ސަބަބުން ނަމްބަރު ބަދަލު ކުރުމެއްނެތި. ހިދުމަތް ބޭނުންކުރާ ކުންފުނި ބަދަލު ކުރުމުގެ ފުރުސަތު ލިބިގެންދާނެ. ނަމްބަރު ބާއްވާފަ ދިރާގު ނުވަތަ އުރީދޫ އަށް ބަދަލު ވެވިދާނެ،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް އަބަދުﷲ ޔާމީން ސަރުކާރަށް ވަޑައިގަތުމަށްފަހު ކަނޑައެޅި އެކްޝަން ޕްލޭންގެ ތެރޭގައި ކުރުމަށް މިކަން ނިންމާފައިވާ ކަމަށާއި، މިއީ އޭގެ އެއްބައި ކަމަށެވެ.

"މި ލޯންޗް ކުރެވެނީ އެކަންތައް ތަންފީޒް ކުރެވޭނެ ހިދުމަތް،" އުމަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ނަމްބަރު ޕޯޓެބިލިޓީގެ ހިދުމަތަކީ މި ސަރަހައްދުގެ މަގު ގައުމުތަކެއްގައި ލިބެމުންދާ ހިދުމަތެއް ކަމަށެވެ.

"މި ހިދުމަތް ލިބެނީ އިންޑިޔާ އާއި ޕާކިސްތާނު. ދުނިޔޭގެ ފެންވަރަށް ބަލާނަމަ 70 ވަރަކަށް ގައުމުގައި މި ހިދުމަތް ދެވެނީ. އޭޝިޔާ ޕެސިފިކަށް ބަލާނަމަ ގާތްގަނޑަކަށް ހަތް ގައުމުގައި މި ހިދުމަތް ލިބެނީ. އެހެންވީމަ އަޅުގަނޑުމެންނަށް ޔަގީން ދުނިޔޭގެ ހުރިހާ މި ހިދުމަތް ގާއިމް ކުރާނެކަން. ނަމަވެސް ރާއްޖޭގައި މިހާ އަވަހަށް މި ހިދުމަތް ގާއިމް ކުރުމުން ދައްކުވައިދެނީ ރާއްޖޭގެ މުއާސަލާތީ ދާއިރާއަކީ އެކަށީގެންވާ ބާރުމިނުގައި ކުރިއަރާފައިވާ އިންޑަސްޓްރީއެއްކަން،" އުމަރު ވިދާޅުވި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ވިދާޅުވީ ނަމްބަރު ޕޯޓެބިލިޓީގެ ހިދުމަތް ރާއްޖޭގައި މިއަދު ފެށުމުން މޮބައިލް ބޭނުން ކުރާ މީހުންނަށް އިތުރު ފަސޭތަކާއި މިނިވަން ކަމެއް ލިބިގެންދާނެ ކަމަށާއި އަދި މި ހިދުމަތް ފޯރުކޮށް ދެވުމުން ހިތްހަމަ ޖެހޭ ކަމަށެވެ.

"ނަމްބަރު ބަދަލުވުމަކީ ވަރަށް ބޭނުންނުވާ ކަމެއް. ނަމަވެސް މި ހިދުމަތުގެ ސަބަބުން ނަމްބަރު ބަދަލު ނުކޮށް ބޭނުންވާ ނެޓްވޯކް ހިޔާރު ކުރެވޭނެ. މީގެ ސަބަބުން ފޯނު ބޭނުން ކުރުން މިނިވަންކަން އިތުރުވޭ،" އިލްޔާސް ވިދާޅުވި އެވެ.

މިއަދު ތައާރަފު ކުރި ނަމްބަރު ޕޯޓެބިލިޓީގެހިދުމަތް ރަސްމީކޮށް ފެށި ނަމަވެސް އާންމުކޮށް ހިދުމަތް ދޫކޮށްލާނީ 10 ދުވަހުން ފެށިގެންނެވެ.

މި ހިދުމަތް ހޯދުމުގެ ޝަތުރުތައް

  • ޕޯސްޓްޕެއިޑް، ކޯޕަރޭޓް ކަސްޓަމަރުންވެސް ނުދައްކާހުރި ބިލްތައް ދެއްކުން
  • ޕްރިޕެއިޑް ކަސްޓަމަރުން ނަގާފައިވާ ކްރެޑިޓް ހިދުމަތް ހަލާސްކުރުން
  • ނަމްބަރަކީ އެކްޓިވް ނަމްބަރަށް ވާން ޖެހޭ
  • ނަމްބަރު ބޭނުންކުރާތާ 90 ދުވަސް ވެފައިވާ ނަމްބަރަށް ވާންޖެހޭ

ހިދުމަތް ހޯދަން ހަދަން ޖެހޭ ގޮތް

  • ޔުނީކް ޕޯޓިން ކޯޑެއް ހޯދުމަށް "ޕޯޓް" ޖަހާފައި 234 އަށް މެސެޖު ކުރުން
  • އަލަށް ބަދަލުކުރާ ކުންފުނީގެ އެޕްލިކޭޝަން ފޯމް ފުރުން
  • ފޯމް ފުރާއިރު ޕޯޓް ކޯޑު ބޭނުންވާނެ
  • ޕޯސްޓް ޕެއިޑް ކަސްޓަމަރުން އެންމެ ފަހުގެ ބިލް ބޭނުންވާނެ
  • ސެޓަޕް ފީއެއްގެ ގޮތުގައި 200ރ. ނަގާނެ
  • އަލަށް ހިދުމަތް ހޯދާ ކުންފުނިން ސިމް ކާޑެއް ލިބޭނެ
  • ފޯމު ލުމުން އަލަށް ހިދުމަތް ހޯދާ ކުންފުނިން މެސެޖުކުރާނެ
  • ނަމްބަރު ބަދަލުވާނީ ހިދުމަތް އެދޭ ދުވަހުގެ ރޭ ދަންވަރު 12:00-2:00 އާ ދެމެދުގައި
  • ހިދުމަތް އެންމެ ގިނަވެގެން 48 ގަޑިއިރު ތެރޭގައި ނަމްބަރު ބަދަލު ކުރެވޭނެ

ނަމްބަރު ޕޯޓެބިލިޓީގެ ހިދުމަތާ ބެހޭ ގޮތުން ދިރާގުގެ ސީއީ އިސްމާއިލް ރަޝީދު ވިދާޅުވީ ސަރުކާރުގެ މުއާސަލާތީ ހިދުމަތަކީ މުހިންމު ހިދުމަތެއް ކަމަށެވެ.

"މި ރީޖަންގައިވެސް މި ހިދުމަތް ދެނީ. މި ހިދުމަތް ތައާރަފު ކުރުމަކީ ވަރަށް ބޮޑު ޝަރަފެއް. ނަމްބަރު ޕޯޓެބިލިޓީގެ ސަބަބުން އިތުރު ފަސޭހައެއް ލިބޭނެ،" އިސްމާއިލް ވިދާޅުވި އެވެ.

އުރީދޫ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ރާއްޖޭގެ މުއާސަލާތީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

"މީގެން އެނގެނީ އައިސީީ ދާއިރާ އިން ލިބިފައިވާ ބޮޑު ކުރިއެރުން. މި ކުރިއެރުން ލިބިގެންދަނީ ރާއްޖޭގެ ކޮމިއުނީކޭޝަން ދާއިރާގެ ރެގިއުލޭޓްރީ ފްރޭމް ވޯކްގެ ވަރުގަދަކަން،" ވިކްރަމް ވިދާޅުވި އެވެ.