މިނިސްޓްރީ އޮފް ފިނޭންސްގެ އޮނިގަނޑަށް ގެންނަ ބަދަލުތަކާއި ގުޅިގެން އެ މިނިސްޓްރީގެ ބައެއް ޑިޕާޓްމަންޓްތަކުގެ މުވައްޒަފުން އެހެން އޮފީސްތަކަށް ބަދަލު ކުރަން ނިންމާފައިވީ ނަމަވެސް، މުވައްޒަފުން ވަކިކުރާނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން ބައެއް މުވައްޒަފުން މަދުކޮށް، ބަދަލު މުވައްޒަފުންނަށް އެހެން އޮފީސްތަކުން ވަޒީފާ ހަމަޖައްސާ ދިނުމުގެ މަސައްކަތް ފެށީ ރައީސް އަބްދުﷲ ޔާމީންގެ ލަފާފުޅުގެ މަތިން ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް އަންގައިގެންނެވެ.
ސީއެސްސީގެ ސެކެޓްރީ ޖެނަރަލް، މުހައްމަދު ފައިޒަލް އަވަސް އަށް މިއަދު ވިދާޅުވީ، މުވައްޒަފުން ބަދަލުކުރުމަށް ފިނޭންސް މިނިސްޓްރީގެ ދަފްތަރު މިހާރު ދިރާސާކުރަން ފަށާފައިވާ ކަމަށެވެ. ދަފްތަރު ދިރާސާކޮށް، ބަދަލުކުރަންޖެހޭ މީހުންގެ ލިސްޓު ފައިނަލްވުމުން މުވައްޒަފުން ބަދަލުކުރަން ފަށާނެ ކަމަށެވެ. ބަދަލުކުރާ މީހުންގެ އަދަދު އަދިވެސް ކަނޑަނޭޅޭތީ، މުވައްޒަފުން ބަދަލުކުރާނެ އޮފީސްތަކެއްވެސް އަދި ފައިނަލް ނުކުރާ ކަމަށް ފައިޒަލް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންގެ ދަފްތަރު ރިވިއުކުރާތާ ދެ މަސް ވެފައިވާއިރު އަދިވެސް އެ މަސައްކަތަށް ނަގާނެ މުއްދަތެއް ބުންނަން ނޭނގޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ފައިޒަލް ވިދާޅުވީ، މުވައްޒަފުންގެ ވަޒީފާ އެހެން އޮފީސްތަކަށް ބަދަލުކުރާނީ ސިވިލް ސާވިސް ގަވާއިދުގައި އެކަމަށް ކަނޑައަޅާފައިވާ ގޮތަށް ކަމަށެވެ.
"ފިނޭންސް މިނިސްޓްރީއަށް ޕާމަނަންޓް ސެކެރެޓަރީ އެއް ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި. އެހެންވީމަ އެބޭފުޅަކު އެ މިނިސްޓްރީއަށް ލިބުމުން މަސައްކަތުގެ ސްޕީޑް މިހާރަށްވުރެ އަވަސް ވާނެ ކަމަށް އަޅުގަނޑަށް ލަފާކުރެވޭ. ދެން އެކަމަކު މިހާރުވެސް މުވައްޒަފުންގެ ލިސްޓުތައް ރިވިވް ކުރަމުން މި ގެންދަނީ. ފިނޭންސުން ވަކި ކުރާ މުވައްޒަފުންނަށް ޖާގަ ދޭ އޮފީސްތަކާއި އެކަންކަން ވެސް ކުރާނީ ރިވިއުކުރުމުގެ މަރުހަލާ ނިމުމުން،" ފައިޒަލް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން ބައެއް މުވައްޒަފުން ބަދަލުކުރަން ނިންމި މައްސަލާގައި އެ މިނިސްޓްރީގެ މުވައްޒަފުން ވަނީ މީގެ ކުރިން ހަޅުތާލުކޮށް ނުރުހުން ފާޅުކޮށްފަ އެވެ.