ކުރީގެ ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް

މަންޗަންގޯޅި އާއި މާފަންނު ގޭގެއަށް މެޑަމް ޒިޔާރަތް ކުރައްވައިފި

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން މެޑަމް، ފާތިމަތު އިބްރާހިމް މަންޗަންގޯޅި އަދި މާފަންނުގެ ބައެއް ގޭގެއަށް ޒިޔާރަތް ކުރައްވައިފި އެވެ.

މެޑަމްގެ އޮފީހުން ބުނީ، މިއަދު މެޑަމް ޒިޔާރަތްކުރެއްވީ މާފަންނާއި މަންޗަންގޯޅީގެ ފަގީރު އަދި ނިކަމެތިން ދިރިއުޅެމުންދާ ގެތައް ބައްލަވައިގެން އެ ގޭތަކަށް ކަމަށެވެ.

މިއީ މެޑަމް މިގޮތަށް މާލޭގެ ގޭގެއެއް ޒިޔާރަތްކުރެއްވި ދެވަނަ ފަހަރެވެ. މީގެކުރިން ހެންވޭރާއި ގަލޮޅުގެ ބައެއް ގޭގެއަށް މެޑަމް ޒިޔާރަތްކޮށްފައިވެ އެވެ. މާލޭގެ ގޭގޭއަށް މެޑަމް ކުރައްވާ ޒިޔާރާތާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ (މުއާ) ވިދާޅުވެފައިވަނީ، މެޑަމް ފާތުން އަކީ އިޖްތިމާއީ ކަންތައްތަކުގައި ވަރަށް ގިނައިން އިސްނަންގަވައިގެން މަސައްކަތް ކުރާ ކަނބަލެއް ކަމަށާއި އެގޮތުން ރައްޔިތުންގެ ހާލު ބައްލަވާ ލެއްވުމަށް މާލޭގެ ބައެއް ގޭގެޔަށް ޒިޔާރަތް ކުރައްވަނީ ކަމަށެވެ.

"މިއީ އެއްވެސް ވަރަކަށް ސަރުކާރާއި ގުޅުން ހުރި ކަމެއް ނޫން. މިއީ އެކަމަނާ އަމިއްލަ ފުޅަށް އިސްނަންގަވައިގެން ކުރެއްވި މަސައްކަތެއް. އެކަމަނާ ގޮސް ގޭގޭގައި އުޅުއްވާ އަންހެން ބޭފުޅުންނާއި ނުވަތަ އެހެން މީހުނާވެސް އެކީ އިށީންދެ ބައްދަލު ކުރައްވާ، އެފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތާއި ދަތިވާ ބައެއް ކަންކަން އޮޅުން ފިލުވާ ހެއްދެވި،" މުއާ ވިދާޅުވި އެވެ.

މާލޭގެ ގެތައް ޒިޔާރަތްކުރެއްވުމުގެ އިތުރުން އެކަމަނާ އަންނަނީ ބަލި މީހުންނަށް ޒިޔާރަތް ކުރައްވައި ނުކުޅެދޭ މީހުންނާއި އެކަނިވެރި މައިންނަށް އަމިއްލަ ގޮތުން ބޮޑެތި އެހީތަކެއް ވެދެއްވަމުންނެވެ.