ހަބަރު

ކުޅިވަރާއި މުނިފޫހިފިލުވުމަށް "ޔެސް" ޗެނަލު އުފައްދަނީ

މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުޅިވަރާއި މުނިފޫހި ފިލުވުމަށް ހާއްސަ ޓީވީ ޗެނަލެއް އުފައްދަން ނިންމައިފި އެވެ.

މި ޓީވީ ޗެނަލް އުފައްދަން ޔޫތު މިނިސްޓްރީ އާއި ޕީއެސްއެމްއާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު ވިދާޅުވީ މި ޓީވީ ޗެނަލަކީ ޒުވާނުންނަށް ކުޅިވަރާއި މުނިފޫހި ފިލުވުމަށް ހާއްސަކޮށްގެން އުފައްދާ ޗެނަލެއް ކަމަށެވެ. އަދި މި ޗެނަލަކީ ކުޅިވަރަކަށް ހާއްސަކޮށްގެން އާ ގާނޫނެއް ވުޖޫދަށް ގެނެސް އެ ގާނޫނުގެ ތެރެއިން އުފައްދާ ޗެނަލެއް ކަމަށާއި އަދި މި ޗެނަލް އުފައްދަން ގާނޫނޫގައި ލާޒިމްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަގްސަދަކީ ޒުވާނުންނަށް ބޭނުންވާ އަދި ލިބެންޖެހޭ ފުރިހަމަ މައުލޫމާތާއި އަދި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ ކުޅިވަރު ހަރަކާތްތައް އަދި ޕްރޮގްރާމްތައް ޔޫތު މިނިސްޓްރީ އާއި ޕީއެސްއެމް ގުޅިގެން އަދި ރާއްޖޭގެ ނޭޝަނަލް ހުރިހާ އެސޯސިއޭޝަން ގުޅިގެން ޒުވާނުންނަށް ބޭނުންވާ މައުލޫމާތުތަކާއި އަދި މި ކުޅިވަރު ވަސީލަތްތައް ވީހާވެސް ގާތުން ޒުވާނުންނަށް ފެނިގެން ދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ޗެނަލުން ޒުވާނުންނަށް ބޭނުންވާ ކުޅިވަރާއި މުނިފޫހި ފިލުވައިދިނުމުގެ އެންމެ ފަހުގެ މައުލޫމާތުތައް ގެނެސްދޭނެ ކަމަށާއި ޕީއެސްއެމާއި ގުޅިގެން ޗެނަލް އުފައްދަން ނިންމީ އަލަށް ކުންފުންޏެއް ހަދައިގެން ޓީވީ ޗެނަލެއް އުފައްދަން ކުރަންޖެހޭ ހަރަދު ބޮޑުވާނެތީ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑައިރެކްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ "ޔެސް" ޗެނަލުގެ ނަމުގައި ގެެނެސްދޭ މި ޗެނަލް ވުޖޫދަށް ގެނެވޭނެ ވަކި ދުވަހެއް ސީދާ ބުނަން ނޭނގުނު ކަމުގައި ވިޔަސް ވަރަށް އަވަހަށް މި ޗެނަލް ވުޖޫދަށް ގެންނާނެ ކަމަށެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި ޗެނަލް ލިބޭނެ ކަމަށާއި ދުނިޔޭގެ ގްލޯބްގެ ތިންބައި ކޮށްފައި ދެބަޔަށް މި ޗެނަލްގެ ސިގްނަލް ލިބޭނެ ކަމަށެވެ. އަދި މީގެ އިތުރުން ޗެނަލް ވުޖޫދަށް އަންނަ ދުވަހުން ފެށިގެން މި ޗެނަލް ސްޓްރީމް ކުރެވޭނެ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ ޕީއެސްއެމުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރައްވަން ކަމަށްވާތީ މާލޭގެ އިތުރުން ރަށްރަށުގައި ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތައްވެސް އެޗެނަލް މެދުވެރިކޮށް ރައްޔިތުންނާއި ހަމައަށް ގެނެސްދޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް ހަބަރު ގެނެސްދިނުމުގައި ޕްރައިވެޓް މީޑިއާތަކާއި ވާދަ ނުކުރާނެ ކަމަށާއި އެކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ އެ މީޑިއާތަކާއި ގުޅިގެން އެ މީޑިއާތައް ކުރިއަރުވަން ކަމަށެވެ.